ads
އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ
މިއަހަރު ނިމުމުގެ ކުރިން 1،000 ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރަނީ
ރައީސުލުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 1،000 ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ކ. ހުރާގެ ފެނާއި، ނަރުދަމާ އާއި، ކަރަންޓްގެ ހިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ރޭ ހުރާގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ސަރުކާރުން ފެނަކަ އާއި ގުޅިގެން ކުރިއަށް ގެންދާ ހީމް ސޯލާ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ވާނެ ކަން ފެންނަ މަންޒަރު ތަކުން މިހާރުވެސް ޔަގީންވާ ކަމަށެވެ. 

މިނިސްތަރުގެ ވާހަކަފުޅުގައި ވިދާޅުވީ، އިރުގެ އަލިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ކަރަންޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ނިޒާމުތައް ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށްތަކުގައި ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ ކަމަށެވެ، 

މީގެ އިތުރުން މި ހިނގާ 2022 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ މަދުވެސް 1000 ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި، އަހަރު ނިމުމުގެ ކުރިން އެ މަންޒިލަށް ވާސިލް ވެވޭނެ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. 

އެގޮތުން ރައީސް ސޯލިހުގެ މި ދައުރު ހަމަވުމުގެ ކުރިން ރާއްޖޭގައި ދެމުންދާ ކަރަންޓްގެ 26 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށާއި، އެކަން ކާމިޔާބު ވާނެ ކަމަށްވެސް ޝައުނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. 

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަކީ ނެޓްޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންދަނީ ވަކި އަމާޒަކަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިކަމުގައި ހުރިހާ ރައްޔިތުންގެ އެހީތެރިކަން ސަރުކާރަށް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް