"ނަވްޔާ." އިމާޒު ގޮވައިލިއެވެ.
"ވާހަކައެއް އަހާލަންތަ؟" އިމާޒު ފެށީ ދުރުދުރުންނެވެ.
ނަވްޔާ އިސް އުފުލައި ބަލައިލިއެވެ.
"ނަވްޔާ ކޮން އިރަކުން މެރީ ކުރާނީ؟"
"ކާކު އުޅެނީ އަހަރެންނާ އިންނަން؟" ހިތި ގޮތަކަށް ހިނިތުންވެލަމުން ނަވްޔާ ބުންޏެވެ.
"އަހަރެން" ނަވްޔާގެ އަތުގައި އަތްޖައްސައިލަމުން އިމާޒު ބުންޏެވެ.
ނަވްޔާ އަތް ދަމައިގަތް ގޮތުން ހީވީ އެއްޗެއް ކަށި ޖެހި ހެންނެވެ. ނަވްޔާގެ ލޮލުން އިމާޒަށް ފެނުނީ ސިހުމާއި ކަންބޮޑުވުމެވެ.
"އިމާޒު، އަހަރެންނާ މި ވަގުތު ސަމާސާ ނުކުރޭ." ނަވްޔާގެ އަޑުގައި މަޑު ތުރުތުރެއްވިއެވެ.
"ނަވްޔާ މިއީ ސަމާސާއެއް ނޫން. އަހަރެންގެ ހިތުގެ އަޑު. ނަވްޔާދެކެ ލޯބިވާން ފެށުނީ ކޮން އިރަކު، ކޮން ދުވަހަކު ކަމެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު އަހަރެންގެ ހިތުގައި ވަނީ ހަމައެކަނި ނަވްޔާ. ވީހާ ވެސް އަވަހަކަށް މެރީ ކުރަން އަހަރެން ބޭނުން،"
ގަބޫލު ނުކުރެވިފައި އިމާޒާ ދިމާއަށް ބަލަހައްޓައިގެން ނަވްޔާ އިރުކޮޅަކު އިނެވެ. ނޭނގި އިންދާ އެ ދެ ލޯ ކަރުނައިން ފުރިގެން އައެވެ. އެންމެން ވެގެން މި އުޅެނީ ނަވްޔާ ނޭވާ ލިޔަ ވެސް ނުދޭން ހެއްޔެވެ؟ ދިމާކޮށް ގޯނާ ކުރަން ނަވްޔާ ނޫން މީހަކު މި މީހުންނަށް ނުފެންނަނީ ހެއްޔެވެ؟ ސިކުނޑީގައި އުފެދިފައިވާ ހައިޖާނަށް އިތުރު ބޮޅެއް އެމުނިގެން ދިޔުމުން ނަވްޔާ ހަމައިން ނެއްޓިއެވެ.
"މީހަކާ އިންނަ ވާހަކަދައްކަނީ ތި. އެއީ ކިހާ ބޮޑު ޒިންމާއެއް ކަން އެނގޭތަ؟ ބައްޕަ ދިނީމަ ކައިގެން ބޮއިގެން ތި އުޅެނީ. ލާފައި ތިހިރީ ވެސް ބައްޕަ ގަނެދިން އެއްޗެހި. އެކަމަކު ވެސް ތި ދައްކަނީ މީހަކާ އިންނަވާހަކަ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއްހެން އިމާޒަށް ހީވަނީތަ؟ ދުވާލު ދެ ދަޅައިިގައި ފުޓުބޯޅަ ކުޅެފައި ދެން ހަތަރުދަމު ނިދާފައި އޮތަސް ވަރިހަމަތާ؟ އަނބިމީހާއަށް ބައްޕަ ކާންދޭނެ ވިއްޔަ. ލާނެ ހެދުން ހޯދައި ދޭނެ ވިއްޔަދޯ. އެންމެ ފުރަތަމަ އަމިއްލަ ފައިމައްޗަށް ތެދުވެބަލަ. އަމިއްލައަށް މަސައްކަތެއް ކޮށްގެން ލާރި ހޯދައިގެން ދިރިއުޅެން ފަށާބަލަ. އެހެން މީހުންނަށް އުނދަގޫ ނުކޮށް."
ފަތިވަރެއްހެން ހިތަށް އައި ހާ އެއްޗެއް ނަވްޔާ ކިޔައިލިއެވެ. ކުރިންސުރެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމާއި އުދާސްތައް ބޭރުކޮށް ނިމުނިއިރު ބުނާނެ އެއްޗެއް ނޭނގިފައި އިމާޒު އިނެވެ. ނަވްޔާގެ ކޮންމެ ބަހަކުން އެ ހިތަށް އަނިޔާ ލިބެމުން ދިޔައެވެ.
"ނަވްޔާ، އަހަރެންނަށް އެންމެ ފުރުޞަތެއް ދީ. އަހަރެން ބަދަލުވާނަން. ނަވްޔާ އެދޭ ފަދަ ހަރުދަނާ މީހަކަށް ވާނަން."
އިމާޒުގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން ހިނދުކޮޅަކަށް ނަވްޔާއަށް ހުއްޓުން އެރިއެވެ. ހިތުގެ ކަނެއްގައި އުންމީދުގެ ކަންޏެއް ނަށައިލިއެވެ. ނަމަވެސް އުންމީދުގެ އެ ހުޅުކޮޅު ރޯ ކުރަން ފުރުޞަތު ދޭ ވަރަށް ވުރެ އެ ހިތާއި ނަފުސު އެ ވަގުތު ވަނީ ބަލިކަށިވެފައެވެ.
"ހެޔޮނުވާނެ، އިމާޒު. ހަމަޖެހިލައިގެން އަހަރެން ދިރިއުޅަނަ ދީ. ތި އެންމެން ފޫހިފިލުވަން ގެންގުޅޭ ކުޅޭ އެއްޗަކަށް އަހަރެން ނަހަދާ. އަހަރެންނަކީ ވެސް އިންސާނެއް." ނަވްޔާގެ އަޑު ކުރެހުނެވެ.
ނަވްޔާގެ ލޮލަށް ކަރުނަ ޖަމާވެފައިވާ ތަން ފެނުމުން އިމާޒުގެ ހިތުގައި ރިހުމެއް އުފެދުނެވެ. ނަވްޔާދެކެ ވަނީ ސާފުތާހިރު ލޯބިކަން އިމާޒު ބުނެދޭނީ ކިހިނެއްހެއްޔެވެ؟
"ނަވްޔާ" އިމާޒު ގޮވައިލިއެވެ.
އިތުރަށް ވާހަކަ ނުދައްކަން ބުނާ ފަދައަކުން އިމާޒާ ދިމާއަށް ބަލާލައިފައި ނަވްޔާ ބޯ ހޫރުވައިލިއެވެ. އެ ބެލުމުގައި ވި އާދޭހުން އިމާޒުގެ ދޫ ބަންދުވިއެވެ. ގޮނޑި ފަހަތަށް ޖައްސާލައިފައި ނަވްޔާ ތެދުވެ ހިނގައިގަތުމުން ވެސް ހަރަކާތެއް ކުރަން ނޭނގިފައި އިމާޒު އިނެވެ. ނަވްޔާ ދިޔުމުން އެއް އަތުން ކަނދުރާގައި އަތް ހާކައިލުމަށް ފަހު އުޑާ ދިމާއަށް ނަޒަރު ހުއްޓައިލިއެވެ.
"ކޮބާ ނަވް؟" ފަރްހާ އައިސްފައި އެހިއެވެ.
"ހިނގައްޖެ." އިމާޒު ތެދުވިއެވެ.
އިމާޒުގެ ލޮލުގައިވި ރަތްކަން ފެނިފައި އިތުރަށް އެއްޗެއް ބުނާކަށް ފަރްހާއަކަށް ނުކެރުނެވެ.
ގެއަށް އައި ގޮތަށް ހެދުން ވެސް ބަދަލުނުކޮށް، އެނދުމަތީގައި ނަވްޔާ އޮތެވެ. ރޮއިރޮއި ލޯ ދުޅަވެފައިވާ އިރު ގިސްލެވެމުން ދިޔައެވެ. ހަތަރުފަރާތުން ފިތެމުން ދަނީކަމުގެ އިހުސާސް ނަވްޔާއަށް ކުރެވެމުން ދިޔައެވެ. ވިސްނާވިސްނާ ނަވްޔާގެ ސިކުނޑި ފަޅައިގެން ދާން އުޅޭހެން ހީވިއެވެ. އިމާޒު ހަމަ ހަގީގަތުގައި ވެސް ނަވްޔާ ދެކެ ލޯބިވެދާނެ ހެއްޔެވެ؟ އިމާޒުގެ މޫނުމަތިން އެ ފެނުނީ ކޮންފަދަ އަސަރެއް ހެއްޔެވެ؟ އިމާޒުގެ ލޮލުން އެ ފެނުނީ ރިހުމާއި ކެކުޅުމުގެ އަސަރު ހެއްޔެވެ؟
ނޫނެކެވެ. ހައްޔާން ވެސް އެ ގޮތަށް ނަވްޔާއަށް ދަޅަ ދެއްކިއެވެ. ހަމަ ހަގީގަތުގައި ވެސް ނަވްޔާ ދެކެ ހައްޔާން ލޯބިވާކަމަށް ނަވްޔާ ގަބޫލު ކުރިއެވެ. އަމިއްލަ ނަފުސަށް ވުރެ ބޮޑަށް އިތުބާރުކުރިއެވެ. ހައްޔާންގެ ލޮލުން ފެންނަމުން ދިޔައީ ނަވްޔާއަށް ޓަކައިވާ ހިފެހެއްޓުމެއް ނެތް ލޯބިކަމުގައި ހީވިއެވެ. ނަމަވެސް އެއީ ނަވްޔާއަށް ކުރެވުނު ކުށްހީ އެކެވެ. އިމާޒު ވެސް ނަވްޔާ ދެކެ ލޯބިވާ ކަމަށް ބުނެ ސަމާސާ ކުރަނީއެވެ. އެކަމަކު ހިތުގެ ކަނަކުން އެއީ ތެދެކަށް ވުމަށް ނަވްޔާ އެދެވެނީ ކީއްވެ ހެއްޔެވެ؟
ދެން ހުރީ އިޔާދެވެ. އިޔާދުގެ ގޮތް އެނގުމަށް ފަހު ޝަމްނާއާ ހަތަރުކަޅި ހަމަކުރާނެ ގޮތެއް ނަވްޔާއަކަށް ނުވިސްނެއެވެ. ބޮޑުބެގެ ހިމާޔަތް ލިބިފައިވީ ނަމަވެސް ދެން މި ގޭގައި އުޅުމަކީ ނަވްޔާއަށް ވޭނަކަށް ނޫނީ ނުވާނެއެވެ. ވީހާ ވެސް އަވަހަކަށް މިގެއާއި މިތާ އުޅޭ މީހުންނާ ދުރަށް ދާންވީއެވެ. އެ މީހުންގެ ހިޔަނި ވެސް ނޭޅޭހާ ދުރަށެވެ. ބޮޑުބެ ކައިރީގައި ބުނެގެން ވީ އެންމެ އަވަހަކަށް މާލެ ދިއުމުގެ ކަންތައް ހަމަޖައްސަން ނަވްޔާ ބޭނުންވިއެވެ.
ޔަޝަލް ނިދުމުން އިޔާދު ގޭގައި މަޑުކޮށްފައި ޕާޓީއަށް ޝަމްނާ ފޮނުވިއެވެ. ދާން ބޭނުން ނޫން ނަމަވެސް ޝަމްނާ ދިޔައީ އިޔާދު ނެތް ތަނެއްގައި އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. މިރޭ އިޔާދުގެ ކިބައިން ފެނެނު ހަރަކާތްތަކުގެ ސަބަބުން ޝަމްނާގެ ސިކުނޑިއަށް ބާރުބޮޑުވެފައިވެއެވެ. އެއްވެސް ކަމެއް ނޭނގޭ ކަމަށް ހަދާފައި އިޔާދާ އެކު އުޅެންވީ ހެއްޔެވެ؟ ނޫނީ އިޔާދާ ދުރުވާންވީ ހެއްޔެވެ؟
ޝަމްނާ ގެއަށް އައީ ޕާޓީ ނިމި ހައްޔާންމެން ކާން ވެސް ދިޔަފަހުންނެވެ. އޭރު ވައިގަދަވެ ވިއްސާރައިގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ކޮޓަރިއަށް ވަންއިރު އިޔާދު ވެސް އޮތީ ނިދިފައެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ޝަމްނާ ޔަޝަލްގެ އެނދު ކައިރިއަށް ދިޔައެވެ. އިރުކޮޅަކު ޔަޝަލްގެ މޫނަށް ބަލަހައްޓައިގެން ޝަމްނާ ހުއްޓެވެ. އެއް އަރިއަކަށް އޮތް އިރު ޔަޝަލްގެ މުށްކެވިފައިވާ އަތްތިލަ އޮތީ ނޭފަތުގައި ޖެހިފައެވެ. ޔަޝަލްއަށް ނޭވާލާން އުނދަގޫވެދާނެ ކަމުގެ ބިރަށް މަޑުމަޑުން ޝަމްނާ އެ ތުއްތު އަތްތިލަ ދުރަށް ޖައްސައިލިއެވެ. ސިކުނޑިއަށް ވާން ކުރަމުން ދިޔަ ސުވާލުގެ ޖަވާބު އެ ވަގުތު ޝަމްނާއަށް ލިބުނެވެ.
ޔަޝަލްއަށް ޓަކައި ކޮންމެފަދަ ގުރުބާނީއެއް ވާން ވެސް ޝަމްނާ ތައްޔާރެވެ. ޝަމްނާ އަޅާ ކޮންމެ ފިޔަވަޅެއްގައި ވެސް އިސްކުރާނީ ޔަޝަލްގެ މަސްލަހަތެވެ. އިޔާދުގެ ފަރާތުން ފެނުނު ކަންތައްތަކުން ހިތަށް އުނދަގޫވި ނަމަވެސް އިޔާދާ އެކު އުޅެން ޝަމްނާ އެ ވަގުތު ނިންމިއެވެ. ޔަޝަލްއަށް އެންމެ ރަނގަޅުވާނީ އެ ގޮތް ކަމަށް ވިސްނާފައެވެ. ނަމަވެސް އިޔާދުގެ ކަންތައް މާ މައްޗަށް ދިޔުމުގެ ކުރިން އިޔާދާ ވާހަކަދައްކަން ޖެހޭ ކަމަށް ވެސް ޝަމްނާއަށް ޤަބޫލު ކުރެވެއެވެ. އިޔާދުގެ ހިތް އެހެން ފަރާތަކަށް ލެނބުނީ ޝަމްނާގެ ކޮން ކުށެއް އޮވެގެން ބާވައޭ ވެސް ޝަމްނާ އެ ވަގުތު ހިތަށްއެރިއެވެ. ތެމިފައިވި ކޯތާފަތް ފޮހެލާފައި ޝަމްނާ އެނބުރި އިޔާދަށް ބަލައިލިއެވެ.
ބަނޑުބޮޑުވި ފަހުން އިޔާދަށް ދޭންޖެހޭ ލޯތްބާއި އަޅާލުން ނުދެވޭކަން ޤަބޫލު ކުރެވުމުން އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. އެ ވަގުތު އިޔާދު ގެއްލިދާނެ ކަމުގެ ބިރު ޝަމްނާގެ ހިތުގައި ވަކިހިއްޕައިލިއެވެ. ހީނަރުވެފައިވާ ގުޅުން ރަނގަޅުކުރަން މަސައްކަތް ކުރަން ޖެހޭކަން ޝަމްނާއަށް ވިސްނުނެވެ. ޝަމްނާގެ ލޯތްބާއި ފިރުމުންތަކުގެ އެހީގައި އިޔާދުގެ ހިތް އަނބުރާ ހޯދުމަށް އެ ވަގުތު ޝަމްނާ އަޒުމު ކަނޑައެޅިއެވެ. އެއާ އެކު ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. ކުރާނެ ކަންތައްތައް ސިކުނޑީގައި ރާވަމުން، ނިދަން ތައްޔާރުވާން ޝަމްނާ ދިޔައެވެ. ދާވަށިގަނޑުގެ ކައިރިއަށް ވެއްޓިފައި އޮތް އިޔާދުގެ ކަޅުކުލައިގެ ގޮޅިޖެހި ގަމީސް ނަގާ ވަށިގަނޑަށް ލުމަށްފަހު ޝަމްނާ ފާޚާނާއަށް ވަނެވެ. ނިދާ ހެދުން ލައިގެން އައިސް އިޔާދުގެ ގާތުގައި އޮށޯވެ، ދެ ލޯ މަރައިލީ ނިދުމުގެ ނިޔަތުގައި ނޫން ނަމަވެސް ވަރުބަލިވެފައިވާ ވަރުން ދާދި އަވަހަށް ފުން ނިންޖެއްގެ ތެރެއަށް ޝަމްނާ ގެނބުނެވެ.
ޕާޓީ ނިމުމުން ހައްޔާނާއި އަޒްކާ ގެއަށް އައި އިރު ތުނިތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. ހައްޔާންގެ އަތުގައި ހިފައިގެން ހިމަފޮދު ވާރޭގެ ތެރޭގައި ހިނގަމުން ދިޔައިރު އަޒްކާގެ ހިތަށް ބަޔާން ކުރަން ނޭނގޭފަދަ އުފަލެއް ލިބިފައިވިއެވެ.
"ނަސީބެއްނު ޕާޓީ ނިމުނު ފަހުން ވޭރޭ ވެހެން ފެށިކަން." ކޮޓަރީގެ ދޮރާ އަރާ ހަމަވެފައި އަޒްކާ ބުންޏެވެ.
"އަހަރެންގެ ނަސީބަކީ ތިއީ." އިސްތަށިގަނޑުގައި ހަރުލާފައިވާ ފެންތައް އަޒްކާގެ މޫނަށް ބުރުވައިލަމުން ހައްޔާން ބުންޏެވެ.
ހީނގަނެފައި އަޒްކާ ކޮޓަރިއަށް ވަނެވެ. އެ ވަގުތު ހުވަނދުމަލުގެ މީރުވަސް އަޒްކާގެ ނޭފަތުގައި ޖެހުނެވެ. ޒީނަތްތެރިކޮށްފައިވާ ކޮޓަރި ފެނުމުން އުފާވެރި ހިނިތުންވުމެއް އަޒްކާގެ މޫނުމައްޗަށް ވެރިވިއެވެ.
"އެނދުމަތީގައި ހުވަނދުމަލުން ދެ ހިތް ކުރަހާނީ." ނަވްޔާ ބުންޏެވެ.
"އެހެންތަ؟ އެކަމަކު ކީއްވެ ހުވަނދުމަލުން. ބޭނުމިއްޔާ ފިނިފެންމާ ވެސް ހޯދައިދީފާނަން." ޖޯލީގައި އިނދެފައި ނަވްޔާގެ އަތުގައި ހިފަމުން ހައްޔާން ބުންޏެވެ.
"އަހަރެމެންގެ ސާފުތާހިރު ލޯބީގެ ރަމްޒެއްގެ ގޮތުން."ނަވްޔާ ބުންޏެވެ.
ހައްޔާން ހޭން ފެށިއެވެ.
ފާރުގައި ލެގިލައިގެން އިން ނަވްޔާ ދެ ލޯ މަރައިލިއެވެ. ހައްޔާންގެ ހުނުމުގެ އަޑު ނަވްޔާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނައިން ކޯތާފަތް ތެމެމުން ދިޔައެވެ.
"އޯވް ވާއު، ހުވަނދުމާ، ކޮންތާކުން މިހާ ބައިވަރު މާ ހޯދީ." އެނދުމަތީގައި ހުވަނދުމަލުން ހަދާފައިވާ ދެ ހިތުން މާކޮޅެއް ނަގާފައި ވަސް ބަލައިލަމުން އަޒްކާ ބުންޏެވެ،
"ކީއްވެ ފިނިފެންމާ..."
އެ ވަގުތު ފަހަތުން އައިސް ހައްޔާން ބައްދައިލުމުން އަޒްކާގެ ބަސް ހުއްޓުނެވެ. ހައްޔާންގެ ބީހުންތަކުން އެހެން ހުރިހާ ކަމެއްގެ މަތިން އަޒްކާ ހަނދާން ނެތުނެވެ.
ކޮޓަރީގެ ފަނޑުއަލި ނަވްޔާގެ މޫނަށް އެޅިފައިވިއެވެ. ނިދިފައި އޮތް އިރު ބޯ އެސްފިޔަތަކުގައި އަދިވެސް ކަރުނައިގެ ތެތްކަން އެކުލެވިގެންވިއެވެ. ބާލީހުގެ މައްޗަށް ފެތުރިފައިވާ ކަޅު އިސްތަށިގަނޑު ފަންކާގެ ވަޔާއެކު ވިހުރެމުން ދިޔައެވެ.
މީހެއްގެ ހޫނު ނޭވާ މޫނުމައްޗަށް އެޅުމުން ސިހިފައި ނަވްޔާ ލޯ ހުޅުވައިލިއެވެ. ގުދަށް އޮތް މީހާ ފެނުމާ އެކު ނަވްޔާގެ ދެ ލޯ ބޮޑުވިއެވެ.
"ކީއްކުރަނީ މިތާ؟ ހަމަ މިހާރު ނުކުމޭ."
އެ ވަގުތު ނަވްޔާގެ އަނގަމަތީގައި އެ މީހާ އަތް އެޅިއެވެ. ނަވްޔާގެ ލޮލުން ފެންނަމުން ދިޔަ ބިރުވެރިކަމާއި ސިހުމަށް ފަރުވާލެއް ނުބަހައްޓާ ނަވްޔާގެ ގައިމައްޗަށް އެ މީހާ ވެއްޓިގަތެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ އަޑުގެ ތެރެއަށް ނަވްޔާގެ އާދޭސްތަކާއި ރުއިމުގެ އަޑު އޮނބިގެން ދިޔައެވެ. ލޮލުގެ ހިމަކޮޅުން ފައިބަމުން ދިޔަ ކަރުނަތައް ބާލީހަށް ހިނދެމުން ދިޔައެވެ.
(ނުނިމޭ)