ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮރޯނާ ވައިރަހާ ދެކޮޅަށް އެކި މުއައްސަސާތަކުގެ އޮފިޝަލުން ތައްޔާރުވެގެން-- ފޮޓޯ: އެމްއޭސީއެލް
ކޮރޯނާ ވައިރަސް: ރާއްޖޭގައި އަޅާފައި ވަނީ ރައްކާތެރިކަމުގެ ކޮން ފިޔަވަޅުތަކެއް؟
ޗައިނާއިން އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރެމުން ދާއިރު، ރާއްޖެއަށް ވެސް އެ ވައިރަސް އަތުވެދާނެ ކަމަށް ބަލައި ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ކޮރޯނާ ވައިރަހަކީ ކޮބާ؟

މި ވައިރަހަށް ނޮވެލް ކޮރޯނާ ވައިރަސް ކިޔަނީ މިއީ ކޮރޯނާ ވައިރަސް އާއިލާގެ ތެރެއިން މުޅިން އަލަށް ފެނުނު ވައިރަހަކަށް ވާތީ އެވެ. އެހެން ހުރިހާ ކޮރޯނާ ވައިރަހެއް ފަދައިން މި ވައިރަސް ވެސް އައިސްފައި ވަނީ ޖަނަވާރުންނެވެ. ވޫހާން ސިޓީގެ ސީފުޑް މާކެޓަކުން ފެތުރުނު މި ވައިރަސް އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރަ އެވެ.

ދެން އުޅެނީ ކޮން ބާވަތްތަކެއްގެ ކޮރޯނާ ވައިރަހެއް؟

ދެހާސް ދެވަނަ އަހަރު ޗައިނާއިން ފެނުނު ސިވިއަ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) އަކީ ވެސް ޖަނަވާރުގެ ގައިން ފެތުރުނު ބައްޔެކެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ވައިރަސް ފެތުރުނީ ބުޅަލުގެ ގައިންނެވެ. މި ބަލި 37 ގައުމަކަށް ފެތުރި، 8000 މީހުން ބަލިވެ، 750 މީހުން މަރުވި އެވެ. 

ދެހާސް ބާރަވަނަ އަހަރު ފެނުނު މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އަކީ ޖަމަލުން ފެތުރު ބައްޔެކެވެ. މާސް އަކީ ވެސް އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ވާސިލްވެވޭ ވައިރަހެކެވެ. މި ބަލި ޖެހުނު 2500 މީހުންގެ ތެރެއުން 35 އިންސައްތަ މީހުން މަރުވި އެވެ. 

ސާސް އާއި މާސް ވެސް އެންމެ ފުރަތަމަ އައީ ވާލުން ކަމަށް ބެލެވެ އެވެ. މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ވެސް އެންމެ ފުރަތަމަ އައިސްފައި ވަނީ ވާލުން ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ. އިންފްލުއެންޒާ އަދި އެބޯލާ ފަދަ ބަލިތަކަކީ ވެސް ވާލުގެ ހަށިގަނޑުގައި އުޅޭ ވައިރަހުގެ ސަބަބުން ޖެހޭ ބައްޔެވެ. 

ނޮވެލް ކޮރޯނާ ވައިރަހުގެ އަލާމާތްތަކަކީ ކޮބާ؟ 

މި ވައިރަހުން ޖެހެނީ ނިއުމޯނިއާ އެވެ. ކެއްސާ، ހުން އައިސް، ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް މި ވައިރަހުގެ ސަބަބުން ކުރިމަތިވެ އެވެ. ފުރާނައަށް ނުރައްކާވާ ހާލަތްތަކުގެ ހަށިގަނޑުގެ ގުނަވަންތައް ފެއިލްވެ އެވެ. މި ބަލީގައި ގިނައިން މަރުވަމުން ދަނީ ސިއްހީ މައްސަލަތައް ކުރިން ވެސް ދިމާވެފައި ހުރި މީހުންނެވެ.

އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރާތަ؟

ޗައިނާގެ ގައުމީ ހެލްތު ކޮމިޝަނުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އއްޔެގެ ނިޔަލަށް ޗައިނާގައި 2700 މހުންނަށް އޭގެ އަސަރުކޮށް، 56 މީހުން މަރުވެފައި ވެއެވެ. މި ވައިރަސް ވަނީ ހޮންކޮން، މަކާއު، ޖަޕާން، ނޭޕާލް، ސިންގަޕޫރު، ދެކުނު ކޮރެއާ، ޓައިވާން، ތައިލޭންޑް، އެމެރިކާ، ވިއެޓްނާމް އަދި ސްރީ ލަންކާއިން ފެނިފަ އެވެ. 

ރާއްޖޭގައި އަޅާފައި ވަނީ ކޮން ފިޔަވަޅުތަކެއް؟

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނާ ގޮތުގައި މި ބަލި ފެތުރުމުގެ ފުރުސަތު މުޅި ދުނިޔޭގެ ނިސްބަތުގައި މަތިކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންދާޒާ ކުރެ އެވެ. މި ބައްޔަކަށް ޝައްކު ކުރެވޭ މީހަކު އަދި ރާއްޖެއިން ފެނިފައި ނުވާއިރު، ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. 

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނުމިން ހުރި މިންވަރު ދެނެގަތުމަށް ތާމަލް ކެމެރާ ބޭނުންކުރުން. އަދި އެއާޕޯޓްތަކުގެ ޓާމިނަލްގައި ތާމަލް ކެމެރާއިން ހުން ހުރި ކަމަށް ދައްކާ ފަސިންޖަރުން ސްކްރީންކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ބައްޔަށް ޝައްކުކުރެވޭ އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދިނުމުގެ އިންތިޒާމު ހަމަޖެއްސުން
  • މިބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތުގެ ގައިޑްލައިންތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން. އެގޮތުން އެއާޕޯޓުގައި މަސައްކަތް ކުރާ މުއައްސަސާތަކަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށް ޓޫރިސްޓް ރިސޯޓްތަކަށާއި ލޯކަލް ގެސްޓް ހައުސްތަކަށާއި އަދި ފަތުރުވެރިކަމާ ގުޅޭ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކަށް ފޯރުކޮށްދިނުން
  • ސްކްރީން ކުރެވޭ ފަސިންޖަރުންގެ ތެރޭން މިބަލީގެ ސަވައިލަންސް ކްރައިޓީރިޔާއަށް ފެތޭ ފަސިންޖަރުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލާތްތަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލޭގައި އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކުރުން 
  • ބައްޔާބެހޭ މައުލޫމާތު އޮޅުން ފިލުވައިދިނުމަށާއި އާންމުންގެ ސުވާލުތަކަށް ޖަވާބުދީ ކަންކުރަންވާ ގޮތްތައް އޮޅުން ފިލުވައިދިނުމަށް ހޮޓްލައިން 7377004 މި ނަމްބަރުގެ ހިދުމަތް ފެށުން. އަދި ބައްޔާބެހޭ އާންމު މައުލޫމާތު މީޑިއާ އާއި މީސް މީޑިއާ މެދުވެރިކޮށް ދިނުން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
78%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް