ads
ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ދެތިން ދޫނި މަރާލައިގެން ކަންބޮޑުވާކަށް ނުޖެހޭ: މެމްބަރު ޝަރީފް
ގަވައިދާއި ހިލާފަށް ރާއްޖެއަށް އެތެރެކުރި ދޫނިތަށް މަރާލުމަކީ ކަންބޮޑުވާނެ ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

މެމްބަރު ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ،  ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހަޅުއްވާފައިވާ ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލް އަގްވާމީ ވިޔަފާރި ކުރުމުގެ ބިލާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. 

މެމްބަރު ޝަރީފްގެ ވާހަކަފުޅުގައި ވިދާޅުވީ، މަރާލި ދޫނި ތަކަކީ އިންސާނުންނަށް ނުރައްކާތެރި ވައިރަސް ފޯރުވުމުގެ ގާބިލްކަން ލިބިފައިވާ ދޫނިތަކެއް ކަމަށެވެ. 

"ރާއްޖެއަށް ގެންނަ ކޮންމެ ދޫންޏަކީވެސް އެއަށް ޖަހަންޖެހޭ ވެކްސިން ނުޖަހާ ގެނެސްފިނަމަ އެޓަމްބޮމެއް ކަހަލަ ނުރައްކާތެރި އެއްޗެއް"

މީގެ އިތުރުން މެމްބަރު ވިދާޅުވީ، ދޫނީގެ ސަބަބުން ފެތުރޭ އެޗްވަންއެންވަން އާއި ބާޑް ފްލޫއާއި ސްވައިން ފްލޫ ފަދަ ބަލިތަކަކީ އިންސާނިއްޔަތަށް ނުރައްކާވާ ފަދަ ބަލިތަކެއް ކަމަށާއި، ތާރީހު ދިރާސާކޮށްފި ނަމަ، ދޫނިން ފެތުރޭ ވައިރަސްތަކުގެ ޕެންޑެމިކްތަކުގައި އެތައް ހާސް ދޫނި މަރާލާފައި ހުންނާނެ ކަމަށެވެ. އެހެން ކަމުން ދެތިން ހަތަރު ދޫންޏެއް ރާއްޖޭގައި މަރާލުމަކުން އެއީ މާބޮޑު ކަމެއް ނޫން ކަމަށް މެމްބަރު ޝަރީފް ވިދާޅުވިއެވެ. 

"ދެން މިތަނަށް އައިސްގެން އަޅުގަނޑުމެން ދެތިން ހަތަރު ދޫންޏެއް މަރައިގެން މިވަރަށް ކަންތައް ބޮޑުވެގެން މި އުޅެނީ. އޭގެން ކޮން ކަހަލަ ބައްޔެއް ކަމެއް، ކޯއްޗެއް ކަމެއް ފަތުރާނީ ކިހިނެއްތޯ އެނގެނީ. ކީއްވެގެންތޯ މަރާލީ." މެމްބަރު ވިދާޅުވިއެވެ.

މަރާލި ދޫނިތަކުގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގައި ނެތިދާނެ ކަމުގެ ބިރު ބޮޑު ލިސްޓުގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނޫނީ އެމެޒޯނާ ފެރިސޯނާގެ ދޫނިތަކެއް ހިމެނެ އެވެ.  

މި މައްސަލައާއި ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ މި ދޫނިތައް މަރާ ނުލާ ފޮނުވުމަށް މިނިސްޓްރީއަށް ލަފާ ދީފައި ވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ދޫނިތަށް މަރާލީ އެ ގޮތަށް ކަންކުރުމަށް އޭޖީއިން ލަފާ ދިނުމުން ކަމަށް ވަނީ ބުނެފައެވެ. 

މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބިފައިވަނިކޮށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، އެ މައްސަލަ މިހާރު އެ ވުޒާރާއިން ބަލަން ފަށާފައި ވާކަމަށާއި، މިކަމާއި ގުޅިގެން އިތުރު ވާހަކައެއް ހިއްސާ ކުރެވޭނީ މައްސަލަ ބެލުމަށް ފަހު ކަމަށެވެ. 

މި މައްސަލަ ބަލާ ތަފްސީލީ ރިޕޯޓެއް ރައީސް އޮފީހަށް ހުށައެޅުމަށް ރައީސް ސޯލިހު ވަނީ ފިޝަރީޒް މިނިސްޓްރީއަށް މިއަދު އަންގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް