ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޖެނުއަރީ މަހު 252 މިލިއަން ރުފިޔާގެ ދަރަނި ސަރުކާރުން ދައްކައިފި
މިއަހަރުގެ ޖެނުއަރީ މަހު ސަރުކާރުން 252 މިލިއަން ރުފިޔާގެ ދަރަނި އަދާކޮށްފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހަފުތާގެ މާލީ ބަޔާނުގައި ވާގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ދަރަނި އަދާކުރުމަށް ސަރުކާރުން ވަނީ ޖުމްލަ 251.9 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 69.5 އިންސައްތަ މަތީ އަދަދެކެވެ. މިދިޔަ އަހަރު މިމުއްދަތުގައި ދައްކާފައިވަނީ 148.6 މިލިއަން ރުފިޔާ އެވެ.

ދައުލަތުން ވަނީ މިއަހަރުގެ ބަޖެޓުގެ 15 އިންސައްތަ ދަރަނި ދެއްކުމަށް ހާއްސަކޮށްފަ އެވެ. އެއީ 2.8 ބިލިއަން ރުފިޔާއެވެ. މިގޮތަށް ނިންމާފައިވަނީ ރާއްޖޭގެ ދަރަނި އެއް އަހަރުން އަނެއް އަހަރަށް މަތިވަމުންދާ ދިޔުން ހުއްޓުމަށެވެ.

އެގޮތުން މިދިޔަ އަހަރު ވެސް ދަރަނީގެ ބޮޑު ބައެއް އަދާކުރެވިފައިވާ ކަމަށް މިއަހަރުގެ ރައްްޔިތުންގެ މަޖިލިސް ހުޅުވުގެ ރަސްމިއްޔާތުގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން ގާތްގަނޑަކަށް 6.8 ބިލިއަން ރުފިޔާ ދެއްކިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ ދަރަންޏެއް ވެސް ދައްކާ ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެއީ 2019 ވަނަ އަހަރުގެ ޖުލައި މަހު ދައުލަތުގެ ރިޒާވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮަލަރު (ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ) ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކާ ގޮތުގައި ޖެނުއަރީ 27 ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ވަނީ 1.68 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި އެކި ގޮތްގޮތުން ވަނީ 1.43 ބިލިއަން ރުފިޔާ ހަރަދުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް