މަހުލޫފް މައްޗަށް އުފުލާފައިވާ ރިޝަވަތު ހިފުމުގެ ދައުވާގެ އަޑުއެހުންތައް ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން ޓްރާންސްޕޭރަންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މަހުލޫފްގެ މައްސަލަ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށް ކްރިމިނަލް ކޯޓުން ބުނި ނަމަވެސް، ކޮވިޑް ގެ މިހާލަތުގައި ވެސް އެ ކޯޓުގައި އެހެން މައްސަލަތަކުގެ ޝަރީއަތް ކުރިއަށްދާކަމަށެވެ.
"ކޮވިޑް ގެ މިހާލަތުގައި ވެސް އެ ކޯޓުގައި އެހެން މައްސަލަތަކުގެ ޝަރީއަތް ކުރިއަށް އެބަގެންދޭ. އަދި ކޯޓުން މިއަދު ނިންމި ނިންމުމަކީ ދެކޮޅު ނުޖެހޭ ކަމެއް،" ޓްރާންސްޕޭރަންސީން ބުންޏެވެ.
މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ވީޑިއޯ އަދި އޯޑިއޯ ކޮންފަރަންސް މެދުވެރިކޮށް މައްސަލަތައް ކުރިއަށް ގެންދިއުމަށް 6 އޮގަސްޓު 2020 ވަނަ ކޯޓުން ނިންމި ކަމަށާއި، މަހުލޫފް މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.
ޓްރާންސްޕޭރަންސީން އިތުރަށް ބުނީ ސަރުކާރުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ އާ ގުޅިގެން ކަންކަން ކުރަމުން އަންނަ ގޮތުގެ ސަބަބުން މައްސަލައިގެ ހެކިތައް ނައްތާލުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
އަދި މިކަމާއި ގުޅިގެން މިނިސްޓަރު މަހުލޫފް ސަސްޕެންޑު ކުރިނަމަވެސް ފަހުން އެ ސަސްޕެންޝަން އުވާލާ، ކެބިނެޓުގައި އިންވައިގެން މިނިސްޓަރު މަހުލޫފް ސިޔާސީ މަސައްކަތްތައް ވެސް ކުރަމުން ގެންދާ ކަމަށާއި، ރައީސް ސޯލިހު އާއި އެކު ބައެއް ދަތުރު ތަކުގައިވެސް ބައިވެރިވަމުން އަންނަ ކަމަށެވެ.
މީގެ ކުރިން ރައީސް ސޯލުހެ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއް ކެބިނެޓުގައި ހުރެއްޖެނަމަ ވަގުތުން ވަގުތަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިނަމަވެސް މަހުލޫފްގެ މައްސަލަ އާއި ގުޅިގެން ފިޔަވަޅު ނޭޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ޓްރާންސްޕޭރަންސީއިން ވަނީ ބުނެފައެވެ.
އަދި ސަރުކާރުން ކުރަމުން އަންނަ ބައެއް ކަންކަމުގެ ސަބަބުން ކޮރަޕްޝަންގެ ތުހުމަތު އުފުލިފައިވާ ބައެއް ފަރާތްތަކަށް ހެކި ނައްތާލުމަށް ފުރުސަތު ހުޅުވިގެންދާ ކަމަށްވެސް ބަޔާނުގައި ވަނި ފާހަގަ ކޮށްފައެވެ.
މި މައްސަލަ އާ ގުޅިގެން އޭސީސީއިން ކުރިން ބުނެފައިވަނީ، އޭސީސީއިން މީގެ ކުރިން ބުނެފައިވަނީ އެސްއީޒީ ބިލު ފާސްކުރުމަށް ވޯޓު ދިނުމަށް 27 އޮގަސްޓު 2014 ގައި މަހުލޫފު މަޖިލީހަށް ހާޒިރުވެފައިވަނީ މެލޭޝިއާއިން ސީދާ ވޯޓަށް ކަމަށާއި އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަންވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.
މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްކަމަށް ބުނެ އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ "ޕޭމެންޓް ރިސީވްޑް" ސްލިޕެއް މަހުލޫފު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ވަނީ ބުނެފައެވެ.