މި ގަރާރުގައިވާ ގޮތުން އިޒްރާއިލުން ގައްޒާއަށް ދެމުންދާ ހަމަލާ ހުއްޓާލާ ގައްޒާއިން ފޭބުމުން ވަގުތީ ގޮތުން ބައިނަލްއަގުވާމީ ފައުޖެއް ހަރަކާތްތެރިވާން ޖެހޭ ކަމުގައި އެވެ.
އަދި ކުރިމަގުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ބެހޭ ވާހަކަތައްވެސް މި ގަރާރުގައި ވާކަން ފާހަގަކޮށްލަންޖެހެ އެވެ.
މި ގާރާރުގެ ވޯޓުލުމުގައި ވީޓޯގެ ބާރު ލިބިފައިވާ ޗައިނާ އަދި ރަސިޔާއިން ބައިވެރިވެފައި ނުވާކަން ފާހަގަ ކޮށްލެވެ އެވެ.
އެހެން ކަމުން މި ގަރާރު ފާސްވެފައިވަނީ އެ މަޖިލީހުގައި ހިމެނޭ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރުންގެ ވޯޓާއި އެކު އެވެ.
ގައްޒާ ކޮންޓްރޯލްކުރާ ހަމާސް އިން ބުނީ މިއީ ފަލަސްތީނު ރައްޔިތުންގެ ސިޔާސީ އަދި އިންސާނީ ހައްގުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ރިއާޔަތްކޮށްފައި ގަރާރެއް ނޫން ކަމުގައި އެވެ.
މީގެ އިތުރުން 2027 ވަނަ އަހަރުގެ ނިޔަލަށް، ގައްޒާގެ އިންތިގާލީ ގަވަނިން ބޮޑީއެއްގެ ގޮތުގައި "ބޯޑް އޮފް ޕީސް" ގާއިމުކުރުމަށް މި ގަރާރުގައި ބުނެފައިވެ އެވެ.
އެމެރިކާއިން މި ގަރާރު އެ މަޖިލީހަށް ހުށަހެޅުމާއި އެކު ރަސިޔާއިން ވަނީ އެ ގަރާރުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށް އެމެރިކާގެ ގަރާރުގައި އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެހެން ޑްރާފްޓެއް ވެސް މެންބަރުންނަށް ހުށަހަޅައިފަ އެވެ.
ރަސިޔާއިން ހުށަހެޅި މި ގަރާރުގައި އިޒްރާއިލް އާއި ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ކަނޑައަޅާ ގާއިމުކުރަމުން ބައިނަލްއަގްވަމީ ގައުމުންތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވަނީ ބުނެފައި އެވެ.
ރަސިޔާއިން ހުށަހެޅި ގަރާރުގައި ފައުޖެއް ގައްޒާއަށް ފޮނުވުމުގެ ވާހަކަ ނުހިމަނާ ބުނެފައިވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅުއްވާ ގޮތަކަށް އެކަން ކުރިއަށް ގެންދިއުމަށެވެ.
އެމެރިކާއިން ހުށަހެޅި ގަރާރަށް ވަނީ އެތަށް ގައުމުތަކެއްގެ ތާއީދު ލިބިފައި އެވެ.
އެ ގޮތުން ގަތަރު، މިސްރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައޫދީ އަރަބިއްޔާ، އިންޑޮނީޝިއާ، ޕާކިސްތާން، އުރުދުން އަދި ތުރުކީ ފަދަ ގައުމުތައް ހިމެނެ އެވެ.