ads
އެމްއައިޓީޑީސީން ކުރިއަށް ގެންދަން ނިންމި ބަރެސްދޫ މަޝްރޫއުގެ ކުރެހުމެއް
އެމްއައިޓީޑީސީގެ ބޯޑު މެންބަރުގެ ޕާސްޕޯޓް ހިފަހައްޓަން ކުރި ހުކުމް ބާތިލް ކޮށްފި
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ބޯޑު މެންބަރުގެ ޕާސްޕޯޓް ހިފަހައްޓަން ކުރި ހުކުމް ސިވިލް ކޯޓުން މިއަދު ބާތިލް ކޮށްފިއެވެ.
Advertisement

މިމައްސަލަ ކުރިމަތިވީ އެ ޑިރެކްޓަރު އަމިއްލަ ދަތުރެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް މިއަދު ހެނދުނު އެއާޕޯޓަށް ވަޑައިގެން އިމިގްރޭޝަން ކްލިޔަރެންސް ހަދަން އުޅެނިކޮށެވެ. ޕާސްޕޯޓް  ހިފަހައްޓާފައިވާކަން އެނގުނީ އެހިސާބުންނެވެ.

އެހިސާބުން އޭނާގެ ދަތުރު ވަނީ ކެންސަލް ވެފައެވެ. 

"އެނގުނު ގޮތުގައި ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެ ކުންފުނިން ދައްކަން އަންގާފައިވާ ފައިސާއެއް ނުދައްކައިގެން. ފައިސާ ނުދައްކައިގެން އެންމެ ފަހުން ބޯޑު މެމްބަރުންގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުކޮށްފައި އޮވެގެން ނުފުރުނީ. ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ،" ފުރަން ވަޑައިގެންނެވި ޑިރކްޓަރުގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ސީއެންއެމްއަށް ވިދާޅުވި އެވެ.

ސިވިލް ކޯޓުން މިއަދު ބާތިލް ކޮށްފައިވަނީ 10 ފެބްރުއަރީ 2022 ގައި ނެރެފައިވާ އަމުރެކެވެ. 

ގާޒީ ޒުބައިރު މުހައްމަދު ނެރުއްވާފައިވާ އަމުރުގައިވަނީ ލ. ފޮނަދޫ ރޯޝަންވިލާ ފާތިމަތު އާސިޔާގެ ޕާސްޕޯޓު ހިފަހައްޓަން ކޮށްފައިވާ އަމުރު ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި އެކަންވަނީ މޯލްޑިވްސް އިމިގްރޭޝަން އަށް އަންގާފައެވެ. ސީއެމްއެން އަށް އެންގިފައިވާ ގޮތުގައި ޕާސްޕޯޓް ހިފަހައްޓާފައިވާ އެ ބޯޑުގެ މެންބަރުގެ ތެރެއިން ދޫކޮށްލާފައިވަނީ ހަމައެކަނި އާސިޔާގެ ޕާސްޕޯޓެވެ.  

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމްއައިޓީޑީސީގެ އޭރުގެ މެނޭޖުމަންޓުން ވަނީ ބަރެސްދޫ ޕްރޮޖެކްޓު ހިންގުމަށް ޑިޕޮޒިޓުގެ ގޮތުގައި އެކި ފަރާތްތަކުގެ އަތުން 3.5 މިލިއަން ޑޮލަރު ނަގައިފަ އެވެ. މީގެ ތެރެއިން ދެ ކުންފުންޏެއްގެ ފައިސާ އަނބުރާ ދެއްކުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. 

އޭނާ ބުނިގޮތުގައި ޕާސްޕޯޓް ހިފަހައްޓާފައިވާކަން އެ ކުންފުނިން ބޯޑް މެމްބަރަށް އަންގާފައި ވެސް ނެތެވެ. ފުރަން އެއާޕޯޓަށް ވަޑައިގެންނެވީ އެ ފަދަ ކަމެއް ހިނގާފައިވާކަން އެނގިވަޑައިނުގެންނަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއައިޓީޑީސީ އިން ކުރިއަށް ގެންދާ ލ. ބަރެސްދޫ މަޝްރޫއަށް އެކި ފަރާތްތަކުގެ އަތުން ނެގި ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާތީ، އެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށް، ޑިރެކްޓަރުންގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުކުމްކޮށްފައެވެ. 

ކޯޓު އަމުރާ އެކު، އަނބުރާ ދޭންޖެހޭ ހުރިހާ ފައިސާއެއް 2020 ވަނަ އަހަރުގެ އޯގަސްޓު މަހު ދައްކާ ނިމޭނެ ކަމަށް، އެ ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި 2020 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 10 ވަނަ ދުވަހު ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ކްރިސްޓްލައިން އެމްވީ ޕްރައިވެޓް ލިމިޓެޑް އިން އެމްއައިޓީޑީސީ އާއި ދެކޮޅަށް ކުރި ދައުވާ އާ ގުޅިގެން 100،000 އެމެރިކާ ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރި ހުކުމާއި އެއްގޮތަށް އެ ކޯޕަރޭޝަނުން ފައިސާ ދައްކާފައި ނުވެއެވެ. މިހާތަނަށް އެމްއައިޓީޑީސީ އިން ދައްކާފައި ވަނީ 30،000 އެމެރިކާ ޑޮލަރެވެ. 

ސިވިލް ކޯޓުން މި މައްސަލަ އާއި ގުޅިގެން ކުރި ހުކުމް ގައި ބުނެފައިވަނީ، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުރިހާ ފައިސާއެއް ދައްކާ ހަލާސް ކުރުމަށެވެ. އެހެން ނަމަވެސް ފައިސާ ދައްކާފައި ނުވާތީ، ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އިތުރު އަޑުއެހުމެއް މިމައްސަލަ އާއި ގުޅިގެން ބާއްވާފައެވެ. 

އެ ދުވަހު ކުރިއަށް ގެންދިޔަ ޝަރީއަތުގައި ސިވިލް ކޯޓުން ވަނީ، އެ ކުންފުނީގެ އެކައުންޓުން 70،000 އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ ހިފަހައްޓާފައެވެ. 

ފައިސާ ނުދެއްކި ލަސްވަމުން ދަނީ، އެމެރިކާ ޑޮލަރު ހޯދުމުގައި ދަތިތަކެއް ދިމާވެފައި ވުމުން ކަމަށާއި، އެމެރިކާ ޑޮލަރު ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް އެދިފައި ވާކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ފައިސާ ނުދެއްކި ލަސްވުމުގެ ސަބަބުން ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެމްއައިޓީޑީސީ އިން ވަނީ މިމަހުގެ 14 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. 

އެސިޓީގައި ބުނެފައިވަނީ، ކޯޓުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް ފައިސާ ދެއްކުމަށް ބޭނުންވާ އެމެރިކާ ޑޮލަރު އެކޯޕަރޭޝަނަށް ހަމަޖައްސައި ދިނުމަށް އެދިފައެވެ. 

އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރަން ޔާމީންގެ ސަރުކާރުން އުފެއްދި އެމްއައިޓީޑީސީން ހަވާލުވި ބަރެސްދޫ މަޝްރޫއަށް ލިބުނު ފައިސާގެ ތެރެއިން ބައެއް ފައިސާ، އޭރު ވެރިކަން ކުރި ޕާޓީ، ޕީޕީއެމަށް ހަރަދުކުރި ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެއެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް