
މި ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅެމުންދާ ގެ އިމާރާތްކޮށް ފަރުނީޗަރު ހިމެނުމުގެ ހަރަދުތައް ބޭންކުން ހަމަޖައްސައިދޭނެއެވެ. މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.
މި ފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތައް ނޮމިނޭޓްކޮށް މި ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު މިވަނީ ޖަމިއްޔާތަކާއި ކައުންސިލްތަކަށް ހުޅުވާލެވިފައެވެ.
މި ހަރަކާތާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " މިއަދު ތައާރަފްކުރެވޭ މި ހިލޭ އެހީގެ ޒަރިއްޔާއިން ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ މި ޕްރޮޖެކްޓްގެ ދަށުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކަށް ދިރިއުޅުމަށް ހެޔޮ ބަދަލުގެނައުމުގެ ފުރުސަތު ހޯދައިދިނުން."
އެ އެހީއަށް 31 މާރިޗު 2022 ގެ ކުރިން ބީއެމްއެލް ހައުސިން ގްރާޓަށް އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.
40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:
- ނޮވެންބަރު - ބީއެމްއެލް ސްކޮލާޝިޕް ފަންޑު
- ޑިސެންބަރު - ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
- ޖަނަވަރީ - ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް
ރާއްޖޭގެ އެކި ރަށްރަށުގައި ނިކަމެތި ހާލުގައި ޖެހިފައިވާ ފަގީރު އާއިލާތަކަށް މިހާރުވެސް ބައެއް އެންޖީއޯތަކުން އަންނަނީ އެހީވަމުންނެވެ. ބީއެމްއެލުން މި ހުޅުވާލި ހިލޭ އެހީގެ ސަބަބުން މިފަދަ އެންޖީއޯތަކަށް އިތުރަށް އެމަސައްކަތްތަކުގައި އެހީތެރިކަން ލިބިގެންދާނެއެވެ.