ads
ފުނަދޫ ސްކޫލުގެ ފާރުގައި އިންޑިއާ ދެކޮޅު ޝިޔާރުތަކެއް ލިޔެފަ
އިންޑިއާ އައުޓް ޖެހުމުން އެ ސްކޫލު ޓީޗަރުން ރާއްޖެއިން ދާން އުޅުން: މިނިސްޓަރު ފައްޔާޒް
ށ. ފުނަދޫ ސުކޫލް ގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލާގައި އެ ސްކޫލުގައި ކިޔެވައިދެމުންދާ ހުރިހާ ޓީޗަރުން ރާއްޖެއިން ފުރަން މަސައްކަތް ކުރި ކަމަށް އިކްނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ރާއްޖެ އާއި ދިވެހިންނަށް ލިބޭ ގެއްލުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ކުރާ ދިރާސާއަށް މިއަދު ވަނީ މިނިސްޓަރު ފައްޔާޒް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައެވެ. 

ރާއްޖޭގެ އެކިއެކި ރަށްރަށުގައި، އިދިކޮޅުން ހިންގާ އިންޑިއާ އައުޓު ކެމްޕެއިންތެރެއިން އިންޑިއާ ރައްޔިތުންނަށް އިހާނެތިކޮށް ހަދަމުންދާކަން ފާހަގަކޮށް އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު މިއަދު ވިދާޅުވީ، ވަރަށް ފަހުން ޓެކްސީއަކަށް އެރި އިންޑިއާއަށް ނިސްބަތްވާ އައިޖީއެމްއެޗް ޑޮކްޓެރެއްވެސް ޓެކްސީން ބޭރުކޮށްލާފައިވާ ކަމަށެވެ. 

އެމޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ދާދި ފަހުން ށ. ފުނަދޫ ސްކޫލު ފާރުގައި އިންޑިއާ އައުޓު ޖަހާފައި ހުއްޓާ ފެނުމުން އެ ސްކޫލުގައި ކިޔަވައިދެމުންދާ 40 އަށްވުރެ ގިނަ ޓީޗަރުންވެސް އެތަނުން ދާން މަސައްކަތް ކުރި ކަމަށާއި އެކަން ހުއްޓުވުނީ އެތައް ގޮތަކަށް ވާހަކަދައްކައިގެން ކަމަށެވެ. 

"އެ ސްކޫލުގައި ތިބި 40 ވަރަކަށް ޓީޗަރުން. އެންމެން އެތަނުން ދާންވެގެން މަަސައްކަތް ކޮށްފި އިގޭތޯ. އެހެންނަމަވެސް އިންޑިއާ ސަރުކާރުންވެސް އަޅުގަނޑުމެންވެސް ވާހަަކަދައްކައިގެން އެކަން މައިތިރިކުރީ. އެކަމަކު ކިހާ ހިސާބަކުންތޯ މީތި އަތުން ދޫވެގެން ދާނީ" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގައި ދިވެހިން ތިބިއިރު، އެ ހަރަކާތް އަތުން ދޫވެގެން ގޮސް އިންޑިއާ މީހެއްގެ ގައިިގާ ޖަހާ ހިސާބުން އިންޑިއާގައި ތިބި އެ ދިވެހިންނަށް ވެގެންދާނީ ކިހިނެތްތޯވެސް ފައްޔާޒް ސުވާލު އުފެއްދެވިއެވެ. 

އަދި ސިޔާސީ މަގުސަދު ހާސިލުކުރުމަށް ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިންޑިއާ އައުޓު ކެމްޕެއިން ހިންގަމުން ދިއުމާއިމެދު އިންޑިއާ ރައްޔިތުން ދެެކެނީ ވަރަށް ގޯސް ކޮށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

" އިންޑިއާ ރައްޔިތުން ދެކެނީ ތިމަންނާމެން މިތަނާއި ދޭތެރޭގައި ގާތް ގުޅުން އޮންނައިރު ދިވެހި ރާއްޖެއިން ނިކުމެ ތިމަންނަމެންނަށް މިހެން މިހަދަނީ ކީއްވެބާއޭ. އެތަންތާވެސް ތިބޭނީ ހަމަަ އާއްމު ރައްޔިތުން ހަމަ ރުޅިވެރިކަންވެސް އުފެދޭނެ." މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެއީ ސިޔާސީ ގޭމަކަށް ކުޅޭވަރަށް ވުރެ ނުރައްކާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް މިހާރުވެސް އަސަރުކުރަމުންދާ ކަމަށެވެ. 

ފުނަދޫ ސުކޫލް ގެ ފާރުގައި "އިންޑިއާ އައުޓް" ޖެހާފައިވަނީ ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިހާބުގެ ތެރެއިން މިދިޔަ ޖެނުއަރީ މަހުއެވެ. އިރުއެރި އިރު ސްކޫލު ފާރުގައި އިންޑިއާ އައުޓް ޖަހާފައިވާކަމަށް އެމްޑީޕީން ތުހުމަތުކުރީ، އިދިކޮޅު ޕީޕީއެމް އަށެވެ. 

ނަމަވެސް ޕީޕީއެމްއިން ތުހުމަތުކުރީ އެއީ އެމްޑީޕީން އިދިކޮޅުގެ ބޮލުގައި ތުހުމަތު އެޅުވުމަށް ކުރި ކަމެއް ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް