ސާޅީސް އަަހަރުގެ ދިގު ތާރީހެއްގެ ވާހަކަ، ދުލުން ބުނެލަން ފަސޭހަ ނަމަވެސް، އެކަމުގެ އިހުސާސް ކުރެވޭނީ އެކަން ތަޖުރިބާ ކުރި ބައަކަކަށް ކަން ޔަގީނެވެ. ދަރިންނާއި މައިންނާއި، ބަފައިން އެންމެން އެއްގޯއްޗެއްގައި އުޅެން ޖެހި ކާފަ މާމަ ދަރިން ލިބި، އެއް ބާލީހެއް ހިއްސާ ކުރަން ޖެހޭ ހިސާބަށް ދާއިރު ކުރެވޭނެ އިހުސާސް ތަކާއި ވާނެ އުނދަގޫތައް ކޮމަންޑޫ މީހުން އެ ދަނީ ކުރަމުންނެވެ.
މި ހިތްދަތި ކަމުގެ ސަބަބުން ދިރިއުޅުމަށް އުދަގޫތަކާއި ކުރިމަތިވެ، އެެރަށުގެ އާބާދީގެ ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ މާލޭގަ އާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގައި ކަމަށް އެރަށުގެ ކައުންސިލުން ބުނެ އެވެ. ކޮމަންޑޫއަށް ކުރިމަތި ވެފައިވާ ބޯހިޔާ ވަހިކަމުގެ ދަތިކަން އެ މީހުން ސިފަކޮށް ދެނީ މި ގޮތަށެވެ.
މިއީ ކޮމަންޑޫ އާއިލާއެއް ދިރިއުޅެމުންދާ ގެއެއްގެ ކޮޓްރިއެކެވެ. 14 ފޫޓް 12 ފޫޓް ކުޑަ ކޮޓްރިއެކެވެ. ހަތަރު ކުދިންނާއި ދެމެ ފިރިން އެއްކޮށް ނިދާލަން ޖެހިފައިވާ ކޮޓްރިއެވެ. ތިޔައިން ކޮންމެ ބޭފުޅަކަށްވެސް ހިތަށް ސިފަކޮށްލަ ބަލާށެވެ. އެތައް ކަމަކުން އެ އާއިލާ މަހުރޫމްވެ ދިރިއުޅުމަށް އެތައް ގޮއްޖެހުން ތަކެއް ވަނީ ކުރިމަތި ވެފައެވެ. ނަމަވެސް މިއީ މިއަދު އެ އާއިލާއަށް އޮތް ހަމައެކަނި ގޮތެވެ.
ކޮމަންޑޫގައި މިހިތްދަތި ދިރިއުޅުމުގައި އުޅެމުން ދަނީ މިއާއިލާ އެކައްޗެއް ނޫނެވެ. އެފަދަ އާއިލާތައް އެ ރަށުގައި އެހާލެއްގައި ދިރި އުޅޭތާ މިހާރު 40 އަހަރު ވެފައިވާ ކަމަށް އެރަށު މީހުން ބުނެއެވެ. އެރަށުން "ސީއެންއެމް" އާ ވާހަކަ ދެއްކި މީހަކު ބުނީ "ކަންތައްތައް ވާން އޮވެ. މި ދަތި ދިރިއުޅުމަކީ އަހަރުމެއްނަށް ސަރުކާރު ތަކުން ދިން އަނިޔާ އާއި ވޭނުން ފުރިގެންވި ދުވަސް ތަކެއް." ކަމަށެވެ.
"ކޮމަންޑޫގައި ބޯ އަޅާނެ ބާލީހެއް ބާއްވާނެ ތަނެއް ވެސް ނެތް" އެއީ އެ ރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަން ސިފަ ކުރާގޮތެވެ. އެ ސިފަ ކުރުމުން ކޮމަންޑުއަށް ކުރުމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައިވާ މިންވަރު ވަޒަން ކުރާ ބަޔަކަށް ވަޒަން ކުރަން ފަސޭހަވާނެ އެވެ. އެ ބޮޑު މައްސަލާގައި އެތަކެއް އަހަރެއް މާޒީވި ފަހުން އެކަމަށް އަލި މަގެއް ފެންނަން މިހާރުވަނީ ފަށާފަ އެވެ.
މި ފެންނަނީ ކޮމަންޑޫގެ މަގެކެވެ. ހަނި މިމަގުގެ ދެ ފަރާތުން ދެ ގެ ފެންނަ އިރުގަ، ދެ ގޭގެ ދެދޮރު މިފެންނަނީ ކައިވަތެއް ހާކައިރިން ކަހަލަ ގޮތަކަށް ޖެހިގެންނެވެ. މިގޮތަށް ދެދޮރު ޖެހިގެން ހުރުމުގެ ސަބަބުން ވަދެ ނުކުމެވޭނެ ގޮތް ސިފަކުރެވޭނީ ހަމަ އެކަނި އެމަގު ބޭނުންކޮށް އުޅޭ އަދި ތަޖުރިބާ ކުރި ބަޔަކަށެވެ. ހަމައެކަނި އެ ރަށުގައި ދިރި އުޅުނު ބަޔަކަށެވެ. މިހެން ބަލާލި ފޮޓޯ އަކުން އޭގެ އުނދަގޫ އިހުސާސް ނުވާނެއެެވެ.
ނަމަވެސް މި ވޭތުވެދިޔަ ދުވަސް ތަކާއި އަހަރު ތަކުގައި، އެ ރަށަށް އެތައް ބަޔަކު ވަނީ އެކި އެކި ކެމްޕޭން ތަކުގައި ގޮސް އައިސް ވަނީ ހަދާފައެވެ. ބޮޑެތި މަގާމް ތަކުގެ ބޭނުމުގައި، ވަނީ އެ ނިކަމެތި ރައްޔިތުންގެ އަތުން އެމީހުންގެ އާދޭސް ތަކުގައި ބީރު ކަންފަތެއް ދިނުމަށްފަހު، ވޯޓް އަތުލާފައެވެ. އެ ވޯޓުން މަގާމްތަކުގައި، ބޮޑު ގޮޑީގައި ތިބެ ފުރުއްވި އިރު، ރައްޔިތުން ބޯ އަޅާނެ ބާލީހެއް ބާއްވާނެ ތަނެއް ނެތި އުޅުނު ހާލު ދެކުނީ ކާކުތޯއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސިޔާސީ ޕާޓީތަކުން އެރަށަށް ޒިޔާރަތް ކުރަމުންދާ މިވަގުތު އެ ރަށު މީހުން އެންމެ ބޮޑަށް ދައްކަމުންދާ އެއް ވާހަކައަކީ އެރަށުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމުގެ ވާހަކައެވެ.
އެ ރަށު ކައުންސިލް ރައީސް މުހައްމަދު ސިނާން "ސީއެމައަށް" ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ބޯހިޔާވަހިކަމެއް ދޭން ވައުދު ވަނީ ކަމަށް ބުނެ ރައްޔިތުން ތިބެނީ އުއްމީދުގައި ކަމަށާއި، ދައުރު ނިމިގެން ދާއިރު ކަމެއް ކޮށްދެވޭ ތަނެއް ފެނިފައި ނުވާ ކަމަށެވެ.
އާބާދީގައި ގާތްގަޑަކަށް 1900 އެއްހާ މީހުން ދިރިއުޅޭ އެރަށުގައި ގޯތި ދޫނުކުރާތާ 40 އަހަރު ވެފައިވާކަން ފާހަގަކުރައްވާ ސިނާން ވިދާޅުވީ، ގާތްގަނޑަކަށް 250 ގެ އެރަށުގައި ހުރި ނަމަވެސް މިދިގު މުއްދަތުގެ ތެރޭގައި 600 އެއް ހާ މީހުން ގޯތި ބޭނުން ވެފައި ތިބި ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، މީގެ ކުރިން ރަށް ވަށާ ހިއްކާފައިވަނީ 12 ހެކްޓަރުގެ "ރޮދިފަށެއް" ވަރުގެ ސަރަހައްދެއް ކަމަށާއި، މިހާރުވެސް އުދަ އަރާ ދުވަސް ވަރެއް ނަމަ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާ ކަމަށް ސިނާން ވިދާޅުވިއެވެ.
ކޮންމެ ސަރުކާރެއް ވެސް ބޯހިޔާވަހިކަމެއް ދޭން ވައުދުވަނީ ކަމަށްބުނެ ރައްޔިތުން ތިބެނީ އުއްމީދުގައި ކަމަށާއި، ދައުރު ނިމިގެން ދާއިރު ކަމެއްކޮށްދެވޭ ތަނެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަށު މީހުންގެ ޝަކުވާތަކާއި ކަން ބޮޑުވުންތައް ވަރަށް ގިނަ އެވެ. އެއީ އެންމެ ދުވަހެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ނޫނެެވެ. އެއީ ރައީސް މައުމޫނުގެ 30 އަހަރާއި ރައީސް ނަޝީދުގެ ތިން އަހަރާއި ރައީސް ވަހީދުގެ ދެ އަހަރާއި ރައީސް ޔާމީނުގެ ފަސް އަހަރާއި އަދި މިހާރު ހިނގަމުންދާ ރައީސް ސާލިހުގެ ތިން އަހަރުގެ މުއްދަތުގައި އެ މީހުންނަށް އޮތް ކަން ބޮޑުވުންތަކެވެ.
ކޮމަންޑޫ މީހުންގެ ޒަމާންވީ ކަން ބޮޑުވުން ނިމުމަކަސް ގެނެސް ދިނުމުގެ ފުރަތަމަ ފިޔަވަޅު މިމަހުގެ 12 ވަނަ ދުވަހު މި ސަރުކާރުން ވަނީ އަޅާފަ އެވެ. އެއީ ކޮމަންޑޫ އާއި އެރަށާއި ޖެހިގެން އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް 250 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަވާލު ކުރުމެވެ.
އެ އެއްބަސްވުމުގެ ދަށުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫ ގައި 16.7 ހެކްޓަރުގެ ބިން ހިއްކުމާއި، 1250 މީޓަރުގެ ބޮޑުހިލައިގެ ތޮށި، 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުމަށް ކުރާނެ އެވެ.
އެ އެއްބަސްވުމުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލުމާއި އެ މަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ވެސް ތައްޔާރު ކުރާނެއެވެ. އެއްބަސްވުމުގައި ވާގޮތުން އެ މަސައްކަތް ދެ އަހަރު ތެރޭގައި ނިންމަން ޖެހޭނެ އެވެ.
ކޮމަންޑޫ ރައްޔިތުންނަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު މައްސަލައަށް އެ މަޝްރޫއު އާއެކު ހައްލެއް އަންނާނެކަމަށް ބެލެވޭއިރު ކޮމަންޑޫ ކުދިބޮޑު އެންމެން ތިބީ ޒަމާންވީ ބޯހިޔާވަހި ކަމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ލިބި އެރަށަކީ ވެސް އެހެން ރަށްރަށެކޭ އެއްގޮތަށް ބިމުގެ މައްސަލަ ހައްލުވެ ބޯހިޔާވަހިކަން ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.