ads
ފުލުހުން މީގެ ކުރިން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ރާއްޖެއިން ހައްޔަރު ކުރި އައިއެސްގެ މީހާގެ އިތުރު މައުލޫމާތު އާއްމުކޮށްފި
ރާއްޖެއިން ހައްޔަރު ކުރި އައިއެސް އަށް ނިސްބަތްވާ މީހާ އާއި ބެހޭ އިތުރު މައުލޫމާތު ފުލުހުން މިއަދު އާއްމު ކޮށްފިއެވެ.

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އިސްލާމިކް ސްޓޭޓް (އައިއެސްް)ގެ ސެލްއެއް ރާއްޖޭގައި 2015 ވަނަ އަހަރުން ފެށިގެން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު މާލެއިން މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ހައްޔަރުކޮށްފައިވާކަން މިމަހުގެ 23ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ހާމަކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކަށް ހަމަލާދީ، ހާއްސަކޮށް އެ ގައުމުތަކުގެ ވެރިންނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލައި އެކިއެކި މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކެމްޕޭނުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައެވެ.

އެކަމާއި ގުޅިގެން ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2015 ވަނަ އަހަރުންފެށިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި ދިވެއްސަކު އިސްކޮށް ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

"ޓެލެގްރާމް އަދި އެނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި "ސްކާމިޝް"، "ސްކާމިޝްކިޑް" އަދިވެސް އެހެނިހެން އެކި ނަންނަމުގައި އެކައުންޓްތައް ހަދައި، ސޯޝަލް މީޑިއާ ގުރޫޕްތަކުގައި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަމާއަތުގެ ލިޔެކިޔުން މީނާ ވަނީ ދައުރު ކުރަމުން ގޮސްފަ." ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، މި ގުރޫޕްތައް މެދުވެރިކޮށް، ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި، އެކަމަށް ހިތްވަރުދީ، ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެކަމުގެ ބިރުދައްކައި އިންޒާރުދެމުން ގޮސްފައިވާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށާއި، މީނާ ސޯޝަލް މީޑިއާގައި ފަތުރައި، ޝާއިއުކޮށްފައިވާ ބައެއް ކޮންޓެންޓްތަކަށް ބަލާއިރު ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާ ދިނުމަށް ގޮވާލައި، އެފަދަ ކަންކަން ކުރުމަށް ހިތްވަރުދެމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

މި މައްސަލަ އާއި ގުޅިގެން މިމީހާ ހައްޔަރު ކުރީ، ދިވެހި ފުލުހުންނާއި، ޔޫރޮޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ ދެ އިދާރާއަކާއި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން، ރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައި މާލެއިންނެވެ. 

އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް ޑިޖިޓަލް އެވިޑެންސްތަކެއްވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މިއަދު އާއްމު ކުރި ބަޔާނުގައި ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް