
މިއީ ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ގޯލްޑަން ޖުބްލީ ފާހަގަކުރުމުގެ ގޮތުން، ޔުނިކްސް ސްޕޯޓިންގެ އިތުރުން ޓެކްނިކަލް ޑައިވަރެއް ކަމަށްވާ ޝަފްރާޒް ނައީމް އާއި އެކު ބާއްވާ އިވެންޓެކެވެ.
50 ގަޑިއިރަށް ދެމިގެންދާނެ މި ޑައިވިން އިވެންޓްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އަދި ބައިނަލްއަގުވާމީ ޑައިވިން ކޮމިޔުނިޓީ އާއި މެރިން ރިސާޗާސްގެ އިތުރުން ތިމާވެށީގެ އެކްޓިވިސްޓުން ގުޅިގެން ޕްލާސްޓިކްގެ ސަބަބުން މޫދު ތަޣައްޔަރުވުމާއި، ކްލައިމެޓް ޗޭންޖް އާއި، ހިމާޔަތް ކުރެވިފައިވާ ކަނޑުގެ ދިރުންތަކާއި، މެރިން އިކޯ ސިސްޓަމް އަށް ހުރި ގެއްލުންތަކާއި މައްސަލަތަކާއި މެދު އަހުލުވެރިކުރުވުމެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25-27 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޑައިވަރުންނަށް ޝަފްރާޒް ގާތަށް އަށް ޒިޔާރަތްކޮށް އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް މިފަދަ ގޮތަކަށް ހެދޭ ފުރަތަމަ ޑައިވްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.
ދިރާގުގެ ސީއެސްއާރް ގެ ދަށުން "ކެއާ ފޯ އޯޝަން" މައިގަނޑު ގޮތެއްގައި ހާއްސަކޮށްފައިވަނީ އ.ދ ގެ އެސް.ޑީ.ޖީ ގޯލް "ލައިފް ބިލޯ ވޯޓާ" އަށް ތާއިދުކުރުމުގެ ގޮތުންނެވެ. 2016 އިން ފެށިގެން އެ ކޮމްޕެނީ އިން ވަނީ މި މައްސަލަ އަށް ހައްލެއް ގެނައުމުގެ ގޮތުން މަސައްކަތްތައް ފަށާފައެވެ. އެގޮތުން ޕްލާސްޓިކް ފުޅި މަސައްކަތުގެ މާހައުލުގައި ބޭނުން ނުކުރުވުމާއި، ފެން ބޮވޭނެ ނިޒާމުތައް ހަމަޖައްސައި ދިނުމުގެ އިތުރުން ފަހުން ބޭނުން ކުރެވޭ ކަހަލަ ކޮތަޅުތައް ބޭނުން ކުރުން ފަަދަ މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރުމަށް ވަނީ އިސްނަގާފައެވެ.
ކޮވިޑް 19 ގެ ބަލި މަޑުކަމާއި ގުޅިގެން ދިރާގުންވަނީ ޕްލާސްޓިކް އިން ތަޣައްޔަރުވާ މިންވަރާއި އެއްފަހަރު ބޭނުން ކޮށްފައި އެއްލާލާ މާސްކް އަދި އަންގިތައް އުކާލުމުގެ މުހިންމުކަމުގެ މައްޗަށް މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކޮށްފައެވެ.
އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ދިރުންތަކާއި ކަނޑު ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއްގައި ދިރާގުން ދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް އަހައްމިޔަތުކަން ދެމުންނެވެ.