ads
އިމްރާން——
ކަމެއްވާ ކޮންމެ ފަހަރަކު ބޮޑީ ކެމެރާ ކޮބައިތޯ ދެން ރައްޔިތުން ސުވާލުކުރާނެ: އިމްރާން
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބޯޑީވޯން ކެމެރާ ބޭނުންކުރަން ފަށާފައިވާއިިރު، ހާދިސާއެއް ހިނގާ ކޮންމެ ފަހަރަކު އެ ކެމެރާ ކޮބައިތޯ ރައްޔިތުމީހާ ސުވާލުކުރާނެ ކަމަށާއި، ނަމަވެސް ކޮންމެ ފްރޮންޓްލައިން ފުލުހަކު އަދި ހުންނާނީ އެ ކެމެރާ އަޅައިގެން ނޫންކަން ހަދާންކޮށްދޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބޮޑީ ވޯން ކެމެރާ ފުލުހުން ބޭނުންކުރަން ފެށުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިިދާޅުވީ، ބޮޑީވޯން ކެމެރާގެ ސަބަބުން އެންމެ މުހިންމު މަންފާއެއް ކުރާ އެއްބަޔަކީ، ސީދާ ހާލަތާއި ބައްދަލުވާ ރައްޔިތުމީހާ ކަމަށާއި، އެއާއެކު ކުރިމަތިލާ އޮފިސަރަށްވެސް ރައްކާތެރިކަން ލިބިގެންދާ ކަމަށެވެ. 

އެެހެންކަމުން ރައްޔިތުންނާއި ފުލުސް އޮފިސަރަށްވެސް ރައްކާތެރިކަން ލިބިގެންދާނެ ވަސީލަތަަކަށް މިކަން ވެގެން ދޭ. ފުލުހުންގެ މައްޗަށް ވަކިވަކި ހާލަތްތަކުގައި ކުރެވޭ ތުހުމަތުތަކާއި ދިއްކުރެވިގެންދާ އިނގިލިތަކަށް ސާފު ހައްލެއް ހޯދައިދެވިގެންދާނެ. މައްސަލައިގެ ހަގީގަތް ހާމަވެ އެކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތަކީ ކޮބައިކަން ވަރަށް ރީތިކޮށް ބުނެދޭނެ. " އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، އެކަން ރަނގަޅަށް ކުރެވިގެންދާނީ އެކަން ފުރިހަމަކުރުމަށް ދައުލަތުން ގާއިމުކޮށްދޭންޖެހޭ ވަސީލަތް އަދިވެސް ފޯރުކޮށްދެވިގެން ކަމަށެވެ. މިމޭރުމުން ވާހަކަަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 200 ކެމެރާއާއިއެކު ފެށުމަކީ ހުރިހާ ހާލަތެއްގައި އެންމެ ރަނގަޅުގޮތް ނޫންކަމަށާއިި، ބޮޑީ ކެމެރާ ބޭނުންކުރަން ފެށުމަށްފަހުން ދިމާވާ ކޮންމެ ހާލަތެއްގައި، "ބޮޑީވޯން ކެމެރާ ކޮބައިތޯ؟" ރައްޔިތުން އަހާނެ ކަމަށެވެ. 

އެކަން މިހާރުވެސް ތަަސައްވަރު ކުރެވޭކަމަށާއި، ނަމަވެސް ފްރޮންޓްލައިންގައި ތިބޭ ހުރިހާ ފުލުހުން އަދިވެސް ތިބޭނީ ކެމެރާ އަޅައިގެން ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ފުލުހުންނަށް އެވަރަށް ކެމެރާ ފޯރުކޮށްދެވޭނަމަ އެންމެ ފުލުހަކުވެސް އެކެމެރާއާއިއެކު ނޫން ގޮތަކަށް ސީންއަށް އެޓެންޑުނުވާނެ ކަމަށާއި، އެކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. 

"200 ވަރަަކަށް ކެމެރާއާއިއެކު ފެށުމަކީ މިހާލަތުގައި އެންމެ ރަނގަޅު ގޮތަކަށް ވެގެން ނުދާނެ. އަޅުގަނޑު މިހެން މި ދަންނަވަންޖެހުނީ އަޅުގަނޑަށް ހަމަ ތަސައްވަރު ކުރެވޭ ދެން ހަމަ ކޮންމެ ކަމެއް ދިމާވާއިރަށް ރައްުޔިތުންގެ ފަރާތުން އަންނާނެ ކޮބާހޭ ބޮޑީވޯން ކެމެރާ؟ އާދެ ފްރޮންޓްލައިންގައި މަސައްކަތްކުރާ ހުރިހާ ފުލުހުން އަދި ތިބޭނީކީ ކެމެރާ އަޅައިގެނެއް ނޫން. އެހެންވީމަ އަޅުގަނޑު ހަމަ މިއަދުވެސް ހަނދާންކުރަން ބޭނުންވީ ވަރަށް ބޮޑަށް. ފުލުހުންނަށް އެވަަރަށް ކެމެރާ ދެވިއްޖެނަމަ ފުލުހުންގެ އޮޕަރޭޝަަނަށް ކެމެރާ ނުލާ ނިކުންނާނެ ފުލުހަކު ހުންނާކަން ނުޖެހޭ. އެކަން ކަށަވަރު ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކޮމިޝަނަރު އަހްމަދު ހަމީދުވެސް ވިދާޅުވީ، އެ ކެެމެރާ ބޭނުންކުރަމުންދާނީ ހަމައެކަނި ފުލުހުން ޖަވާބުދާރީ ކުރުވުމަށް ނޫންކަމަށާއި، ފުލުހުންގެ ތަފާތު ގިނަ މުހިންމު މައްސަލަތައް ހައްލުކުރުމަށް އެހީތެރިވާނެ އަދި ފުލުހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް މުހިންމު ދައުރެއް އެ ކެެމެެެރާ އަދާކުރާނެ ކަމަށެވެ. 

