
އީރާނުގެ ރަސްމީ އިސްލާމިކް ރިޕަބްލިކް ނިއުސް އޭޖެންސީ (އައިއާރްއެންއޭ) އިން ތުހުމަތު ކުރާ އެ މަރަށް "އޯނާ ކިލިންގް" ގޮތުގައި އިޝާރާތްކޮށްފައިވެއެވެ.
އައިއާރްއެންއޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފިރިމީހާ ސައްޖާދު ހެއިދަރީ، ޕްރޮވިންޝަލް ވެރިރަށް އަހްވާޒްގައި އަނބިމީހާގެ ބުރިކޮށްފައިވާ ބޯ ހިފައިގެން ހިނިތުންވެހުރެ ހިނގާފައި ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދައުރުވާން ފެށިއެވެ. ސީއެންއެން އަށް ފެނިފައިވާ މި ވީޑިއޯގައި ހެއިދަރީ، އެއް އަތުން ވަޅިއެއް ހިފަހައްޓައިގެން އަނެއް އަތުން އަންހެން ކުއްޖާގެ ބޯ ހިފައިގެންދާ މަންޒަރު ފެނެއެވެ.
"ސީއެންއެން" އަށް މައުލޫމާތު ދިން މަސްދަރަކުން ބުނީ، ހެއިދަރީ ކަމަށް ބުނެ ގިނަ ބަޔަކު ޝެއާ ކޮށްފައިވާ ފޮޓޯތަކަކީ ހަމަ އެ ހާދިސާގެ ފޮޓޯތަކެއް ކަމަށް އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
ޕްރޮސެކިއުޓަރު އައްބާސް ހުސެނީ ޕޫޔާ، ފާސްއަށް މައުލޫމާތު ދެމުން ބުނީ، ހެއިދަރީ ހައްޔަރު ކުރީ، އޭނާއަށް އެ ޖަރީމާ ހިންގުމަށް އެހީތެރިވެދިން ކަމަށް ތުހުމަތު ކުރެވޭ އޭނާގެ ބޭބެ އާއި އެކުގައި ކަމަށެވެ.
ތުހުމަތު ކުރެވޭ ފަރާތާ މެދު ވަރަށް ހަރުކަށިކޮށް އަމަލު ކުރާނެކަމުގެ ޔަގީންކަން އެގައުމުގެ ޕީޖީ ވަނީ ދީފައެވެ. އަދި އެ ވީޑިއޯ ޝާއިއުކޮށް ޝެއާ ކުރި މީހުން ވެސް ހައްޔަރުކުރަން ޖެހިދާނެ ކަމަށް ޕޫޔާ ވިދާޅުވިއެވެ.
އީރާނުގެ ސެމިއޮފިޝަލް ފާސް ނިއުސް އޭޖެންސީގައި ޝާއިއުކޮށްފައިވާ ބަސްދީގަތުމެއްގައި ހެއިދަރީ މަންމަ އާ ހަވާލާދީ ބުނެފައިވަނީ އޭނާގެ ދަރިފުޅު މީގެ ކުރިން އަނބިމީހާ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށާއި، އޭނާ މަރާލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އޭނާގެ ދަރިފުޅު ހެއިދަރީ ކަމަށެވެ.
އައިއާރްއެންއޭ އިން "މޯނާ" އަދި ފާސް އިން "ގަޒަލް" ގެ ނަމުން ނަންދީފައިވާ މި އަންހެން ކުއްޖާގެ ފިރިމީހާގެ އާއިލާ އާއި ވަނީ ރަސްމީކޮށް ވާހަކަ ދައްކާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މި އަންހެން ކުއްޖާގެ ބައްޕަ އަންހެންކުއްޖާއަށް ވިސްނުވައިދީގެން އީރާނަށް އެނބުރި އައިސްފައިވާއިރު އޭނާ އޭގެ ހަތަރު މަސް ކުރިން އަނެއްކާވެސް ތުރުކީ އަށް ފިލައިގެން ގޮސްފައިވާ ކަމަށް އަންހެން ކުއްޖާގެ މައިދައިތަ ދިން އިންޓަވިއުއެއްގައި ބުނެފައިވާ ކަމަށް ފާސް ގައި ޝާއިއުކޮށްފައިވެއެވެ.
ފާސް އިން ބުނާގޮތުން އޭނާ މަރާލާފައިވަނީ މިދިޔަ ހުކުރު ދުވަހު ތުރުކީން އެނބުރި އޭނާ އައި ފަހުން މާ ގިނަ އިރުތަކެއް ނުވެއެވެ.
އައިއާރްއެންއޭ އިން ބުނާ ގޮތުގައި ހެއިދަރީ އާ ކައިވެނި ކުރި އިރު އެ އަންހެން ކުއްޖާގެ އުމުރަކީ 12 އަހަރެވެ.
އަންގާރަ ދުވަހު ފާސްގައި ޝާއިއުކުރި އަންހެން ކުއްޖާގެ ބައްޕަ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އޭނާގެ އަންހެން ދަރިފުޅަށް ކައިވެނި ކުރުމުގެ ހުއްދަ ދޭ ގާނޫނީ ސެޓްފިކެޓެއް ހޯދާފައިވާ ކަމަށެވެ. އީރާނުގައި ކައިވެނިކުރެވޭ އެންމެ ދަށް އުމުރަކީ އަންހެން ކުދިންނަށް 13 އަހަރު އަދި ފިރިހެން ކުދިންނަށް 15 އަހަރެވެ. ސައްޖާދު ހެއިދަރީގެ އުމުރު ސީއެންއެން ކަށަވަރުވެފައެއް ނުވެއެވެ.
މި ހާދިސާގެ ސަބަބުން އީރާނުގެ ސަރުކާރަށް ގެވެށި އަނިޔާއިން އަންހެނުން ރައްކާތެރިކުރުމަށް އަމާޒުހިފާފައިވާ ގާނޫނުގެ ޑްރާފްޓް މުރާޖައާ ކުރުމަށް ބާރު އެޅިގެން ގޮސްފައިވާ ކަމަށް، ކެބިނެޓް ފެންވަރުގެ މަގާމެއް ކަމަށްވާ ވިމެންސް އެންޑް ފެމިލީ އެފެއާޒްގެ ނައިބު ރައީސް އެންސިހް ޚަޒާލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން 2020 ވަނަ އަހަރު ބުނި ގޮތުގައި އީރާނުގެ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ވަނީ "އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އެ މީހުންނަށް އަނިޔާ ކުރާ މީހުންގެ މައްޗަށް ދައުވާ ކުރުން" ފަދަ ގާނޫނެއް ހެދުމަށް ކެމްޕޭން ކޮށްފައެވެ.
އެޗްއާރްޑަބްލިއު އިން ބުނީ އެ ގާނޫނުގެ ޑްރާފްޓްގައި "ވަރަށް ގިނަ ޕޮޒިޓިވް ޕްރޮވިޝަންތަކެއް" ހިމަނާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިފެހެއްޓުމުގެ އަމުރުތައް އެކުލަވާލުމާއި "ސްޓްރެޓެޖީތައް ޑްރާފްޓްކުރުމާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ސަރުކާރުން އިޖާބަ ދިނުމުގެ ކޮމިޓީއެއް އެކުލަވާލުން" ހިމެނޭ ކަމަށެވެ.
އަދި ބައްޕައެއް ނުވަތަ ފިރިއަކު ޝާމިލުވާ މައްސަލަތަކުގައި ޝަރުއީ ގޮތުން މީޑިއޭޝަން ބޭނުންވާނެ ކަމަށް ވެސް އެ ގާނޫނުގައި ވެއެވެ. ނަމަވެސް އެ ގާނޫނަކީ އަދިވެސް "ބައިނަލްއަގުވާމީ މިންގަނޑުތަކަށް ވުރެ ދަށް ގާނޫނެއް" ކަމަށް އެޗްއާރްޑަބްލިއު އިން ބުންޏެވެ.
ނިއުޔޯކްގައި ހުންނަ ސެންޓާ ފޯ ހިއުމަން ރައިޓްސް އިން އީރާން (އައިސީއެޗްއާރުއައި) ގެ އެގްޒެކެޓިވް ޑިރެކްޓަރު ހާދީ ޣާމީ ވިދާޅުވީ "ކުޑަކުދިންނާ ކައިވެނިކުރުމުގެ އަނިޔާވެރި އާދައާއި، ގެވެށި އަނިޔާއިން ރައްކާތެރިވުމަށް އީރާނުގެ ސަރުކާރުން ގާނޫނުތައް ހެދިނަމަ ބޯ ބުރިކޮށްލި އަންހެންކުއްޖާ މިއަދު ދިރިހުރުމަކީ އެކަށީގެންވާ ކަމެކެވެ.
މި ޖަރީމާ ހިންގާފައި މިވަނީ އީރާނުގެ އުތުރުގެ ތަލޭޝް ކައުންޓީގައި އުމުރުން 14 އަހަރުގެ ކުއްޖަކު 29 އަހަރުގެ ފިރިހެނަކާއެކު އާއިލާގެ ގެއިން ނިކުމެގެން ދަނިކޮށް، އޭނާގެ ބައްޕަ ވަޅި (ރާ ވަޅި) އަކުން މަރާލި ކަމަށް ބުނާ އިތުރު ހައި ޕްރޮފައިލް "އޮނާ ކިލިންގް" އެއް ހިންގިތާ ދެ އަހަރު ފަހުންނެވެ.