ބައްޕަ ސްޓްރޯކެއް ޖެހި ވާގި ނެތިފައެވެ. މަންމަ މައިބަދައިގެ ޑިސްކަށް ނާރުވަދެ ހިނގަން ވަނީ އުނދަގޫ ވެފައެވެ. 40 (ތެލެސީމިއާ ކެރިއަރެއް) އަހަރުގެ ދޮށީ ދަރިފުޅު، ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ލޭ އުފައްދައި ނުދޭތީ އަބަދު ވެސް ހުންނަނީ ހަކަތަ ދަށްވެފައެވެ. 38 އަހަރުގެ ދަރިފުޅު ދެކިޑްނީ ފެއިލްވެފައި ވާތާ 17 އަހަރެވެ. 28 އަހަރުގެ ދަރިފުޅަކީ ތެލެސީމިއާ ބަލިމީހެކެވެ. 22 އަހަރުގެ ދަރިފުޅަކީވެސް ތެލެސީމިއާގެ ބަލިމީހެކެވެ. 17 އަހަރުގެ އެންމެ ހަނގު ދަރިފުޅު ވަނީ އުމުރުން އެންމެ 7 އަހަރުގައި އެޕެންޑިކްސް ފަޅައިގެންގޮސްފައެވެ. އޭގެ އިތުރުން އެއް ކިޑްނީ ވަނީ ކުޑަވެފައެވެ.
މިދެމަފިރިންނަށް 3 ވަނައަށާއި 4 ވަނައަށް ލިބުނު ދަރީން ވަނީ އުމުރުން 5 އަހަރާއި ދޮޅުއަހަރުގައި ދުނިޔެ ދޫ ކޮށްފައެވެ.
ދިވެހިރާއްޖޭގެ ކުޑަކުޑަ ރަށެއް ކަމުގައިވާ ރ. އަގޮޅަތީމް ޝަބްނަމީގޭގައި ދިރިއުޅެމުންދާ އަށް މެމްބަރުންގެ އާއިލާއަކީ ތަފާތު ދަރަޖައެއްގެ ހިތްދަތި ކަމެއް ތަހައްމަލު ކުރަމުންދާ އައިލާ އެކެވެ. މުޅި އާއިލާގެ އެންމެންނަކީ ކޮންމެވެސް އެއް ބައްޔެއްގެ ވޭނުގައި އުޅެމުންދާ ބައެކެވެ. އެ އާއިލާއަށް މިއަދު ބޭނުންވަނީ އެއްމެންގެ އަޅާލުމާއި އެހީތެރި ކަމާއި އޯގާތެރި ކަމުގެ އަަތެކެވެ.
ޝަބްނަމީގޭ އިބްރާހިމް ރަޝީދު އާއި، ހާޖަރާ އަލީގެ ދެމެފިރިން ކައިވެނި ކުރީ އެތައް އުއްމީދު ތަކާއި، އެތައް ހުވަފެނެއް ދެކިގެންނެވެ. އެ ކައިވެއްޏަށް އެދެމެފިރިން ނަށް ވަނީ އަށް ދަރިން ލިބިފައެވެ. ނަމަވެސް އެ ދެމަފިރިންގެ ހުވަފެންތައް ވިއްސި ވިހާލިވީ ހުރިހާ ކުދިންނާ އެކު، އެދެެމަފިރިންވެސް އެކި ބަލިތަކުގެ ވޭނުގައި ދިރި އުޅެމުން ދާން ޖެހުނު ހިސާބުންނެވެ. އެ ދެމެފިިންގެ ދަރިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ހަ ދަރިންނެވެ.
މުހައްމަދު ރަޝީދު އާއި، ފާތުމަތު ރަޝީދާއަށް ފަހު، މި ދެމަފިރިންނަށް ލިބުނު ދެދަރިންނަކީ ތެލެސީމިއާ ދެކުދިން ނެވެ. އެއްކުއްޖަކަށް ފަސް އަހަރުގައި އަނެއް ކުއްޖާއަށް ދޮޅު އަހަރުގައި އެދެކުދިން ވަނީ މަރު ވެފައެވެ. އެއަށްފަހު ދެމަފިރިންނަށް ހަތަރު ދަރިން ލިބިފައި ވެއެވެ. އެއީ 30 އަހަރުގެ އައިޝަތު އިނާޝާ އާއި، 28 އަހަރުގެ މޫނިސާ ރަޝީދާއި، 22 އަހަރުގެ ރިޔާސާ ރަޝީދުގެ އިތުރުން 17 އަހަރުގެ އަހުމަދުގެ ރައިޝާން އެވެ.
މިއަދު އުމުރުން 60 އަހަރު ގުނަމުންދާ ބަލި އެނދުގައި ރަޝީދު އެއޮތީ ކުއްލި އަކަށް ޖެހުނު ސްޓްރޯކެއްގެ ސަބަބުން ހަށިގަނޑުގެ އެއްފަޅި ވާގިނެތިފައެވެ. ރަޝީދު އަށް ފުރަތަމަ ސްޓްރޯކެއް ޖެހުނީ ރަޝީދުގެ އެންމެ ހަނގު ދަރި އުމުރުން ހަތް އަހަރުގައި ހިތާނީ އުފަލުގައި ބައިވެރިވި ދުވަހުއެވެ. އެއީ އެންމެ ފަހުން އޭނާއަށް ކޮޅަށް ހުރެވުނު ދުވަހެވެ. ދަރިފުޅު ހިތާނުކުރުމުގެ ކަންކަމަށް ތައްޔާރު ކުރަން ރަޝީދު އަވަދި ނެތި އުޅެނިކޮށް ކުއްލި އަކަށް ބޮލަށް އެބުރުން އަރާ ވެއްޓުނީ އެވެ. ވަގުތުން އެ ރަށުގެ ހެލްތު ޕޯސްޓަށް ގެންދެވުނެވެ. ޑޮކަޓަރު ވިދާޅުވީ ރަޝީދަށް ސްޓްރޯކެއް ޖެހި ގިނައިރު ވުމުގެ ސަބަބުން، ވާގި ނެތިފައިވާ ކަމަށެވެ.
ރަޝީދުގެ ހަތަރުވަނަ ދަރިފުޅު މޫނިސާ ރަޝީދު ސީއެންއެމްއާ ވާހަކަ ދައްކަމުން ބުނީ އެހާހިސާބުން މުޅި އާއިލާގެ ހުރިހާ ޒިއްމާއެއް ނަގަމުން ދިޔައީ މަންމަ ހާޖަރާ އަލީ ކަމަށެވެ. އޭނާ، އޭނާގެ ފިރިމީހާ އަށް ކިތައްމެ ހާވެސް އޯގާތެެރިއެވެ. ދަރިންނަށް އަޅާލަމުން ދަރިންނަށް މަތީތައުލީމް ހޯދައި ދިނުމަށް ކިތައްމެ ހާވެސް މަސައްކަތެއް ކުރިއެވެ. ފިރިމީހާ ބަލި އެދުގައި ބޭއްވުމަށް ފަހު، ދަރިންގެ ހަރަދު ތައް ބަލަހެއްޓުމަށް ހާޖަރާ މަސައްކަތް ކުރިއެވެ.
"މަންމަ ވަރަށް ހިތްވަރު ގަދަ. މަންމަގެ މަސައްކަތަކީ ފަނގި ވިނުން. އަހަރެން ސްކޫލަށް ދިއުމުން އަހަރެންގެ ދަރިފުޅުވެސް ބަލަނީ މަންމަ" މޫނިސާ ބުންޏެވެ.
މޫނިސާ ބުނީ ބައްޕަ، ރަޝީދު ބަލި އެނދަށް ދާން ޖެހުނުތަނާހެން، އޭނާގެ މަންމަ ހާޖަރާ ވެސް މަގުމަތިން ހިނގަމުން ދަނިކޮށް މަގުގައި، އޮތް އެއްޗެއްގެ މައްޗަށް އެރި ވެއްޓުނެވެ. އޭގެ ފަހުން މާބޮޑަށް ވަރު ދެރަވާތީ އައިޖީ އެމްއެޗްއަށް ދެއްކުމުން އެނގުނީ މަންމަ މައިބަދައިގެ ޑިސްކަށް ނާރު ވަދެ ޑިސްކު ހަލާކުވެފައިވާ ކަން ކަމަށް މޫނިސާ ބުންޏެވެ.
"މައިބަދައިގެ ސާޖަރީ އެއްވެސް އައިޖީއެމްއެޗް އިން އިންނާނީ ހަދާފައި. އޭގެ ފަހުން ހިނގަން އުނދަގޫވީ. މަންމަ އަށް ހިނގެނީ އެއްފަޅި އަކަށް ކޮަރުކޮށް" މޫނިސާ ބުންޏެވެ.
ރަޝީދުގެ ދޮށީ ފިރިހެން ދަރިފުޅަށް މިހާރު 40 އަހަރެވެ. މިއަދު އެއީ އެއާއިލާގެ ހުރިހާ ޒިއްމާތައް ބޮލުގައި އަޅަން ޖެހިފައި ހުރި އެ އައިލާގެ އެންމެ އިސް މީހާއެވެ. ނަމަވެސް އޭނާ އަކީވެސް ބަލި މީހެކެވެ. ލޭމަދުވެ، ވަރުދެރަވެ، މަސައްކަތް ކުރުމުގެ ހިތަވަރެއް އޭނާގެ ކިބަޔަކު ނުހުރެއެވެ. ނަމަވެސް ލިބިފައިވާ ދެދަރިންނާއި އާއިލާ އަށްޓަކައި އޭނާއަށް މަސައްކަތް ކުރުމަށް މަޖުބޫރު ވެއެވެ.
ރަޝީދުގެ ދޮށީ އަންހެން ދަރިފުޅު 38 އަހަރުގެ ފާތުމަތު ރަޝީދާ (ފާތުން) ގެ ހުންނަނީ އެންމެ ދަރިއެކެވެ. އޭނާގެ އުމުރުން 21 އަހަރުގައި ދެކިޑްނީ ފެއިލްވެ، ޑޮކްޓަރުގެ އުއްމީދު ވަނީ ކަޑާލާފައެވެ. އޭރު އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ އުމުރަކީ ދެ އަހަރެވެ. ޅަ އުމުރުގައި ވޭނުގައި އުޅެން ވަނީ މަޖުބޫރު ވެފައެވެ.
"ފާތުންދައްތަ އުޅެނީ ދަރިފުޅުގެ ބައްޕަގެ ގޭގައި މާލޭގައި. އެއީ އަބަދު ޑައިލިސިސް ހަދަން މާލެއަށް ދާންޖެހޭތީ. އެއާއިލާއިން ފާތުންދައްތައަށް ވަރަށް ރަނގަޅު. ދަރިފުޅުވެސް އެގޭގައި ހުންނަނީ" މޫނިސާ ބުންޏެވެ.
ފާތުންގެ ދަރިފުޅަށް މިހާރު 19 އަހަރެވެ.
ފާތުން އަށްފަހު ރަޝީދަށް ލިބުނު ހަތަރު ދަރިން ގެ ތެރެއިން ރިޔާސާ (ތެލެސީމިއާ ކެރިއަރެއް) އަކީވެސް އެއާއިލާގެ އެންމެ ބޮޑު ބޭބެހެން ހަކަތަ ދެރަވާ މީހެއް ކަމަށް މޫނިސާ ބުނެއެވެ. އަދި މޫނިސާ އަކީ ތެލެސީމިއާ ބަލީގައި ލޭއަޅަން ޖެހިފައިވާ މީހެކެވެ. ރަށުން ލޭއެޅުމުގެ އެއްވެސް އިންތިޒާމެއް ނޯންނާތީ ކޮންމެ މަހަކު ދެފަހަރު ރަސްގެތީމަށް ލޭއަޅަން ދާން ޖެހެއެވެ. އެއީ ރިޔާސާއަށް އުފުލަން ޖެހިފައިވާ ތަކްލީފެކެވެ. ނަމަވެސް ހިތަވަރާއިއެކު އެ ގޮތަށް އުޅުން ނޫންގޮތެއް ނެތެވެ. އޭގެ އިތުރުން މޫނިސާގެ ދަރިފުޅުގެ ބަލީގެ ސަބަބުން މޫނިސާއަށް ވަނީ އިތުރު ކެކުޅުން ތަކާއި ކުރިމަތިލާން ޖެހިފައެވެ.
އުމުރުން 11 މަހުގެ ޒިވިޔަން ބިން އަޝްރަފް އިބްރާހީމް އުފަންވި އިރު ފުއްޕާމޭއަށް ސާފު ލޭ ފޮނުވައިދޭ ނާރު އުފެދިފައި ނެތް ކަމަށް، ޑޮކްޓަރުން ބުނި ވަގުތަކީ ރ. އަގޮޅުތީމް މޫނިސާ ރަޝީދު އާއި، ގދ. ނަޑެއްލާ އަޝްރަފް އިބްރާހީމް ގެ ހިތް ކުދިކުދިވެ، އުއްމީދުގެ އަލިކަން ކުޑަވެގެން ދިޔަ ވަގުތެއް ކަމަށް ޒިވިޔަންގެ މަންމަ މޫނިސާ ބުންޏެވެ.
މިއަދު އެ އާއިލާގެ އެއްމެ ކުޑަ ކޮށްކޮ އުމުރުން 17 އަހަރުގެ ރައިޝާން އަކީ މަންމަ އާއި ބައްޕަގެ އެއްމެ ފޮނި އުއްމީދު ކަމުގައިވި ދަރިފުޅެވެ. ނަމަވެސް އެއީ ވެސް ބަލި ކުއްޖެކެވެ. އުމުރުން ހަތް އަހަރުގައި އެޕަންޑިސް ފަޅައިގެން ދިއުމުގެ ސަބަބުން އައިޖީއެމްއެޗް އިން ވަނީ ބޮޑު އޮޕްރޭޝަނެއް ވެސް ކުރެވިފައެވެ.
އަދި އެކުއްޖާގެ އެއް ކިޑްނީ އުފެދި ފައިވަނީ ކުޑަކޮށް ކަމަށްވެސް ޑޮކްޓަރު ވަނީ ބުނެފައެވެ. ރައިޝާން ވެސް ބޭނުން ވަނީ އުފާވެރި ދިރި އުޅުމެކެވެ. އޭނާ ބޭނުންވަނީ ކިޔަވައިގެން މޮޅު ކުއްޖަކަށް ވާށެވެ. ސްޕޯޓްސް ދާއިރާއިން ކުރިއަށްދާށެވެ. ނަމަވެސް ރައިޝާންގެ އުއްމީދުތައް މާލީ ހާލަތުގެ ސަބަބުން ބަލީގެ ތަންމަތިން އަރައި ގަނެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ.
މިހުރިހާ ކަމެއް އެއްފަހަރާ ކަހަލަ ގޮތަކަށް ކުރިމަތިވެ، އެގޭގެ އެއްމެން ބައްޔާއި ވޭނުގައި އުޅެމުން ދާއިރު، އެއީ ތައުލީމް ލިބިފައި ތިބި އަހްލާގު ރަނގަޅު ކުދިންތަކެއް ތަރުބިއްޔަތު ވެގެން ނުކުތް ގެއެކެވެ. މޫނިސާ އަކީ ސްކޫލްގެ ޓީޗަރެކެވެ. އޭނާގެ މަންމަޔާއި މާމަގެ ބުރަމަސައްކަތުން އޭނާވަނީ ކިޔަވަން ލިބުނު ފުސަތުތައް ހަނިކަމުގައިވިޔަސް ތައުލީމަށްކުރި މަސައްކަތުގެ އަގު މަންމަ މެއްނަށް އަދާ ކޮށްފައެވެ. މިއަދު އޭނާ އަކީ އަގޮޅުތީމް ސްކޫލް ޓީޗަރެކެވެ.
އެ އާއިލާއަށް އަޅާލާ އޯގާތެރިވާން އެއްމެންގެ ހައްގުގާ ހުރީ ވެސް ހަމަ ބަލިހާލަށް ކެތްކޮށްގެން މޫނިސައެވެ. އޭނާގެ އުއްމީދުވަނީ އަބަދުވެސް އެއްމެނަށް އަޅާލައި، އެންމެ ފަހުނޭވާއާއި ހަމަޔަށް މަސައްކަތް ކުރުމެވެ. އާއިލާއަށް ކިތަންމެ އުނދަގޫތަކެއް ކުރިމަތިވަމުން އައި ކަމުގައި ވީނަމަވެސް މިވަގުތު އެންމެ ބޮޑަށް އެއާއިލާއިން އެދެނީ މޫނިސާގެ 11 މަހުގެ ޒިވިޔަން އަށް އެހީއެއް ލިބުމެވެ. އަދި އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ.