މިގޮތަށް ހައިކޯޓުން ނިންމާފައިވަނީ އަމިއްލަފަރާތަކުން ވަގުތީ އަމުރަކަށް އެދި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާގުޅިގެން ކުރި ހުކުމެއްގައެވެ.
ކޯޓުގެ ހުކުމުގައިވަނީ އަޙްމަދު ޢަބްދުﷲ ނަމަކަށްކިޔާ އެމީހާގެ ފަރާތުން އެދިފައިވާ ފަދައިން ފެމިލީ ކޯޓުގެ ކައިވެނި ރެޖިސްޓްރާގެ މަގާމަށް މީހަކު ހޯދުމަށް ފެމިލީ ކޯޓުންކޮށްފައިވާ އެކޯޓުގެ ނަންބަރު (5 ޑިސެންބަރު 2021) އިޢުލާނާއެއްގޮތަށް އެމަގާމަށް މީހަކު ނުނެގުމަށް ފެމިލީ ކޯޓާ ކަމާބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށް މިމައްސަލަ ބަލާ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމައިފައިވާކަމަށެވެ.
އަހްމަދު އަބްދުﷲ، ފެމިލީކޯޓުގެ ކައިވެނި ރަޖިސްޓްރާގެ މަގާމުގައި ހުއްޓާ ވަޒީފާއިން ވަކި ކުރުމާގުޅިގެން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައާ ގުޅިގެން އެޓްރައިބިއުނަލުން އަހްމަދުއަށް ވަޒީފާ ދޭން އޮތީ ނިންމާފައެވެ.
މި ނިންމުމާ ގުޅިގެން ޖޫޑީޝަލް ސާވިސް ކޮމިޝަނުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގެ މިހުކުމް އައިސްފައިމިވަނީ މި އިސްތިއުނާފު ހުށަހެޅުމާ ގުޅިގެންނެވެ.
ހައިކޯޓުން ބުނެފައިވަނީ މައްސަލައަށް ބަލާއިރު، ކުރިން ވެސް ފާހަގަ ކުރެވިފައިވާ ފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އަޙްމަދު ޢަބްދުﷲގެ އަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި ވަޒީފާ އަނބުރާ އިއާދަ ކުރަންޖެހޭ ކަމަށް ކަމަށެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެ ނިންމުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމިޝަނުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެ ނިންމުން ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެދިފައިނުވެއެވެ. އެހެންކަމުން ސުޕްރީމްކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން ބުނާގޮތުން ނަމަ ޓްރައިބިއުނަލްގެ އެ ނިންމުމަކީ ތަންފީޒު ކުރެވެންވާނެ ނިންމުމެއް ކަމަށް ހައިކޯޓުން ބުނެއެވެ.
މި މައްސަލައިގައި އަޙްމަދު ޢަބްދުﷲ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާ ކަމާމެދު އާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަޙްމަދު ޢަބްދުﷲ އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަ ކުރުމަށް އަންގާފައިވާ ކަމާމެދު ދެބަސްވުމެއް ނެތެވެ. އެހެން ނަމަވެސް އަހްމަދު ޢަބްދުﷲގެ ފަރާތުން ހޯދުމަށް އެދޭ ފަރުވާ އަކީ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވާކަމުން، ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން އޭނާގެ ވަޒީފާއަށް އެހެން މީހަކު ނުނެގުމެވެ.
ފެމިލީ ކޯޓުން ކުރި އިއުލާނަށް ބަލާއިރު، އެ އިއުލާނަކީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތަށް ކައިވެނީގެ ރެޖިސްޓްރާ އެއް ހޯދުމަށް ކޮށްފައިވާ އިޢުލާނެކެވެ. މި އިޢުލާން ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށް އަޙްމަދު ޢަބްދުﷲގެ ފަރާތުން ހުށަހެޅި ސަބަބު ތަކުގެ ތެރޭގައި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ނޭދުމާއި، ބުނެވުނު އިޢުލާނުގައި ކޮންޓްރެކްޓް މުއްދަތު އެއް އަހަރު ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް އެ އާއި ޖެހިގެން ބްރެކެޓް ގައި "މަސައްކަތުގެ ފެންވަރަށް ރިއާޔަތްކޮށް ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ އެވެ." މިފަދައިން ލިޔެފައިވުން ހިމެނެއެވެ.