ads
މެރެނެލާ ބެރެޓާ ދިރިއުޅެމުން ދިޔައީ އިޓަލީގެ އުތުރުގައި ހުންނަ ލޭކް ކޯމޯ ކައިރީގައެވެ.
70 އަހަރުގެ މީހެއްގެ އެނަކިވެރި ދިރިއުޅުން، މަރުވެފައި އޮއްވާ ފެނުނީވެސް 2 އަހަރު ފަހުން
އުމުރުން 70 އަހަރުގެ އަންހެނެއްގެ ހަށިގަނޑު އިޓަލީގެ އުތުރުގެ އަވަށެއްގައި ހުންނަ އޭނާގެ ގެއިން މަރުވެފައި އޮންނަތާ ދެ އަހަރު ފަހުން ފެނިއްޖެއެވެ.

މެރެނެލާ ބެރެޓާ ދިރިއުޅެމުން ދިޔައީ ލޮމްބާޑީގެ ލޭކް ކޯމޯ ކައިރީގައި އެކަނިމާ އެކަންޏެވެ. ކޯމޯ ސިޓީ ހޯލްގެ ޕްރެސް އޮފިސަރު ފްރެންޗެސްކާ މަންފްރެޑީ "ސީއެންއެން"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، އޭނާގެ ހަލާކުވެފައިވާ ހަށިގަނޑު ހުކުރު ދުވަހު ކޯމޯ ފަޔާ ބްރިގޭޑުން ފެނިފައިވަނީ، ގަސް ގިނަވުމުގެ ސަބަބުން އޭނާގެ ބަގީޗާގައި ގަހެއް ވެއްޓިފައިވާ ކަމުގެ ޝަކުވާ ލިބުމާ ގުޅިގެންނެވެ.

ސީއެންއެންގެ އެފިލިއޭޓް ސްކައިޓީޖީ24 ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ބެރެޓާގެ ހަށިގަނޑު ފެނިފައިވަނީ ސިޓިންރޫމްގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިންދައެވެ.

މަންފްރެޑީ ސީއެންއެން އަށް ވިދާޅުވި ގޮތުގައި ބެރެޓާ މަރުވި ސަބަބެއް އަދި ނޭނގެއެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ފަހުކޮޅުގެ ކޮންމެވެސް ހިސާބަކުން އޭނާ މަރުވެފައިވާ ކަމަށް، ޑީކޮންޕޮޒިޝަން ހުރި މިންވަރުގެ މައްޗަށް ބިނާކޮށް އެގްޒަމިނަރު ވަނީ ސާބިތު ކޮށްދީފައެވެ.

މަންފްރެޑީ ވިދާޅުވީ، އޭނާގެ އެއްވެސް ތިމާގެ މީހަކު އަދި އައިސްފައި ނުވާ ކަމަށާއި، އޭނާގެ އާއިލާ މީހެއްގެ ތެރޭގައި ދިރިހުރި މީހެއް ހުރިތޯ ފުލުހުން ބަލަމުންދާ ކަމަށެވެ.

މަންފްރެޑީ އިތުރަށް ވިދާޅުވީ، ބެރެޓާގެ ހަށިގަނޑު އަދިވެސް އޮތީ މޯޗަރީގައި ކަމަށާއި، ޖަނާޒާ ބާއްވާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

ކޮމޯގެ މޭޔަރު މާރިއޯ ލަންޑްރިސްސީނާ ވަނީ ބެރެޓާގެ ޖަނާޒާގައި ބައިވެރިވުމަށް އެ ސިޓީގެ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ. އަންގާރަ ދުވަހު އިޓަލީގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޖަނާޒާގެ ކަންކަން ބަލަހައްޓާނީ ސަރުކާރުން ކަމަށެވެ.

"އަހަރެން މަސައްކަތް ކުރާނަން އެތަނުގައި ހުންނަން، އަހަރެން ދައުވަތު ދެން މުޅި ސިޓީއަށް އެތަނަށް އައުމަށް،" ލަންޑްރިސްސީނާ އިތުރަށް ބުންޏެވެ. "މިއީ އެކުގައި އުޅެންވީ ވަގުތު، މި އަންހެނާގެ ގާތްތިމާގެ މީހަކު ނެތް ކަމުގައި ވިޔަސް، އަހަރެމެންނަކީ އޭނާގެ ގާތްތިމާގެ މީހަކަށް ވެވިދާނެ." ކޮމޯގެ މޭޔަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބެރެޓާ އަކީ ލޯކަލް ސޯޝަލް ސާވިސަސްގެ އެހީގެ ލިސްޓުގައި ހިމެނޭ މީހެއް ނޫން ކަމަށެވެ.

ފޭސްބުކްގައި އިޓަލީގެ އާއިލީ އަދި ހަމަހަމަ ފުރުސަތުތަކާ ބެހޭ ވަޒީރު އެލީނާ ބޮނެޓީ ވަނީ ބެރެޓާގެ އެކަހެރި މަރާއި ގުޅިގެން ހިތާމަ ފާޅުކޮށްފައެވެ.

"ކޯމޯގައި ހުންނަ މެރިނެލާ ބެރެޓާގެ އެކަނިވެރި ދިރިއުޅުމުގައި ކަންތައްތައް ވެގެންދިޔަ ގޮތެއް އަހަރެމެންނަށް ނޭނގޭ. ނަމަވެސް އަވަށުގެ މީހުންވެސް ހަނދާން ނެތިފައިވާ މެރިނެލާގެ އެކަނިވެރި ދިރިއުޅުމުން އަހަރެމެންގެ އިހްސާސްތަކަށް އަސަރުކުރޭ. އޭނާގެ ދިރިއުޅުން ހަނދާންކުރުމަކީ، އެއްބައިވަންތަކަމުގައި ދެމިތިބެން ބޭނުންވާ މުޖުތަމައެއްގެ މައްޗަށް އޮތް ވާޖިބެއް" އޭނާ ބުންޏެވެ.

ބޮނެޓީ އިތުރަށް ވިދާޅުވީ އެ ތަޖުރިބާގެ އަލީގައި އެކަކު އަނެކަކަށް އަޅާލުމަކީ އާއިލާތަކާއި މުއައްސަސާތަކާއި، ރައްޔިތުންގެ ވާޖިބަކަށް ހަދަން ދަސްކުރަން ވެއްޖެކަމަށާއި، އެއްވެސް މީހަކު އެކަނި އޮވެ މަރުވެގެންދާން ދޫކޮށްލައިގެން ނުވާނެ ކަމަށެވެެ.

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް