މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ސަރުކާރުގެ އަމަލުތައް މިހާރު ހަގީގަތުގައި ރައްޔިތުންނަށްވެފައިވަނީ ބޮޑު ޖޯކަކަށެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިނަމަވެސް ހަގީގަތުގައި ޒީރޯއަކީ މިއަދު މަނިކުފާނާ، ދައުލަތުގެ އަނެއް ދެ ބާރެވެ. ކުރުކޮށް ބުނާނަމަ ދައުލަތެއް މަހުލޫފުގެ ދަށުވެފައި އޮތްކަމީ މިއަދު ފެންނަން އޮތް ހަގީގަތެވެ.
ދިވެހި ދައުލަތަކީ ތިން ބާރުގެ މައްޗަށް އެކުލެވިފައިވާ ޖުމްހޫރިއްޔާއެކެވެ. އެއީ ވެރިކަން ކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. މި ތިން ބާރުވެސް ޒާތަކަށް މަހުލޫފުގެ ދަށުވެފައިވާކަމަށް ބުނުމުގެ ފުރުސަތު މިއަދު، މި ބާރުތައް ފެށިގެން އަންނަ ދިވެހި ރައްޔިތުންނަށް ބުނެވެން އެބައޮތެވެ. ދައުލަތް އޮރިޔާންވާނެ ކަމުގެ އިންޒާރު މަހުލޫފު ދީފައި އޮތަސް ރައްޔިތުން އޮރިޔާންވާކަށް ނުޖެހެއެވެ. އަދި މަހްލޫފަކަށް ރައްޔިތުން އޮރިޔާމެއް ނުވެސް ކުރެވޭނެއެވެ.
ވެރިކަން ކުރުމުގެ ބާރު ނުވަތަ ރައީސުލް ޖުމްހޫރިއްޔާ މަހްލޫފުގެ ދަށުވުން
ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް ސިޔާސަތެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ކިތައްމެ ބާރަށް ވިދާޅުވިނަމަވެސް ހަގީގަތަކީ ކޮރަޕްޝަނަށް ބަހުން ހަންޑްރެޑް އަދި އަމަލުން ޒީރޯ ޓޮލަރެންސްއެވެ. ކޮރަޕްޝަނުގެ ދައުވާ އުފުލިފައިވާ ވަޒީރަކީ އަމިއްލަފުޅު ކެބިނެޓުގައި އިންނެވުމަކީ ރައީސުލްޖުމްހޫރިއްޔާއަށްވެސް ބޮޑު ހުތުރެކެވެ.
މަހްލޫފު ވަކިކުރަން މަޖިލީހަށް ނުކެރުން ނުވަތަ މަޖިލީސް މަހުލޫފު ދަށުވުން
ފަސްދޮޅަސް ފަސް ގޮނޑިއާއި އެކު މަޖިލީހުގެ އެބްސޮލިއުޓް މެޖޯރިޓީ ވެރިކަން ކުރާ އެމްޑީޕީގައި އެބައޮތެވެ. އެމްޑީޕިން މަހްލޫފުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން މަހްލޫފު ކެބިނެޓުން ބޭރު ކުރުމަށް ބޭނުންވަނީ ގިނަވެގެން ފަނަރަވަރަކަށް ދުވަހެވެ. އެކަމަކު ރައީސުލް ޖުމްހޫރިއްޔާއެކޭ އެއް ގޮތަށް އެމްޑީޕީގެ ފަސްދޮޅަސް ފަސް މެންބަރުން ކުރެ އެންމެ މެންބަރަކަށްވެސް މަހުލޫފާ ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާކަށް ނުކެރެއެވެ. ޔަގީނުންވެސް ފަސްދޮޅަސް ފަސް ދާއިރާގެ ރައްޔިތުންގެ ރުހުމެއް މަހުލޫފަކަށް ނެތެވެ.
އަދުލު އިންސާފުގެ ބާރު މަހުލޫފުގެ ދަށުވުން
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޝަރީއަތްތައް ހިންގަން ޖެހުމުން، އޭނާގެ ކުރިމަތީ ކޯޓުތަކުން ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި އެ ކޯޓުގެ ފަނޑިޔާރަކު ވިދާޅުވިއެވެ. އެކަމަކު މަހުލޫފާ ޖެހުމުން ކޯޓުވެސް ކުޑަކަކޫ ޖެހީއެވެ. މަހްލޫފުގެ މައްސަލައާ ޖެހުމުން ޝަރީއަތްވެސް ހުއްޓުނީއެވެ. ކޮވިޑާ ހެދިއެވެ. އެކަމަކު ނޫސްތަކުން ޕްރެޝަރު ކުރުމުން ފަހުން އަނެއްކާވެސް މިއަދަށް ތާވަލު ކުރީއެވެ. އެކަމަކު މިއަދުވެސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމާމެދު ޝައްކެވެ.