ads
ޓެކްނޮލަޖީ މިނިސްޓަރު ޝައުނާ----
"ސްޓެލްކޯ ދެން ވާންވީ ރާއްޖޭގެ އިއާދަކުރަނިވި، ހަކަތައިގެ ހިދުމަތް ދޭ ކުންފުންޏަކަށް"
ރާއްޖެ ތަރައްގީގެ ހަލުވި ސްޕީޑުގައި އަންނައިރު، ސްޓެލްކޯ ދެން ވާންވީ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ހިދުމަތް ދޭ ކުންފުންޏަކަށް ކަމަށް އެންވަޔަރަމެންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލިޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ "ޕަވަހައުސް މެނޭޖާޒް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022" އިފްތިތާހު ކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، އިއާދަކުރަނިވި ހަކަތައިގެ ހިދުމަތް ދިނުމުގެ ގާބިލްކަމާއި، ހުނަރާއި، އަދި ޓެކްނިކަލީ ގޮތުން އެކަން ކުރުމަށް ބޭނުންވާ ކަންކަން ކުރުމުގެ ގާބިލުކަންވެސް ސްޓެލްކޯގައި އެބަހުރި ކަމަށެވެ. 

ސަރުކާރުން އަހަރެއްގެ މައްޗަށް ތެޔޮ އިމްޕޯޓް ކުރުމަށް ގާތްގަނޑަކަށް ހަތަރުސަތޭކަ މިލިޔަން ޑޮލަރު ހޭދަކުރާއިރު، ދުނިޔޭގެ ހާލަތު މި ދިޔަ ހަފްތާއެއްގެ ތެރޭގައި މި އަންނަނީ ބަދަލުވަމުން ކަމަށާއި، މި ބަދަލާއި އެކީ ތެލުގެ އަގުވެސް އަންނަނީ އުފުލެމުން ކަން ޝައުނާ ފާހަގަކުރެއްވިއެވެ.   

"ތެލަށް އަހަރެމެން ކުރާ ހަރަދު އިތުރުވާނަމަ، އެއީ ތަރައްގީގެ އެހެން ކޮންމެވެސް ކަމަކަށް ހޭދަކުރަން ހުރި ފާއިސާ. އެ ފާއިސާ ހޭދަ ކުރަން މި ޖެހެނީ ތެޔޮ ގަންނަން. ރާއްޖެއަކީ އިއާދަކުރަނިވި ހަކަތަ އެތައް ގުނައަކަށް ބޭނުންކުރެވެން އޮތް ރާއްޖެއެއް" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް ދުވާލަކު 12 ގަޑިއިރު އިރުގެ އަލި ރާއްޖެއަށް އެބަލިބޭ ކަމަށާއި، އިރުގެ އަލިން ހަކަތަ ލިބޭ މިންވަރާއި، އަގު މި އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވަމުންކަން ފާހަގަކުރައްވާ މިނިސްޓަރު ޝައުނާ ވިދާޅުވީ، އެ ޓެކްނޮލޮޖީ މި ވަނީ އުފެއްދި އެއާއި ހަމައަށް ވާސިލުވެފައި ކަމަށެވެ.

އިއާދަކުރަނިވި ހަކަތަ އަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ، ކޮންމެ ކަމެއްވެސް ހާސިލުވާނީ އެކަމެއް ކުރަން ފެށުމުން ކަމަށެވެ. އަދި ބޭނުންވާ މިންވަރު ހާސިލުވެވޭނީ އޭރުން ކަމަށެވެ. 

"ނެޓް ޒީރޯ" ޓާގެޓް 2030 ވަނަ އަހަރު ހާސިލުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެކަން ފާހަގަކުރައްވާ މިނިސްޓަރު ޝައުނާ ވިދާޅުވީ، އެ ޓާގެޓު ހާސިލްކުރުމަށް ސްޓެލްކޯގެ ހިއްސާ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށް ރަށްރަށުގައި ކުރަންޖެހޭ ކަންތައް ކުރުމަށް ސަރުކާރުން އިންވެސްޓުވެސް ކޮށްދޭން ތައްޔާރަށް އޮތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

އެކަން ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަ ގާއިމުކޮށްދޭން މަސައްކަތް ކުރާނެ ކަމަށާއި، ބޭނުންވަނީ ސްޓެލްކޯގެ އެހީތެރިކަމާއި އެކު ރާވާލައިގެން އެ މަސައްކަތާއިގެން ކުރިއަށް ދިއުން ކަމަށް ޝައުނާ ވިދާޅުވިއެވެ. ޔުޓިލިޓީ ސްކޭލުގައި އެކަން ކުރުމަށް ސަރުކާރުގެ އެކި އެކި ޕްރޮޖެކްޓުތަކުގެ އެހީތެރިކަމާއި އެކު މިހާރުވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

ސަރުކާރުގެ "ނެޓް ޒީރޯ" ޓާގެޓް ހާސިލްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އާއްމު ރައްޔިތުންނަށް އެންމެ ފަސޭހައިން، އަވަހަށް ކުރެވޭނެ ގޮތަކީ ގޭގޭގެ ފުރާޅުތަކުގައި "ހޯމް ސޯލާ" ގާއިމުކުރުން ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.  

މިނިސްޓަރު ޝައުނާ އިތުރަށް ވިދާޅުވީ، ފެނަކަ އާއި އެކީގައި "ހޯމް ސޯލާ" ޕްރޮގްރާމެއް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހަމަ އެ ގޮތަށް ސްޓެލްކޯ އާއި އެކީގައި ވެސް އެ މަސައްކަތް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް