ads
ދޮން ބައްޕައެއްގެ އަނިޔާވެރި ކަމުން ދެ މައިން އެކަކަށް ބަލިވެ އިން ހާދިސާ
ހަމްނާގެ ވާހަކަތައް ކުރިންވެސް އަޑު އެހީމެވެ. ނަމަވެސް ބޭނުންވީ ހުދު އަޅުގަނޑު ހަމްނާ އާއި ބައްދަލުކޮށް އެވާހަކަތައް އަޑުއަހާލާށެވެ. "ސީއެންއެމްގެ ހަގީގީ ވާހަކަ" މި އެޑިޝަނުގައި މި ވާހަކަ އަޅުގަނޑު ލިޔެލަން ގަސްތުކުރި އިރު ވެސް ހުރެވުނީ ދެ ހިޔާލެއްގަ އެވެ. ސަބަބަކީ މިފަދަ އިޖްތިމާއީ މައްސަލަތަކަކީ އާއްމު ކަމަކަށް ވިޔަސް އާއްމުންނާއި ހަމަޔަށް ތިލަވުމުން ބައެއް ފަހުރު އެފަދަ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި ނިކަމެތިކޮށް ބަދުބަސް ބުނުމަކީ ވެސް އާއްމުކަމެއް ކަމަށް ވާތީ އެވެ.

މި އާޓިކަލް ލިއުމަށް އޭނާ އާ ބައްދަލު ކުރުމަށް އެގެއަށް ގޮސް ފުރަތަމަ ސުވާލަކަށް ވެސް ކޮށްލެވުނީ "މި ޕަބްލިކަށް ދޫކޮށްލަން ހަމަ އެއްވެސް މައްސަލައެއް ނެތް ހެއްޔެވެ؟" އަހަރެން އިތުރު ސުވާލުތައް ކުރަން ފެށީ ވެސް އެއްވެސް އިއުތިރާޒެއް ނެތްކަމަށް ދެފަހަރަކަށް ބުނުމުންނެވެ. 

އަންހަންނާއި ވާހަކަ ދެއްކީ ހަމްނާގެ މަންމަ މަރީނާ އެވެ. ހަމްނާގެ މަންމަ އަހަރެންގެ މި ސުވާލަށް ދިން ޖަވާބަކީ މިފަދަ ވޭނެއް ތަހަންމަލު ކުރަން އޭނާ ނޭދޭ ފަދައިން ދުނިޔޭގެ އެހެން އެއްވެސް އަންހެނަކުވެސް އެވޭން ތަހަންމަލު ކުރަން އޭނާ ބޭނުން ނުވާ ކަމަށެވެ. އަދި ވާހަކަތައް ހިއްސާކުރަން އިއުތިރާޒެއް ނެތް ސަބަބަކީ ދިވެހި މުޖުތަމައުގައި މަޖުބޫރުން އެފަދަ އަނިޔާތައް ތަހަންމަލު ކުރަމުންދާ އެތައް ހާސް މީހުންނެއް ތިބިއިރު، އެއީ މަޖުބޫރުން ވިޔަސް ތަހަންމަލު ކުރަން ނުޖެހޭނެ ވޭނެއެއްކަން އަންގައިދީ އެކަމާއި ދެކޮޅު ހެދުމުގެ ހިތްވަރު އެފަދަ ފަރާތްތަކަށް ދިނުމަށް ކަމަށެވެ.

މަރީނާ ވާހަކަ ފެށީ އޭނާގެ ދެ ވަނަ ކައިވެންޏާއި ހަމައިންނެވެ. މަރީނާ ކިޔައިދިން ގޮތުން އޭނާ އަހްމަދު އާއި އިނީ އޭނާގެ ދަރިފުޅު ހަމްނާގެ އުމުރުން ހަ މަަހުގައެވެ. އަހްމަދު މަރީނާ އާއި އިނީ ދަރިއަކު ވެސް އޮތް ކަން އެނގި ހުރެ އެވެ. ކައިވެނީގެ ފުރަަތަމަ ކޮޅު އަހުމަދު ވެސް ދަރިފުޅަށް ވަރަށް އޯގާތެރި އެވެ. އޯގާތެރި ފިރިއެއްގެ އަޅާލުމާއި ލޯބި ލިބޭކަމުގެ ފޮނި އިހްސާސްތަކުގައި ދުވަސްތައް ވޭތުކުރަމުންދިޔައިރު އަންނަން އުޅޭ ކަޅު ވިލާގަނޑުގެ ބޯމިން އޭނާއަށް ތަސައްވަރު ވެސް ނުކުރެވެއެވެ.

ހުރިހާ ކަމެއް ބަދަލު ވެގެން ދިޔައީ ދަރިފުޅުގެ އުމުރުން 13 އަހަރުވީ ފަހުން ނެވެ. އޭރު މަރީނާ އިނީ އަހުމަދުގެ ފުރަތަމަ ދަރިއަށް ބަލި އެވެ. ނަމަވެސް އަހުމަދުގެ އަޅާލުން ދިޔައީ ކުޑަވަމުންނެވެ. އެހާ ހިސާބަށް ދިޔައިރު ބައްޕައެއްގެ ފުށުން ވެސް އަދި ދޮން ބައްޕައެއްގެ ފުށުން ނަމަވެސް ފެންނަން ނުޖެހޭ އެތައް މަންޒަރުތަކެއް މަރީނާ އަށް ފެންނަން ފަށައިފިއެވެ. 

ނަމަވެސް ބަައެއް ފަހަރު އެއީ ގޯސް ހީއެއް ކަމަށް އަދި ޝައިތާނާގެ ވަހުމެއް ކަމަށް ވެސް ހީވާ ފަހަރުތައް އައުމުން، ހީވާ ހީވުމަކަށް މުޅި ދިރިއުޅުން އަމިއްލަ އަތުން ވީރާނާ ކޮށްލަން ބޭނުން ނުވާތީ، އެކަން ޔަގީންކުރަން މަރީނާ ބޭނުންވީ އެވެ. 

އެއް ދުވަހެއްގެ ރޭގަނޑެވެ. އާއްމުކޮށް ރޭގަނޑު ނޯންނަހާ ދަންވަންދެން އެ ރޭ މަރީނާ ނުނިދާ ހޭލާ އޮތީ މިބުނި ބޭނުމުގައެވެ. ހިތަށް ވާ އުނދަގޫތައް ކޮންމެ ވެސް އެއްގޮތަކަށް ނިންމާލަން ވެގެންނެވެ. 

މަރީނާ ކިޔާދިން ގޮތުން ފަހުން، ފަހުން އައިސް އަހްމަދު ގެއަށް އަންނަނީ ލަހުންނެވެ. އެ ރޭ ވެސް އޭނާ ގެއަށް އައީ ދަންވަރު ދޭއް ޖަހަން ކައިރިވި ފަހުން ނެވެ. ގޭގެ ބޮޑު ދޮރު ހުޅުވުނު އަޑަށް ފަހު ކުޑަ ސިކުންތު ކޮޅަކަށް ފަހު ދެން އިވުނީ ޖެހިގެން ހުރި ދަރިފުޅުގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑެ އެވެ. އެވަގުތު ވެސް މަރީނާ ބުނިގޮތުން އޭނާ ހިތަށް އެރީ ނިދުމުގެ ކުރިން ދަރިފުޅު ނިދިތޯ ބަލަން ވަދެލީކަމަށް ކަމަށެވެ. އެނދުން ތެދުވެ ކޮޓަރި އާ ދިމާލަށް ދާން ހިނގައިގަތީ މިނެޓެއް ވީއިރުވެސް އަނބުރާ އަހްމަދު ކޮޓަރިއަށް ނުވަނީމަ އެވެ. 

މަޑުމަޑުން ކޮޓަރި އާ ހަމަޔަށް ދިޔައިރުވެސް މަރީނާ ހުރީ ބިރުންނެވެ. މަޑު ފިޔަވަޅުތަކަކާ އެކު ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވާލީ ވެސް އެވަގުތު އެތަނުގައި ހިނގަމުންދިޔަ ކަމެއްގެ ސާފު މަންޒަރު ލޮލަށް ފެނި ޔަގީން ކުރުމަށެވެ. އަތަކަށް ގުޑިލުމުގެ ފުރުސަތު ވެސް ނުދިނުމަށެވެ. 

ކޮޓަރި ދޮރު ހުޅުވާލިއިރު މަޑުމަޑުން ރޮއިރޮއި އޮތް ދަރިފުޅުގެ ލޮލުން ފެނުނު ބިރުވެރިކަމާއި، ފައިބަމުން ދިޔަ ކަރުނަތިކިތަކުން މަރީނާ އިތުރު ތަފްސީލަކަށް ބޭނުމެއް ނުވި އެވެ. އައިސް ހުރި ރުޅިއާއެކު އިތުރު ވާހަކައަކަށް ފުރުސަތު ނުދީ މަރީނާ ފުރަތަމަ ވެސް ބުނީ "އަހަރެން ވަރިކުރާށޭ" އެވެ. 

އެރޭ ހިނގި ކަންތައްތަކަކީ މަރީނާއަށް އެދުވަހު ލޮލަށް ނުފެނު ނަމަ މިއަދު ވެސް ގަބޫލުކުރަން އުނދަގޫވާނެ ކަންކަން ކަމަށް އޭނާ ބުނީ ފެންކަޅިވެ އިނދެއެވެ. އެކަންކަން ކިޔައިދެމުންދިޔައިރު އަޑުން އަޑުނަގާ ނުރުއި ނަމަވެސް ކޮތާފަތް މައްޗަށް ކަރުނަތައް ފޭދިގެން އަންނަ މަންޒަރު ދުށީމެވެ. މައެއްގެ ވޭނީ އާހް އަހަރެން ވަރަށް ގާތު އެދުވަހު އިހްސާސް ކުރީމެވެ. 

"ދަރިފުޅު ވަކިން ކޮޓަރިއެއްގައި ބޭއްވުނު މޮޔަ ހީވި. އެވަގުތު އަހަރެން އޭނާގެ އަމަލު ހުއްޓުވި ނަމަވެސް އެކަން އޭނާ ކުރީ ކިތަށް ދުވަހު ކަމެއް އަހަންނަކަށް ނޭނގެ. އަހަރެން ހިތަށް އަރަމުން ދިޔައީ އަހަރެންގެ ދަރިފުޅު އެވޭނުގައި ހާދަ ރޯނޭ. މީހުން ދެން ބުނާނެ ވަރި ކުރަން ބުނާކަށް ނުވާނެއޭ. އެކަމަކު އެދަނޑިވަޅުގައި އެއީ ގޯހެއް ނޫން. އަހަރެން ބޭނުން ވަނީ މިކަން ބަދަލުކުރަން. ވަރަށް ގިނަ އަންހެނުން އެބައުޅޭ އެފަދަ ކަންކަން ލޯ ކުރިމަތީ ހިނގާއިރު ވެސް، ތިމަންނަ ވަރިކޮށްފާނޭ، ނޫނީ ވަރި ވީމަ މުޖުތަމައު ދެކޭނީ ކިހިނެތްހޭ. ނޫނީ ދަރިންނަށްޓަކައޭ. އިންނާނެ މީހަކު ނުވާނެއޭ ކިޔާފައި ވެސް މިކަންކަން ސިއްރުކުރާނެ ބައެއް މީހުން. ނޫން. އަސްލު ދަރިފުޅާ މެދު ވިސްނާ ނަމަ ދަރިފުޅު އެކަމުން ސަލާމަތް ކޮށްދިނުން އެއީ މަންމަގެ ވާޖިބަކަށްވާންވާނީ'" މަރީނާ ބުންޏެވެ.

މަރީނާ ހިނގީ އެމަގުންނެވެ. އެވިސްނުމުގައެވެ. ޒުވާން އުމުރުގައި އަމިއްލަ ދިރިއުޅުމަށްވެދާނެ ގޮތަކާ މެދު ނުވިސްނާ ދަރިފުޅުގެ މުސްތަގުބޮލު އިތުރަށް ބަނަ ނުކުރަން ނިންމާ މަރީނާ އެ ރޭ އެ ދިރިއުޅުމުން ދުރަށް ދިޔައީ ފުލުހުންނަށް ރިޕޯޓްކޮށް ދަރިފުޅަށް ލިބެންވާ އިންސާފު ހޯދައިދިނުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެތައް އިދާރާއަކަށް ދިޔަ އެވެ. އެހަނދާންތައް އާ ކުރަން ޖެހުނު އެތައް ފަހަރެއް ދިޔައެވެ. 

ނަމަވެސް ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުން ދަރުފުޅަށް އިންސާފުލިބުނެވެ. މިއީ އޭގެ 17 އަހަރު ފަހެވެ. މަރީނާ މިހާރު އެދަނީ އުމުރުން 60ގެ އަހަރުތައް ގުނަމުންނެވެ. ނަފްސާނީ ގޮތުން ލިބުނު އެތައް ވޭންތަކެއްގެ ސަބަބުން އުމުރުގެ ބާކީ ބައި އެނގުނަނީ މީހަކާ ނީދެއެެވެ. އިންނަން ބޭނުން ވެސް ނުވީ އެވެ. އަހްމަދު ދަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ގުނަމުންނެވެ. ލިބޭ ކުޑަވެސް ހިތްހަމަ ޖެހުމަކީ އެއީއެވެ. 

ނަމަވެސް މަރީނާ ކިޔާދިން ގޮތުގައި އެއީ ފިލައިގެންދާނެ ހަނދާނެއް ނޫނެވެ. އެރެއަށް ފަހު ދަރިފުޅު ސަލާމަތްކޮށް ދެވުނަސް ހަގީގަތުގައި ދަރިފުޅުގެ މުޅި ހަޔާތް އަދި މަރީނާގެ މުޅި ހަޔާތްވެސް ގުނަންޖެހިފައިވަނީ އެހަނދާނުގަ އެވެ. 

އެރެއަށް ފަހު ދަރިފުޅު ގޮވައިގެން އެ ގެއިން ނިކުންއިރު، އާދެވުނީ މަރީނާގެ ބަނޑުގައި އޮތް ދަރިފުޅާ އެކު، ދަރިފުޅުގެ ބަނޑުގައިވެސް ތުއްތު ފުރާނައެއް ބާއްވާގެންނެވެ. އެކަން މަރީނާއަށް އެގެން ފެށީ މާ ފަހުންނެވެ. ނަމަވެސް ކުށެއް ނެތް ފުރާނައަކަށް އިހުމާލުވާކަށް މަރީނާ ބޭނުމެއް ނުވިއެވެ. 

ފިރިމީހާގެ ދަރިއަކު ބަނޑުން އުފަން ކުރަންޖެހުނުއިރު، މަރީނާގެ 13 އަހަރުގެ ދަރިފުޅުވެސް ފިރިމީހާގެ ދަރިއަކު މިދުނިޔެއަށް އުފަން ކުރިއެވެ. 

އެޑިޓަރުގެ ނޯޓް:

މި އާޓިކަލްގައި މިވަނީ ދެހާހުގެ އަހަރުތަކުގައި ހިނގި ހަގީގީ ހާދިސާއެކެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ ވާހަކަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި ބޭނުންކޮށްފައިވާނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ. އަދި މި ވާހަކައަށް ވާނީ ކުދިކުދި ބަދަލުތައް ގެނެވިފައެވެ.

23%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް