ads
ރައުޝާން ޖިއާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓޭތަން ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް
12 މިލިއަން ނަގައިނުދިން މައްސަލަ ބަލަން ސުޕްރީމް ކޯޓުން، ހައި ކޯޓަށް އަންގައިފި
ޑަބްލިޔު ކޮންސްޓްރަކްޝަންއިން އިމާރާތްކުރަމުންދިޔަ ތަނެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި މަރުވި ބަގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާންގެ މަރުގެ ބަދަލެއްގެ ގޮތުން ޖިއާންގެ މައިންބަފައިން، ނަގައިދިނުމަށް އެދުނު 17.4 މިލިއަން ރުފިޔާގެ ތެރެއިން، ނަގައިނުދިން 12.9 މިލިއަން ރުފިޔާގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ހައި ކޯޓަށް އަންގައިފި އެވެ.

ޖިއާންގެ މަރުގެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. 

އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ މައިންބަފައިންގެ ފަރާތުން ހޯދުމަށް އެދިފައިވާ 17.4 މިލިއަން ރުފިޔާގެ ތެރެއިން ނަގާދެވޭނެ ގެއްލުމުގެ ބަދަލަކީ 4.5 މިލިއަން ރުފިޔާކަމަށް ކަނޑައަޅައި އެ ރުފިޔާ ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގާފައެވެ. 

އޭގެފަހުން ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އެއަހަރު އޮކްޓޫބަރު 16ގައި އެ ހުކުމް އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅިއެެވެ. 

އަދި އެ ހުކުމަށްފަހު، އާއިލާގެ ފަރާތުން މައްސަލައިގައި ވަކާލާތުކުރި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ބުނީ ގެއްލުމުގެ ބަދަލުގެ މައިންބަފައިންގެ ފަރާތުން ހޯދުމަށް އެދިފައިވާ 17.4 މިލިއަން ރުފިޔާގެ ތެރެއިން ނަގާދެވޭނެ ގެއްލުމުގެ ބަދަލަކީ 4.5 މިލިއަން ރުފިޔާކަމަށް ކަނޑައަޅައި ބައެއް އަދަދު ނަގާދޭން ނުފެންނަކަމަށް ޝަރީއަތުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމުން އެ ހުކުމުގެ އެ ބައި ހައިކޯޓަށް އިސްތިއުނާފުކުރުމަށް މައިންބަފައިންގެ ފަރާތުން އެދޭނަމަ އެޖަމްއިއްޔާގެ ފަރާތުން އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ.
އެހެން ނަމަވެސް، އެވަގުތު އެ ހުކުމް އިސްތިއުނާފުކުރުމާމެދު ވަކި ގޮތެއް މައިންބަފައިންގެ ފަރާތުން ނިންމާފައިނުވާތީ އެވަގުތަށް އެ ހުކުމްގެ އެބައި އިސްތިއުނާފުކުރުމަށް ނިންމާފައެއް ނުވެއެވެ. 

ނަމަވެސް އެމައްސަލަ ފަހުން ޖިއާންގެ މައިންބަފައިންގެ ފަރާތުން އިސްތިއުނާފްކުރުމުން، އިސްތިއުނާފް މުއްދަތު ހަމަވެފައި އޮތުމުން ކަމަށް ބުނެ ހައި ކޯޓުން އެ މައްސަލަ ބަލައިގަންފައެއް ނުވެއެވެ.

އެމައްސަލަ ހައިކޯޓުން ބަލައި ނުގަންނަން ނިންމުމުން، މައިންބަފައިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފީ އެެ މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމްކޮށްފައިވަނީ، މައްސަލަ އިސްތިއުނާފަށް ހުށަހެޅީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވިޔަސް، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ހޯދަން އެ މުއްދަތު ހަމަވުމުގެ ކުރިން މައިބަފައިންގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާ ކަމަށެވެ. 

އެ ރިޕޯޓް މައިންބަފައިންނަށް ލިބިފައިވަނީ އެ މުއްދަތު ހަމަވިފަހުން ކަމަށް ވާއިރު، ރިޕޯޓް ނުލިބި އޮތްކަން ހައި ކޯޓަށް ސިޓީއަކުން އެފަރާތުން އަންގާފައިވާތީ އިސްތިއުނާފް ކުރުމުގެ ނިޔަތް މައިންބަފައިންގެ އޮތްކަން އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.

އެހެންކަމުން ސްޕްރީމު ކޯޓުން ވަނީ 10 ދުވަސް ތެރޭގައި އަލުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި ނަމަ، އެ މައްސަލަަ ބަލައިގަތުމަށް ހައިކޯޓަށް އަންގާފައެވެ.

ޑަބްލިޔު ކޮންސްޓްރަކްޝަންއިން އިމާރާތްކުރަމުންދިޔަ އިމާރާތެއްގެ ދަށުން މަންމައާއިއެކު ހިނގާފައި ދަނިކޮށް ސިމެންތި ބަސްތާއެއް ބޮލަށްވެއްޓި ހަތް އަހަރުގެ ޖިއާން މަރުވީ 2018 ވަނަ އަހަރު ޑިސެމްބަރު މަހު 16ވަނަ ދުވަހު އެވެ.

78%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް