އާޓިފިޝަލް ބީޗުގައި "ރީސެޓް"ގެ ނަމުގައި އޮތް ޖަލްސާގައި ޔާމީން ވަނީ މިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މެދު ކަންކުރެއްވި ގޮތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރާ ކަންތައްތަކުގައި ނޫނެކޭ ބުނަން މިހާރު ސުޕްރީމް ކޯޓަށް ކެރަން ޖެހޭނެ ކަމަށެވެ. އެހެންނޫނީ، ރައްޔިތުންނަށް އިންސާފެއް ހޯދައިނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިދީފައިވާއިރު ނޫނެކޭ ބުނަން ފަނޑިޔާރުންނަށް ނުކެރެންވީ ކީއްވެގެންތޯ ވެސް ޔާމީން ސުވާލުކުރެއްވި އެވެ.
ޔާމީން ވިދާޅުވީ ޝަރުއީ ނިޒާމު ރީސެޓް ކުރަން ޖެހޭ ކަމަށް ވިދާޅުވާ އެއް ސަބަބަކީ، ކޯޓުތަކަށް އެންމެ ބޮޑު ހަމަލާ އަމާޒުވި ދުވަސްވަރު އުއްތަމަ ފަނޑިޔާރުގެ ކަރުގައި ފައްޓަރުބައި އަޅުވާފައި، ސުޕްރީމް ކޯޓުގެ އިލްމީ ފަނޑިޔާރުންތަކެއް ބޭރުކުރުން ކަމަށެވެ.
"ޖުޑިޝަރީ ރީސެޓް" ކުރުވާނެ ކަމަށް ޔާމީން ވިދާޅުވެލެއްވިއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ސުޕްރީމް ކޯޓު ފަނޑިޔާރުން ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވަން ގޮވާލައިފަ އެވެ.
ރައްޔިތުންގެ ސީދާ ވޯޓުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ހޮވަން ހުށަހަޅާނީ،
1. ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ ބާރުވެރިކަން އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރުމަށާއި
2. ތިން ބާރުގެ ތެރެއިން ރައްޔިތުންގެ ސީދާ ބައިވެރިވުމެއް ނެތި ގާއިމުކޮށްފައިވާ، އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ކޯޓަށް މަންދޫބުން މެދުވެރިނުކޮށް، މީހުން އައްޔަނު ކުރުމާއި ވަކި ކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ހޯދައި ދިނުމަށާއި
3. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން އެއްކިބައިވެގެން ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި ޒިންމާ އާއި ވާޖިބުތައް އަދާ ކުރުމަށް މަގުފަހިވެފައިވާ މުޖުތަމައެއް ކަށަވަރު ކުރުމަށާއި
4. ސިޔާސީ އެއް ފިކުރަކުން ފަނޑިޔާރުގެ ކޮންޓްރޯލް ކުރާކަމަށް ކުރެވޭ ތުހުމަތުތައް ނިމުމަކަށް ގެނެސް، މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް އަމަލު ކުރަން ލާޒިމް ހަގީގީ މިނިވަންކަމާއެކު އަދަލު އިންސާފު ގާއިމު ކުރަމުން ހުށަހެޅިފައިނުވާ ސަގާފަތެއް އަށަގެންނެވުމަށެވެ.
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރައްޔިތުންގެ މަސްލަހަތަކީ އެންމެ އިސް މަސްލަހަތު ކަމަށް ދެކިގެން ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.