"އަދި ފުލުހުންނަށް ކުރާ ދޮގު ތުހުމަތުތަކާއި، އަސްލެއް ނެތް އިލްޒާމުތަކަށް ޖަވާބުދާރީވެ، ހަގީގަތް ހާމަކޮށްދިނުމުގައި އެހީވާނެ ވަސީލަތަކަށް، މިހާރު ކަންހިގާ ގޮތަށް ބަލާއިރު، ފުލުހުން އެޓެންޑުވާ ހާދިސާތަކާއި ސީންތަކުގައި ފުލުހުން ހަރަކާތްތެރިވާ ގޮތް ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި އާއްމުކުރުމަކީ އާއްމުކޮށް ހިނގާ ކަމެއް ނަމަވެސް މިފަދަ ހާލަތްތަކުގައި އެ ފެންނަނީ އެއް ފަރާތް. ފުލުހުންގެ މީހާގެ ނަޒަަރުން ކަން ހިނގާދިޔަ ގޮތް ފެންނާކަށެއް ނޯވޭ. " ސީޕީ ވިދާޅުވިއެވެ.

ނަމަވެސް މި ކެމެރާ ބޭނުންކުރަން ފެށުމާއިއެކު، ފުލުހުން  އެޓެންޑުވާ ސީންތަކާއި ހާދިސާތަކުގައި ކަން ހިނަގަމުންދާގޮތް ކެމެރާއަށް ރިކޯޑުވަމުންދާތީ ފުލުހުންގެ ނަޒަރުން ކަން ހިނގިގޮތް، އަލުން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. 

ބޮޑިވޯން ކެމެރާ މިއަދު ފެށިގެން ފުލުހުންގެ ހިދުމަތުގައި ބޭނުންކުރަމުންދާއިރު، މަސައްކަތް ފެށީ 200 ކެމެރާއާ އެކު އެވެ. ބޮޑީ ކެމެރާއާ އެކު ފުލުހުން އަދި ހަރަކާތްތެރިވާނީ މާލެ އާއި އައްޑޫގަ އެވެ.

ފުލުހުން ބޮޑީ ކެމެރާ ބޭނުންކުރަން އަލުން ފަށަން ނިންމީ، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މާލޭގައި ޒުވާނުންތަކެއް ކުރި ސުލްހަވެރި މުޒާހަރާއެއްގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެމީހުންގެ ތެރެއިން ބައެއް މީހުންގެ ލޮލަށް ކައިރިމިނުން ޕެޕާ ސްޕްރޭ ޖަހައި ފުލުހުން ހިންގި އަމަލާމެދު އާއްމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން ދިއުމުންނާއި، އެ މައްސަލާގައި ވީޑިއޯތަކެއް ދައުރުވެ، އެތަނުގައި ހަރަކާތްތެރިވި ދެ ފުލުހަކު ސަސްޕެންޑްވެސް ކުރަންޖެހުމާއި ގުޅިގެންނެވެ. 

އެފަހަރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް މުޒާހަރާތަކުގައި ފުލުހުން ބޮޑީ ކެމެރާ ބޭނުންނުކުރާ ސަަބަބާއި ބެހޭގޮތުން ވަނީ ސުވާލުކޮށްފައެވެ. އޭގެފަހުން މިނިސްޓްރީން ވަނީ އެކި ފަހަރުމަތިން ކެމެރާ ހޯދަން އިއުލާންވެސް ކޮށްފައެވެ. 

މިކެމެރާ ބޭނުންކުރާނެ ގޮތުގެ އުސޫލުގައިވާގޮތުން، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ނުވަތަ ތަހުގީގުގެ ބޭނުމަކަށް އާންމު ފަރުދަކާ މުއާމަލާތްކުރާ ކޮންމެ ހާލަތެއްގައި ކެމެރާ ބޭނުންކޮށް، ވީޑިއޯ ފުޓޭޖު ރައްކާތެރި ކުރުމުގެ އިތުުރުން ފުޓޭޖު ހާމަކުރަން ޖެހޭ ހާލަތްތަކުގައި އެ ފުޓޭޖް ހާމަވެސް ކުރާނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް