ads
އެނބޫދޫފަޅުގައި ހަދާ ޕިކްނިކް އައިލެންޑް މިއަހަރު ހުޅުވަނީ!
ކ. އެނބޫދޫފަޅުގައި، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ތަރައްގީކުރަމުންދާ ރަށް މިއަހަރުގެ ފަހުކޮޅު ހުޅުވުމަށް ނިންމައިފި އެވެ.

އެނބޫދޫފިނޮޅުގައި މާލޭ ރައްޔިތުންނަށް ހާއްސަކޮށް ހަދާ ޕިކްނިކް އައިލެންޑް މަޝްރޫއު ސަރުކާރުން އިއުލާންކުރީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު ތެރޭގައެވެ. މާލެ އިން ފުރައިގެން ފަނަރަ ވަރަކަށް މިނެޓުގެ ތެރޭގައި ދެވޭ ހިސާބުގައި އޮތް އެނބޫދޫ ފަޅުގައި ރިސޯޓު ހެދުމަށް ތައިލެންޑްގެ ސިންހާ އެސްޓޭޓުން ހިއްކާފައިވާ ނުވަ ރަށުގެ ތެރެއިން އެއް ރަށް ހާއްސަ ކޮށްފައި ވަނީ މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށެވެ.

އެތަނުގައި ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ހަތް ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި:

  1. އައިމާ ކޮންސްޓްރަކްޝަން
  2. ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  3. އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  4. އެޗްއެސްޕީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  5. ކުރިހަރަ ކޮންޔޯ ކޯ ލިމިޑެޓް
  6. އެސްއެލްޕީ ގްރޫޕް 
  7. ލަމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

އެންމެފަހުން ތައިލެންޑުގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސް އާއި އެތަން ތަރައްގީކުރަން ހަވާލުކޮށް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ޕްލޭނިން މިނިސްްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 

އެކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެންމެ އަވަސްވެގެން މިއަހަރުގެ އޮކްޓޫބަރު އަދި ލަސްވެގެން ޑިސެމްބަރުގެ ތެރޭގައި އެތަން އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ.

އެބޫދޫ ފަޅު މިހާރު ހިއްކާފައި އޮއްއިރު އެތަނަކީ ގާތްގަނޑަކަށް 333000 އަކަފޫޓުގެ ސަރަހައްދެކެވެ. 

އެނބޫދޫ ފިނޮޅުން ރަށެއް ދަތުރު ދިއުމަށް ކަނޑައަޅާފައިވާކަން އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ ތަނާއި ރިސޯޓާއި އޮންނާނީ ވަކިވެފައި ކަމަށާއި އެކަމަކު ރިސޯޓުގައި ހުންނަ ވަސީލަތްތައް ދަތުރުދާ ފަރާތްތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އެތަން ތަރައްގީ ކުރެވިގެންދާނީ ކުޑަ ކުދިން ކުޅޭނެ ތަންތަނާއި ބާބަކިއު ހަދާނެ ތަންތަނުގެ އިތުރުން ޗޭންޖިން ރޫމާއި ކޮޓަރިތައް ވެސް ލިބޭނެ ގޮތަކަށް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ރައީސް ސޯލިހު ވަނީ ދުނިޔޭގެ އެހެން ބޮޑެތި ސިޓީތަކާއި ހިލާފަށް މާލޭގެ ތޮއްޖެހުމުގައި ނޭދެވޭ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އެގޮތުން މާލޭގެ މަގުތަކާއި ގޯޅިތައް އިންތިހާއަށް ހަނި ކަމަށާއި ހުސް ބިންތަކާއި ޕާކުތައް ވެސް ނެތް ކަމަށާއި އަދި ހުސް ބިންތައް ވެސް ނެތުމަކީ މާލޭގައި ދިރިއުޅޭ މީހުންގެ ހަމަޖެހުމަށް އެކަމުގެ އަސަރު ފޯރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު އެފަހަރު ވިދާޅުވީ، އެންމެ ލަސްވެގެން އެތަން 2020ވަަނަ އަހަރު ކުރީކޮޅު މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ހުޅުވާލާނެ ކަމަށެވެ. އަދި އެތަން ހުޅުވުމުން މާލެއަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއްގެ ހައްލުވެސް ލިބިގެންދާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ސޯލިހު ވަނީ މާލެ ކައިރިން ރަށެއް، ދަތުރުދިޔުމަށް ހާއްސަކުރާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެކަން ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް