ads
މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
އެންމެ ގިނަ ވޯޓް ލިބޭ މީހަކަށް ރައީސްކަން ލިބޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ
ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ވޯޓް ކާމިޔާބު ކުރާ މީހަކު ވެރިކަމަށް ގެންނަގޮތަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.
Advertisement

ރައީސް ނަޝީދު މިފަދަ ހުށަހެޅުމެއް ހުށަހަޅުއްވާފައިވާކަން "ސީއެންއެމް" އަށް ވަނީ ކަށަވަރުވެފައެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގުރޫފަށް ރައީސް ނަޝީދު ފޮނުވާފައިވާ ހުށަހެޅުމުގައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓުގެ 30 އިންސައްތަ އަށްވުރެ މަދު ނޫން އަދަދަކަށް ވޯޓު ހޯދާފައިވާ ކެންޑިޑޭޓެއް ނަމަ، ދެ ވަނަ ބުރަކަށް ނުގޮސް އެ ކެންޑިޑޭޓަކީ މޮޅުވި ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅުމަށް ކޮންގްރެެސް އިން ނިންމުމަށެވެ. 

އަދި އިންތިހާބުގައި މިފަދައިން ކަނޑައެޅުމުން އެއްވެސް ކެންޑިޑޭޓަކަށް 30 އިންސައްތަ ވޯޓު ނުލިބިއްޖެނަމަ، އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަަށް ގޮސް، ދެވަނަ ބުރުގައި އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކީ މޮޅުވި ކެންޑިޑޭޓުގެ ގޮތުގައިވެސް ގާނޫނު އަސާސީގައި ކަނޑައެޅުމަށެވެ. 

މިހާރު އޮންނަ ގޮތުން އެއްބުރުން އިންތިހާބުގައި މޮޅުވުމަށް ބޭނުންވަނީ 51 އިންސައްތައެވެ. މި އިންސައްތައަށް ވޯޓު ނުލިބިއްޖެނަމަ އޮންނަނީ ދެވަނަ ބުރަކަށް ގޮސް އެންމެ ގިނައިން ވޯޓުލިބޭ ކެންޑިޑޭޓަކު ހޮވުމެވެ. 

ގާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންވާ މި އިސްލާހު ގެނެވިއްޖެނަމަ، އިންތިހާބު ކާމިޔާބު ކުރުމަށް 51 އިންސައްތަ ބޭނުމެއް ނުވާނެއެވެ. އަދި 30 އިންސައްތަ ވޯޓު ލިބިއްޖެނަމަ ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ކާމިޔާބު ވާނެއެެވެ. 

މި ހުށަހެޅުމާއިމެދު ގޮތް ނިންމުން އޮންނާނީ މިރޭ އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

ޖުމްލަ ވޯޓުގެ 30 އިންސައްތައިން އިންތިހާބު ކާމިޔާބުވާ އިސްލާހެއް ގާނޫނު އަސާސީއަށް ގެންނަން ރައީސް ނަޝީދު ހުށަހެޅުއްވިއިރު، ނިމިދިޔަ ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް 50 އިންސައްތަ ވެސް ލިބިފައި ނުވާތީ އަންނަ 2023ވަނަ އަހަރު ރިޔާސީ އިންތިހާބެއް އޮވެއްޖެނަމަ އެމްޑީޕީގެ ވެރިކަން ދިފާއު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

އެމްޑީޕީގެ ކެންޑިޑޭޓަށް އެ ދާއިރާގެ ގޮނޑި ކާމިޔާބުވިކަން ޔަގީންވުމުން އެމްޑީޕީ ވަޓްސްއެޕް ގުރޫޕަށް އައި މަރުހަބާގެ މެސެޖްތަކަށް ރިޕްލައި ކުރައްވަމުން ނަޝީދު ވިދާޅުވީ، ކާމިޔާބުވި ނަމަވެސް 50 ޕަސެންޓު ހުރަސް ނުކުރި ކަމަށެވެ. އެހެންކަމުން ނަތީޖާއިން ފެންނަނީ ބަރުލަމާނީއަށް ބަދަލުނުކޮށް 2023ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ދިފާއު ނުކުރެވޭނެކަން ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް