ads
ދެރޭ ޓައިލްސް މަތިން ލޭފެނުނު، ފާހާނާތެރެއިން އަތެއް ފެނުނު. އެ އަތްތިލައިގެ ކުޑަވާ އިގިއްޔެއްނެތް. އެ އަތްތިލައިން ފޭބީ ހުސްލޭ---
ކޮޓަރިން ލޭ ފެނުނުތާ ހަފްތާއެއްތެރޭ މަރުވި ދިވެހި އަންހެނެއްގެ ވާހަކަ!
މިއީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގާފައިވާ ހަނގީގީ ހާދިސާ އެކެވެ. ދިވެހި އަންހެނަކަށް އޭނާގެ ނިދާ ކޮޓްރިން ލޭފެނުނު ތާ މާގިނަ ދުވަހެއް ނުވެ، އޭނާ މަރުވެގެން ދިޔަ ހިތްދަތި ގޮތުގެ ވާހަކައެވެ. ސިހުރުގެ ގިލަން ވެރިކަމުުގެ ވޭނުން ކަސްތޮޅު އެޅި ނިމިދިޔަ އަންހެނެއްގެ ވޭނީ ކެކުޅުމުގެ ވާހަކައެވެ.

މިއީ ދާދި ފަހުން ހިނގާދިޔަ ހާދިސާއެކެވެ. އިރުމާ އޭނާގެ އުމުރުން އެންމެ 50 އަހަރުގައި މަރުވެދިޔައީ ސިހުރު ޖެހިފައި ހުރިކަން ނޭނގި ސިހުރުގެ ބިރުވެރިކަން ލޯމަތިން ފެނިފައެވެ.

އިރުމާގެ ގާތްތިމާގެމީހުން ބުނާގޮތުން އިރުމާއަކީ އެރަށަށް އުފަންވި އެންމެ ރީތި އަންހެނާއޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ގައިގެ ކުލަރީތި، ހަން އޮމާން ޗާލު އަންހެނެކެވެ. ފުރާ ފުރިހަމަވަމުން އާއިރު ހިތްއެދޭ މީހަކާއިއެކު އުފާވެރި ދިރިއުޅުމަކަށް އުންމީދުކުރިއެވެ. 

ނަމަވެސް މައިންބަފައިންގެ މަޖުބޫރުން އުމުރުން އެންމެ 15 އަހަރުގައި އުމުރުގެ ތަފާތު ގުނަ ބޮޑު ފިރިހެނަކާއި ކައިވެނި ކުރުވިއެވެ. ބަލާ ބެލުމަށް އެއީ ރީތި ފިރިހެނެއް ނޫން ކަމުގައި ވިޔަސް މުއްސަދި މީހެކެވެ. ލާރިއާއި ފައިސާ ހުރި މީހެކެވެ.

މައިންބަފައިންގެ އެދުމުގައި އިރުމާ ކައިވެނި ކުރިނަމަވެސް އޭނާ އެފިރިހެން މީހަށް އަށް ހިތެއް ނޭދެއެވެ. ކައިވެނީގައި ހޭދަވި ތިން އަހަރުތެރޭވެސް އިރްމާގެ ހިތް އުމުރުން ތަފާތު ބޮޑު، ނުވެސް ދަންނަ ފިރިމީހާއަކަށް ނުލެބުނެއެވެ.

އިރުމާގެ ދައްތަ ނާޒްނީ މިވާހަކަ "ސީއެންއެމް" އަށް ކިޔައިދިނީ އިރުމާގެ އެމާޒީ ހަދާން ކުރަމުންނެވެ. ނާޒްނީ ބުނިގޮތުން ދުވަސްތައް ފާއިތުވެ އިރުމާއަށް ދަރިއަކު ވެސް ލިބުނެވެ. ފިރިމީހާދެކެ ކިތައްމެ ހިންހަމަ ނުޖެހުނަސް ދަރިއަށް އިރުމާ އަޅާލައެވެ. އަދި އެދަރިއަށް އިރުމާ ލޯބިވެސް ދިނެއެވެ. 

ނަމަވެސް ކައިވެންޏަށް ތިންއަހަރު ވީއިރު، އުމުރުން 15 އަހަރުގައި ގަދަކަމުން ކައިވެނިކުރުވި އިރްމާގެ ފިރިމީހާ ދެކެ އޭނާއަކަށް ލޯތްބެއް ނުވެވުނެއެވެ. އެހެންކަމުން އަމިއްލަ އުފަލަށްޓަކައި އެ ކައިވެންޏާއި އޭނާ ދުރުވިއެވެ. އިރުމާ ވައްހާބު އާއި ދުރަށް ދިޔައީ އެތައް އުދަނގުލަކަށް ފަހުގައެވެ.

އެ އުނދަގޫ ދުވަސްތަކަށްފަހު، މާގިނަދުވަހެއް ނުވެ އިރުމާ ހިތް އެދޭފަދަ ބައިވެރިއަކު އޭނާއަށް ފެނުނެވެ. އަދި ކައިވެނި ކުރިއެވެ. ސާއިދު އިރުމާ ދެކެ ލޯބިވީ އިންތިހާ އަށެވެ. އިރުުމާ އަށް ހީވީ ދުނިޔޭގެ ހަތަރު ބިތުން އޭނާއަށް އުފާވެރި ކަމުގެ ވައިރޯޅި ޖެހޭ ހެންނެވެ. ސާއިދު އޭނާގެ ތަނަވަސް ކަމުން އަގުބޮޑު ކާރާއި އުޅެވޭނެ ފެންވަރުގެ ގެއެއްވެސް އިރުމާއަށް އަޅައިދިނެއެވެ.

އެގެއަށް ބަދަލުވާން އިރުމާ ދިޔައީ ތައްޔާރު ވަމުންނެވެ. ހަމައެދުވަސް ކޮޅު އިރުމާއަށް ނޭނގޭ އުނދަގޫތަކެއް ވާން ފެށިއެވެ. އެވާހަކަ ތައް އިރުމާ ދިޔައީ އޭނާގެ ދައްތަ ނާޒްނީ އަށް ކިޔައި ދެމުންނެވެ. 

އޭގެތެރެއިން ހާދިސާއެއް ހިއްސާކުރަމުން ނާޒްނީ ބުނީ އެއްދުވަހެއްގެ އިރު އޮއްސި ހަތެއް ޖަހަމުން ދަނިކޮށް އިރްމާ ދިރިއުޅޭ ގެއަށް އޭނާ ދިޔައީ އެގޭ ކައިރިން ދަމުން ކޮއްކޮ ކައިރިއަށް ވަދެލުމަށް ކަމަށެވެ. 

ބޭރު ބޮޑު ދޮރުން އެތެރެއަށް ވަދެގެން ދިޔައިރު މީހަކު ފެންނަން ނެތުމުން އިރްމާގެ ކޮޓަރިއަށް އޭނާ ވަނެވެ. ކޮޓަރި ދޮރު ހުޅުވުމާއެކު، އިރުމާ ދުވެފައިސް "ދައްތާ އަހަރެެން ސަލާމަތް ކުރާށޭ" ކިޔަމުން ރޮމުން ނާޒްނީގެ ގައިގާ އޮޅުލައިގަތް ކަމަށް ނާޒްނީ ބުންޏެވެ. 

ނާޒްނީ ބުނީ އެވަގުތު އިރުމާ ކޮންމެވެސް ބޮޑު ކަމެއް ދިމާވި ވާހަކަ ކިޔައިދޭން އުޅުނު ކަމަށާއި ނަމަވެސް ފަހުން ކަމެއް ނުވާކަމަށް ބުނެ އެވާހަކައެއް ނުދެއްކި ކަމަށެވެ. ކިޔާދޭން ބުނުމުންވެސް އެއީ ހީވި ހީވުމެއް ކަމަށް ބަލާ އެކަމާއި އަޅާނުލުމަށް ބުނެ ފަހަުން އެވާހަކަ ނުދައްކާ ކަމަށް އޭނާ ބުންޏެވެ. 

ނާޒްނީ ބުނީ އޭނާއަށްވެސް އެވަގުތު އެފަދަ އެއްވެސް ކަމެއް އެގިފައި ނުވާތީ ނުބައި ގޮތަކަށް ވިސްނާލާކަށްވެސް ނޭނގުނު ކަމަށެވެ.

އޭގެ ދެތިންދުވަސް ފަހެވެ. މެއަށް ތަދުވެ މާބޮޑަށް އިރުމާ ވަރުބަލިވާން ފެށިއެވެ. އިރުމާގެ ފިރިމީހާ އޭނަ ގޮވައިގެން އަވަހަށް މާލެ ދިޔައެވެ. ދޮޅުގަނޑި އިރުގެ ދަތުރަކަށްފަހު އިރުމާ އަށް މާލެ އާދެވުނެއެވެ. 

އެއާޕޯޓްގަ މަޑުކުރިތަނާ މާބޮޑަށް އިރުމާ ވަރުދެރަވާން ފެށި ކަމަށާއި، އެމްބިއުލާންސް ތެރޭގައި އޮވެ މަރުވުމާއި ހަމަޔަށް ހޭދަވި ވަގުތުގައި އޭނާއަށް ކޮޓަރި ތެރެއިން ފެނުނު ބިރުވެރި ވާހަކަ ތައް ކިޔައިދެމުން ދިޔަކަމަށް އިރުމާގެ ފިރިމީހާ ސާއިދު ބުނި ކަމަށް ނާޒްނީ ބުންޏެވެ.

އިރްމާގެ ފިރިމީހާ ބުނި އިރްމާއަށް ދެރޭ ލޭ ފެނުނޭ ޓައިލްސް މަތިން. ފާހާނާތެރެއިން އަތެއް ފެނުނު. އެ އަތްތިލައިގެ ކުޑަވާ އިގިއްޔެއްނެތް. އެ އަތްތިލައިން ފޭބީ ހުސްލޭ. މިގޮތަށް އިރްމާ އެފަދަ ވާހަކަތަކެއް އެވަގުތު ކިޔާ ދެމުން ދިޔަ އޭ" ނާޒްނީ ބުންޏެވެ.

އެވާހަކަތައް ކިޔައިދެމުންދަނިިކޮށް ހޮސްޕިޓަލާއި ހަމަޔަށް ނުދެވި އުޅެނިކޮށް އިރްމާ މިދުނިޔެ ދޫކޮށްދިޔައީއެވެ.

ނާޒްނީ ބުނީ އެއީ ސިހުރުގެ ކަމެއްކަން އެގުނީ އެހާ ހިސާބުން ކަމަށާއި ނަމަވެސް އޭރު މާބޮޑަށްވެސް ލަސްވެއްޖެ ކަމަށެވެ. އެއީ އޭނާގެ މައިންބަފައިން އޭނާ ކުޑައިރު ކައިވެނި ކުރުވި ވައްހާބް އިރްމާ ފަހުން ކުރި ކައިވެނި ރޫޅާލުމަށް ހަދާފައިވާ ސިހުރެއްކަމަށް ނާޒްނީ ކިޔާދިނެވެ. މަރުވުމުގެ ކުރިން އިރްމާއަށް ފެންނަމުންދިޔަ ބިރުވެރި ކަންކަމާއި، ވަމުންދިޔަ އުނދަގޫތަކަކީ ސިހުރުގެ ސަބަބުން ކުރިމަތިވި ކަންކަން އެނގުނު އިރު އޮތީ މާ ލަސްވެފައެވެ. 

ސިޙުރަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެކެވެ. ސިހުރުގެ ސަބަބުން ބައެއް މީހުން ނިދިން މަހްރޫމުވެ އަނެއް ބަޔަކަށް ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ވެރިވެ އެވެ. މިކަމަކީ އިސްލާމީ މުޖުތަމައެއްގައި އޮންނަންވާނޭ ކަމެއް ވެސް ނޫނެވެ. ނަމަވެސް ހިތާމައަކީ މި ކުޑަކުޑަ މުޖުތަމައުގައިވެސް ސިހުރު ފަންޑިތަ ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމެވެ.

ސިހުރު ހާހޫރަ ހަދާ މީހުން އެކަން ކުރަނީ އީމާންކަން ބަލިކަށިވުމުންނެވެ. ތިމާގެ ކިބައިގައި ނެތް ކުޅަދާނަކަމެއް ހޯދުމުގެ މަޤްސަދުގައެވެ. ނަމަވެސް އެފަދަ މީހުންނަށް ވިސަނައިނުގަނެވޭ ކަމަކީ އެއީ، ދާއިމީ ގޮތެއްގައި ލިބޭ ކުޅަދާނަ ކަމެއް ނޫންކަމެވެ. އެކަމުގެ ނުރައްކަލަކީ، ސިހުރު ހަދާ މީހާ މާތް ﷲ އަށް އުރެދި، ޝައިޠާނާގެ އަމުރުތަކަށް ކިޔަމަންވާން ޖެހުމެވެ. އެކުޅަދާނަކަން ހޯދޭނީ ޝައިޠާނާ މެދުވެރިކޮށް ކަމަށްވާތީ، ދީނުން ބޭރުވާ ކަންކަން ކުރުމަށް ސިހުރު ހަދާ މީހާ އަށް ޝައިޠާނާ އަމުރުކުރެ އެވެ. އެ އަމުރުތަކަށް ކިޔަމަންވުމުން ނޫނީ ޝައިޠާނާގެ ވާގިވެރިކަމެއް ނުލިބެ އެވެ.

ސިޙުރު ހެދުމަކީ ޝައިޠާނީ އަމަލެކެވެ. ޝިރުކު ކޮށްގެންނާއި ހުތުރު ރޫހުތަކާ ގާތް ގުޅުމެއް އުފައްދައިގެން އެ ތަކެތީގެ ބަހަށް ހެއްލިގެން މެނުވީ އެކަމެއް ނުކުރެވެ އެވެ. ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "އެހެނެއްކަމަކު، އެޝައިޠާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ."

ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "ފަހެ، މީހާ އާއި އެމީހާގެ އަނބިމީހާއާ ދެމެދު ދުރުކޮށް ވަކިކުރާނޭ ގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ." އަދި ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ފަނާކުރަނިވި ހަތް ފާފައިން ތިޔަބައިމީހުން އެއްކިބާވާށެވެ! ދެންނެވުނެވެ. އެއީ ކޮން ކަންތައްތަކެއް ތޯއެވެ؟" ޙަދީޘްކުރެއްވި އެވެ. "މާތް ﷲ އަށް ޝަރީކު ކުރުމާއި، ސިޙުރު ހެދުމާއި ޙައްޤަކާ ނުލައި މީހަކު މެރުމާއި ރިބާ ކެއުމާއި ޔަތީމުންގެ މުދާ ޙައްޤަކާ ނުލައި ކެއުމާއި ހަނގުރާމައިގެ މައިދާނުން ފިލުމާއި އިއްފަތްތެރި މުއުމިނު އަންހެނުންނަށް ޤަޛްފު ކުރުމެވެ."

އެބައިމީހުންނަށް އެހީތެރިވާ ޝައިޠާނުން ބަދަލަކާ ނުލައި އެހީތެރިނުވާނެއެވެ. އަންއާމު ސޫރަތުގެ 128، 129 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "އެކަލާނގެ، އެއުރެން އެންމެން އެއްކުރައްވާ ދުވަސް ހަނދުމަ ކުރާށެވެ! (އެދުވަހުން، އެކަލާނގެ ވަޙީ ކުރައްވާނެތެވެ.) އޭ ޖިންނީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުން އިންސީންގެ ވަރަށް ގިނަ މީހުންނަށް މަގުއޮޅުވައިލީމު އެވެ. ދެން އިންސީންގެ ތެރެއިން އެއުރެންގެ އެކުވެރިން ދަންނަވާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޯ އެވެ! އަޅަމެންގެ އެއް ބަޔަކު އަނެއް ބަޔެއްގެ ކިބައިން ފައިދާ ހޯދީމުއެވެ. އަދި އިބަރަސްކަލާނގެ، އަޅަމެންނަށް ކަނޑައަޅުއްވައިދެއްވައިފައިވާ އަޖަލަށް އަޅަމެން ފޯރައްޖައީމު އެވެ. އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުން ތިބޭނެ ތަނަކީ ނަރަކަ އެވެ. الله އިރާދަކުރެއްވި ވަގުތަކަށް މެނުވީ، އެއުރެން އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. ހަމަ އެފަދައިން އެއުރެން ހޯދައިގަތް ކަމުގައިވީ ކަންތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އަނިޔާވެރިންގެ އެއްބަޔަކު އަނެއްބަޔަކާ މަތިކުރެއްވީމެވެ."

އެޑިޓަރުގެ ނޯޓް:

މި އާޓިކަލްގައި މިވަނީ ރާއްޖޭގައި ހިނގި ހަގީގީ ހާދިސާއެކެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ ވާހަކަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި ބޭނުންކޮށްފައިވާނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ. 

30%
ކަމުގޮސްފި
32%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް