ރައީސް ސޯލިހު އެމަނިކުފާނުގެ ބާރުތަކާއި މަސްއޫލިއްޔަތު ނައިބު ރައީސް އާއި ވަގުތީގޮތުން ހަވާލުކުރައްވަން ނިންމަވާފައިވަނީ ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ.
އެކަން ހާމަކުރައްވާ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވާގޮތުން، ޑޮކްޓަރުންގެ ލަފަޔާ އެކު އެމަނިކުފާނު މާދަމާ ހެނދުނު ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން ވަނީ ހަމަޖެހިފައެވެ. އޮޕަރޭޝަން ކުރަން ހަމެޖެހިފައިވާތީ ނައިބު ރައީސްއާ މަސްއޫލިއްޔަތުތައް ހަވާލުކުރައްވާކަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް މާދަމާ ރަސްމީކޮށް ގެންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އޮޕަރޭޝަނަށް އިއްޔެ ފުރާވަޑައިގަތީ ސިންގަޕޫރުން މިދިޔަ ހަފުތާގައި ފަރުވާ ހޯއްދަވައި އެނބުރި މާލެ ވަޑައިގަތުމަށް ފަހު އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ސިއްހީ ހާލުކޮޅުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއިހުރެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު މަސްއޫލިއްޔަތު އަދާކުރައްވަން އުޒުރުވެރިވާ ހާލަތެއްގައި އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ހަވާލުވާނީ ރައީސްގެ ނައިބާއެވެ.
ނައިބު ރައީސަށް އެމަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތުގައި އެވާޖިބުތައް ދެން ހަވާލުވާނީ މަޖިލީހުގެ ރައީސްއެވެ.
އަދި މަޖިލީހުގެ ރައީސްއަށް ހަވާލު ނުވެވޭނަމަ ދެން ހަވާލުވާނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސަށް ވެސް ހަވާލު ނުވެވޭނަމަ ދެން ހަވާލުވާނީ މަޖިލީހުން ފާސްކުރާ ގަރާރަކުން ހޮވާ މަޖިލީހުގެ މެމްބަރެކެވެ.