ads
ރައީސް ޔާމީން ދުވާފަރުގައި ކުރިއަށް ދިޔަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަނީ
"އިންޑިއާ އައުޓް" ޖެހުމަކުން ސަރުކާރަކަށް ނުބެހެވޭނެ: ރައީސް ޔާމީން
އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވާލައި، ކުރިއަށް ގެންދާ ކެމްޕެއިންގައި ބޭނުން ކުރާ ޝިއާރު "އިންޑިއާ އައުޓް" ޖެހުމަކުން ސަރުކާރަށް އެކަމާއި ނުބެހެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރި ވުމަށް އެމަނިކުފާނު މިހާރު ރ. ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދުވާފަރު ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. 

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، "އިންޑިއާ އައުޓް" ޖަހަމުން ގެންދަނީ އަމިއްލަ ގޭގޭޔާ، އަމިއްލަ އަންނައުނާއި، އަމިއްލަ ގައިގައި ކަމަށެވެ. އަދި އެކަން ކުރުމުން އެކަން ހުއްޓުވަން ސަރުކާރަށް ކުރެވޭނެ ކަމެއް އޮވެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތަކީ، ގައުމީ ޖިހާދެއް ކަމަށާއި، މި ހަރަކާތް ހުއްޓުވަން ސަރުކާރަށް މަގުބޫލު އުޒުރެއް ދެއްކިފައި ނުވާކަމަށެވެ. 

"އަޅުގަނޑުމެން ގޭގޭގެ ފާރުގައި އިންޑިއާ އައުޓް ޖެހީމަ އުދަނގޫވާ ބަޔަކު އެބަ އުޅޭ. އެއީ އަޅުގަނޑުމެން ހިތުގެ ޝުއޫރު. އަޅުގަނޑުމެންގެ ފާރު އެއީ. އެއީ ދައުލަތާ ބެހޭ ކަމެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ގައުމު ތަކާއި ގުޅުން ބަދަހި ކުރަން ވާނެ ކަމަށާއި، އެހެން ނަމަވެސް އެއްވެސް ގައުމަކުން އަނެއް ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ އެކަމަށް ބަސްކިޔާ ނެހެދޭނެ ކަމަށެވެ. 

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ، ރައީސް ޔާމީން އެވެ. އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހަރަކާތް ފުޅާ ކުރުމަށް ދަތުރުތައް ކުރައްވަމުންނެވެ. 

ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އިންޑީއާ އައުޓް ކެމްޕޭން ކުރިއަށްގެންދާއިރު ރައީސް ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު ބޭރުގެ ބަޔަކަށް ދިގު މުއްދަތަށް ދިނުމަށް ކުރި މަސައްކަތާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި ކެމްޕެއިން ރައީސް ޔާމީން ވަނީ ފުލުހުން މެދުވެރިކޮށްގެން ހުއްޓުވާފަ އެވެ. 

އޭރު އިދިކޮޅުން ހިންގި ކެމްޕޭއިން ހުއްޓުވުމަށްޓަކައި މީހުން ހައްޔަރުކުރުމާއި އެ ކެމްޕެއިން އަށް ބޭނުންވާ ބައެއް ތަކެތި ހެދުމަށް ބޭނުން ކުރި ސާމާނު ވެސް ފުލުހުން އޭރު ގެންދިޔަ އެވެ.

ރައީސް ޔާމީން ފުރިހަމަ ކޮށްޓްރޯލް އޮވެގެން ފަސް އަހަރު ކުރިއިރު އިންޑިއާ ސިފައިން ރާއްޖެއިން ނުބަލާ މިހާރު އިންޑިއާ އައުޓް އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައްވާ ހިންގަވާ ހަރަކާތަކީ ސިޔާސީގޮތުން މަންފާ ހޯދުމަށް ހިންގާ ހަރަކާތެއްކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް