
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ މިނިސްޓަރު މަހްލޫފުގެ މައްޗަށް އުފުލާ ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
އެކަމަށްޓަކައި ތާވަލުކުރި އަޑުއެހުންތައް ކެންސަލް ކުރުމަށްފަހު މިއަދު ފުރަތަަމަ ފަހަރަށް ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާތައް އިއްވުމުން، ދައުވާއަށް ޖަވާބުދާރީވުމަށް މަހްލޫފަށް ދެއްވި ފުރުސަތުގައި އޭނާ ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ކުރާކަމަށް ވިދާޅުވެފައެވެ.
ދައުވާއަށް މަހްލޫފް އިންކާރު ކުރި ނަމަވެސް ކުށް ސާބިތުކުރުމަށް ދައުލަތުން ވަނީ މަހްލޫފާއި ދެކޮޅަށް ހަތް ޝަފަހީ ހެކިންނާއި 24 ކިތާބީ ހެކި ހުށަހަޅާފަ އެވެ. އަދި މަހުލޫފުގެ ފަރާތުން ވެސް ވަނީ އޭނާގެ ދިފާއުގައި ތިން ޝަފަހީ ހެކިންނާއި، އެއް ކިތާބީ ހެކި ހުށަހަޅާފަ އެވެ.
ދައުލަތުގެ ފަރާތުން މަހްލޫފާއި ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލްޣަފޫރު ހިމެނެއެވެ. އޭނާއަކީ މަހްލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން 33000 (ތެއްތިރީސްހާސް އެމެރިކާ ޑޮލަރު) މަހްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ދިން ކަމަށް ދައުލަތުން ބުނެފައިވާ މީހާއެވެ. އޭނާގެ މައްޗަށް ވަނީ ދައުލަތުން އެމްޕީއާރްސީގެ ގިނަ ދައުވާތަކެއް ކޮށް ކުށް ސާބިތުވެސް ވެފައެެވެ. ނަމަވެސް އޭނާ ފަހުން ވަނީ ދައުލަތާއިއެކު އެއްބަސްވުން ހަދާ ދައުލަތަށް އެއްބާރުލުން ދިނުމުން އަދަބު ލުއި ކޮށްދީފައެވެ.
މަހްލޫފުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި މަހްލޫފާއި ދެކޮޅަށް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ބެހޭ ގޮތުން މަހްލޫފުގެ ފަރާތުން ވަކީލު ނޫރުއްސަލާމް ވިދާޅުވީ، މަހުލޫފްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ރިޝްވަތުގެ ގޮތުގައި ދީފައިވާ ފައިސާ ކަމަށް ބަޔާން ދީފައި އޮތީ އަހުމަދު އަދީބު ކަމަށާއި، އޭނާއަކީ މަހުލޫފްއާ ދެކޮޅުވެރިކަމެއް އޮތް މީހެއް ކަމަށެވެ.
އަދީބަކީ އޭނާގެ މައްޗަށް އެތައް ކުށެއް ސާބިތުވެފައިވާ މީހެއްކަން ފާހަގަކުރަމުން ވަކީލު ވިދާޅުވީ، އޭނާގެ ހެކިބަހުގެ މައްޗަށް އެކަނި ބަލައިގެން ކަމެއް ސާބިތު ނުވަތަ ނަފީ ނުކުރެވޭނޭ ކަމަށް ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ މައްސަލައިގައި ވެސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ރައްދުގައި ދައުލަތުން ވަނީ، މައްސަލައިގެ މައިގަނޑު ހެއްކަކީ އަދީބު ކަމުގައިވިޔަސް, އޭނާގެ ބަހަށް ބާރުދޭ ހެކިތައްވެސް ހުށަހަޅާފައިވާނޭ ކަމަށާއި, އެހެންކަމުން އަދީބުގެ ހެކިބަހަށް ބުރަދަން ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ކިތާބީ ހެކީގެ ތެރޭގައި ބޭންކް ސްޓޭޓްމަންޓްތަކާއި، ޓުވީޓާ ސްކްރީންޝޮޓްތަކެއް ހިމެނެއެވެ.
ދިފާއުގައި މަހްލޫފުގެ ފަރާތުން ވިދާޅުވެފައިވަނީ، އެތަކެއްޗަކީ ދައުވާގައި ބަޔާންކުރާ އެއްވެސް އުންސުރެއް ސާބިތުކޮށްދޭ ހެކިތަކެއް ނޫން ކަމަށެވެ.
މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވަމުން މަހުލޫފްގެ ވަކީލު އާއިޝަތު ޝީނާ ވިދާޅުވީ، މަހުލޫފްގެ މައްޗަށް ދައުވާކުރަނީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށް ކަމަށްވާއިރު، އެކަން ސާބިތުކުރުމަށް ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައި ނެތް ކަމަށެވެ.
އަދި އެކަން ސާބިތުކުރުމުގެ ބަދަލުގައި ދައުލަތުން މަސައްކަތް ކުރަނީ މަހުލޫފްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ "ދަ ޖީންސް" ފިހާރައިގެ މުއާމަލާތަކާ ގުޅޭ ފައިސާ ނޫންކަން ސާބިތުކޮށްދިނުމަށް ކަމަށާއި، އެކަން ދައުލަތަށް ސާބިތުކޮށްދެވުނަސް، އެސްއީޒެޑް ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި މަހްލޫފް ރިޝްވަތު ހިފިކަން ސާބިތުކޮށް ނުދެވޭނެ ކަމަށެވެ.