ads
އެއާޕޯޓެއްގައި ވައިރަހަށް ސްކްރީން ކުރަނީ--
ޗައިނާއަށް ޓްރެވަލް އެޑްވައިޒަރީއެއް އަދި ނުނެރޭ: ފޮރިން މިނިސްޓްރީ
ދިވެހިން ޗައިނާއަށް ދަތުރު ކުރުމުގައި ވަކި ހާއްސަ ސަމާލުކަމެއް ދިނުމަށް ޓްރެވަލް އެޑްވައިޒަރީއެއް އަދި ނެރިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ސީއެންއެމަށް ވިދާޅުވީ ޗައިނާއަށް ހާއްސަ ޓްރެވަލް އެޑްވައިޒަރީއެއް އަދި ނެރިފައި ނުވާ ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރޭ މައްސަލާގައި ފޮރިން މިނިސްޓްރީން ވަކި ގޮތްތަކެއް ނިންމާ ނަމަ އެކަން މީޑިއާއަށް އަންގާނެ ކަމަށެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނި ގޮތުގައި ޗައިނާއިން ބޭރުން އެ ވައިރަސް ފެނުނު 37 މީހުންގެ ތެރެއިން 36 މީހުންނަކީ ޗައިނާއަށް ދަތުރުކުރި މީހުންނެވެ. 

ދެން އެ ވައިރަސް ފެނުނު އެންމެންނަކީ ވެސް ޗައިނާގައި އުޅޭ މީހުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި އިއްޔެގެ ނިޔަލަށް 2700 މީހުންނަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ.

އެހެންކަމުން އެމެރިކާ އާއި ކެނެޑާ ފަދަ ގައުމުތަކުން ވަނީ ޗައިނާއަށް ޓްރެވަލް އެޑްވައިޒަރީ ނެރިފަ އެވެ. އެގޮތުން ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި މެނުވީ ޗައިނާއަށް ނުދިޔުމަށް އެޑްވައިޒަރީގައި ވެއެވެ. 

އޭގެ އިތުރުން އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި ފްރާންސުން ވެސް ވަނީ ޗައިނާއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެގައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. 

ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ވިޔަފާރީގެ ބޭނުމަށް ޗައިނާއަށް ދަތުރު ކުރެ އެވެ. އަދި ޗުއްޓީއަށާއި ތައުލީމު ހޯދުމަށް ވެސް ބައެއް ދިވެހިން ޗައިނާއަށް ގޮސް އުޅެ އެވެ.

މި ވައިރަސް ފުރަތަމަ ފެނުނު ވޫހާން ސިޓީގައި މި ވަގުތު ހަތް ދިވެހިން އެބަ ތިއްބެވެ. ދިވެހި ސަރުކާރުން އެމީހުންނަށް މާލީ އެހީ ފޯރުކޮށްދިނުމަށް ނިންމާފައި ވާއިރު، އެމީހުން އެ ސިޓީން ބޭރު ކުރުމަށް ޗައިނާ ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުންނެވެ. 

ޗައިނާއިން ވެސް ވަނީ އެގައުމުގެ ރައްޔިތުން ގައުމުން ބޭރަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. ބައެއް ގައުމުތަކުން ޗައިނާ މީހުންނަށް ވިސާ ދިނުމުގެ ކަންކަން ހަރުކަށިކޮށްފައި ވެއެވެ. 

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިއަދުގެ ނިޔަލަށް 4500 މީހުންނަށް ވަނީ އެ ވައިރަސް ޖެހިފަ އެވެ. އަދި 106 މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް