ads
ރައީސް މުއިއްޒު ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ލާމަރުކަޒީ ނިޒާމު ގަބޫލު ކުރަން، އިސްލާހު ތަކުން ފައިދާ އިތުރަށް ކުރާނެ: ރައީސް
ލާމަރުކަޒީ ގާނޫނަށް ގެންނަށް ހުށަހަޅައިފައިވާ އިސްލާހު ދިފާއު ކުރައްވައި، ނިޒާމު އަލިފުން ޔާއަށް އެނގޭކަމަށާއި މި އިސްލާހަކީ ރައްޔިތުންނަށްޓަކައި ގެންނަވާ އިސްލާހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ރޭ ވިދާޅުވީ އެ މަނިކުފާނަކީ ލާމަރުކަޒީ ނިޒާމު ހިންގުމުގައި އަމަލީ ގޮތުން އުޅުއްވި ބޭފުޅެއް ކަމަށެވެ. ވެރިކަމަށް ވަޑައިގައިގަތުމުގެ ކުރިން މާލޭ މޭޔަރަކަށް ހުންނެވިއިރު، މާލޭގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން ކަމަށް ލޭބަލް ކުރަމުންދާ ކަމަށާއި އެކަން އޮތީ އެހެން ނޫން ކަަމަށް ރައީސް ވިދާޅުވި އެވެ.

"ކައުންސިލްތައް ހިންގަން ޖެހޭނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް. ރައްޔިތުން ބާރުވެރި ކުރާ ގޮތަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭ ވިދާޅުވީ، ކުރިއަށް އޮންނަ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ކަމަށެވެ. އެ ރަށެއްގެ ތަރައްގީގެ ޕްލޭނަކީ ރައްޔިތުންގެ ހިޔާލާ އެކު ފާސްކޮށްފައިވާ އެއްޗެއް ކަމަށް ވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ކުއްލިއަކަށް ފަށާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ގާނޫނުގައި ހުއްދަ ކަމެއް ނޫން ޒިންމާދާރުކޮށް ކައުންސިލްތައް ހިންގާ ކަމަށް ވަންޏާ އެއީކީ އިންތިހާބާ ކައިރި ކޮށްފައި. ސިޔާސީ ބޭނުމުގައި މި ކަންކަން ބައެއް ކައުންސިލްތަކުން ކުރަނީ،" ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އެދިގެން މަޖިލީހުން ގެނައި އިސްލާހުތައް ތަސްދީގު ނުކުރެއްވުމަށް ބ. އަތޮޅުގެ ބައެއް ކައުންސިލްތަކުން ވެސް މިއަދު ވަނީ ރައީސް އަރިހުގައި އެދިފަ އެވެ. މި އިސްލާހުތަކާ އިދިކޮޅު ފަރާތްތަކުން ވެސް ދެކޮޅެވެ. 

އަދި އެ އިސްލާހުތަކުގެ މަގުސަދަކީ ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކޮށް، ސަރުކާރުން ކޮންޓްރޯލްކުރާ ބަޔަކަށް ކައުންސިލްތައް ހެދުންކަމަށް ތުހުމަތު ކޮށް އެމްޑީޕީން ވަނީ މި އިސްލާހު ތަސްދީގު ނުކުރުމަށް ގޮވައިލައިފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަށް ހުށަހަޅައިފައިވާ އިސްލާހު ދިފާއު ކުރައްވައި، ނިޒާމު އަލިފުން ޔާއަށް އެނގޭކަމަށާއި މި އިސްލާހަކީ ރައްޔިތުންނަށްޓަކައި ގެންނަވާ އިސްލާހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއިރު އެދޭ ރާއްޖެ ހަރަކާތުން ވަނީ ގާނޫނު އަސާސީ އިސްލާހްކޮށް އަތޮޅުތަކުގެ ހިންގުން މިހާރަށްވުރެ ވަރުގަދަކޮށް އަތޮޅުގެ ވަސީލަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން އެދޭ ރާއްޖެ ކަރުދާހުގައި ބުނާ އަތޮޅު ހިންގުމަކީ...

  1. އަތޮޅު ހިންގުން

މައްސަލަ: 

ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުންދަނީ މައި ސަރުކާރުންނެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ކަމުގެ ޝަކުވާ ކުރެވެއެވެ. މިގޮތަށް ދައުލަތުގެ މާލީ އަދި  ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.

'އެދޭ ރާއްޖެ' ހުށަހެޅުން: 

އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލު ކދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާ ތަރައްގީ ވާސިލުކޮށް، ތަރައްގީގެ ދުވެލި އަވަސްކޮށް، ވީހާވެސް ގިނަ ރައްޔިތުން ތަރައްގީގެ ކަންކަމުގައި ބައިވެރި ކުރުވުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.

  1. ކައުންސިލްތަކާ، މަދަނީ މުޖުތަމައުއާ، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ފަރުމާކޮށް ގައުމީ ތަރައްގީގެ ތަސައްވުރާ ޕްލޭންއެއް އެކުލަވާލާ، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.
  2. އަތޮޅު ތަރައްގީ ކަށަވަރު ކުރުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރުވުމަށްޓަކައި، އަތޮޅުގައިވާ ގުދުރަތީ ވަސީލަތްތައް ހިމެނޭގޮތުން ދައުލަތުގެ ވަސީލަތްތަކުގެ ހައްގު އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ ގޮތް ކަނޑައެޅުން (ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް މިހާރު ލިބެނީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ 5 އިންސައްތަ އަދި ބިމު ކުލީގެ 40 އިންސައްތަ).
  3. ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅުގެ އިހުތިސާސާއި ބާރު ގާނޫނުއަސާސީގައި ކަނޑައެޅުން.
  4. އަތޮޅު ކައުންސިލްގެ ރައީސްއާއި ނައިބު ރައީސް ސީދާ އަތޮޅުން އިންތިހާބުކުރުން.
  5. އަތޮޅު ކައުންސިލް ރައީސް އަދި ނައިބު ރައީސް ދުވަހުން ދުވަހަށް މަސައްކަތަށް ނުކުންނަން ޖެހޭނެގޮތަށް ކަނޑައެޅުން.
  6. އަތޮޅު ކައުންސިލްގެ އެހެން މެމްބަރުންނަކީ ކައުންސިލް ބައްދަލުވުންތަކަށް ހާޒިރުވާ މީހުންކަމަށް ކަނޑައެޅުން.
  7.  ކައުންސިލްގެ އެކުލެވިގެންވަނީ އަތޮޅުގެ ކޮންމެ ރަށަކުން އިންތިހާބު ކުރާ ބައެއްކަމަށް ކަނޑައެޅުން.
  8. އަތޮޅު ހިންގުން ޔަގީން ކުރުމަށް އެކަމަށް ގާބިލް ފަރާތްތައް ކައުންސިލްތަކަށް ގެނައުމުގެ ބޭނުމުގައި އެފަރާތްތަކުގެ ޝަރުތުތަކާމެދު މަޝްވަރާ ކުރުން.

ނަތީޖާ: 

ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލައި، އެކަށޭނަ ވަސީލަތް ގާނޫނުއަސާސީ މެދުވެރިކޮށް ދީފިނަމަ ތަރައްގީގެ ކަންކަމުގައި ގިނަ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކުރެވި، ގައުމީ ތަރައްގީގެ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތަކަކަށް ވުމުގެ ބަދަލުގައި ދުރާލާ ރޭވިގެން، ދިގު ރާސްތާގެ ތަސައްވުރަކާއެކު ހިންގާ މަޝްރޫއުތަކަށްވެ، މާލެ ސަރަހައްދަށް ތޮއްޖެހުން ކުޑަ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ދުވެލި ހަލުވި ވެގެންދާނެ އެވެ.

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.  

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް