ads
އެންމެނަށްވެސް ލޯނު ދޫކުރާނީ އުސޫލުތަކާ އެއްގޮތަށް: ބީއެމްއެލް
ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ގައުމީ ބޭންކު ބީއެމްއެލް އިން ދޮގުކޮށްފިއެވެ.
Advertisement

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ 206 މަޝްރޫއެއް އަމިއްލަ 53 ކުންފުންޏަކާއި ހަވާލުކޮށްފައެވެ.  މި ކުންފުނިތަކަށް ލޯނު ދެނީ ބީއެމްއެލްއިން ކަމަށް ބުނެ އަޑުތައް ވަނި ފެތުރިފައެވެ. 

މިކަމާއި ގުޅިގެން ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ މިނިވަންކަމާއެކުގައި ކަމަށެވެ. އަދި މިކަން ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. 

ބީއެމްއެލްއިން ބުނީ ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭއިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑާޑްތަކުގެ އިތުރުން ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑްތަކަށް ކަމަށެވެ. 

މީގެއިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފާމްތައް ދަނީ ގަވައިދުން ބޭންކު އޮޑިޓްކުރަމުން ކަމަށާއި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވޭ ކަމަށް ބީއެމްއެލްއިން ބުނެއެވެ. މީގެއިތުރުން 

ބޭންކު ހިނގަމުން ގެންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށާއި، ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާއި އެއްގޮތަށް ބޯޑުން ނިންމަވާ ނިންމެވުމާއި ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

" ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާއި އެއްގޮތަށް ދޫކުރާ ލޯނުތަކެކެވެ،" ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝާ އަށްވެސް ބަލާނެ." ބީއެމްއެލް އިން ނެރުނު ބަޔާނުގައިވެއެވެ.

މީގެއިތުރުން އެކި ދާއިރާތަކަށް ލޯނު ދޫކުރެވޭނެ މިންގަނޑުތައްވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާކަމަށެވެ. އަދި ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާ ދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލާ ކަމަށް ބޭންކުން ބުނެއެވެ. އަދި ލޯނު ދޭނީ އަންޑަ ރައިޓިން އުސޫލާ އެއްގޮތަށް ކަމަށްވެސް ބީއެމްއެލްގެ ބަޔާނުގައިވެއެވެ. 

ބީއެމްއެލް އިން ބުނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުން ކަމަށްވާނަމަ ބޭންކުން މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށެވެ.

މިއަހަރުގެ ތިންވަނަ ކުއާޓާ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

އެކި ދާއިރާތަކަށް ސެޕްޓެމްބަރުގެ ނިޔަލަށް ދޫކޮށްފައިވާ ލޯން 

• ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ

• އަމިއްލަ ފަރުދުންނަށްް– 5.34 ބިލިއަން ރުފިޔާ

• އިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށްް– 5.09 ބިލިއަންްރުފިޔާ

• ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށްް – 2.40 ބިލިއަން ރުފިޔާ

• ވިޔަފާރިތަކަށްް– 1.04 ބިލިއަންްރުފިޔާ

• އެހެނިހެންް ދާއިރާތައްް– 1.11 ބިލިއަން ރުފިޔާ

އެހެންކަމުން ބީއެމްއެލްއާ ގުޅޭ ގޮތުން އާންމުންނަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށްވެސް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް