ޓޫރިޒަމް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވި ދައުވާ އުފުލާފައިވާ އަލީ ވަހީދު ބޭސްފަރުވާ ކުރުމަށް ކަމަށްބުނެ ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އެނބުރި ރާއްޖެ އައިސްފައި ނުވެއެވެ.
އަލީ ވަހީދުގެ މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ބުނީ، އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލާގައި ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ނެރުނު ރެޑް ނޯޓިސް އާ ގުޅިގެން ޕީޖީ އޮފީހާ އެކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން ފަށާފައި ވާކަމަށެވެ.
މީގެ ކުރިން އަލީ ވަހީދުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ކޯޓު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ލިބިފައި ނުވުމުން އަލީ ވަހީދު ގެނައުމުގައި ލަސްތަކެއް ކުރިމަތިވަމުން އަންނަ ކަަމަށެވެ.
ފުލުހުން މިއަދު އަލީ ވަހީދު ހައްޔަރު ކޮށްގެން ގެނައުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައި ވާކަމަށް ބުނިނަމަވެސް އަދި މިހާތަނަށް އަލީ ވަހީދުގެ ނަން އިންޓަޕޯލް ގެ ރެޑް ލިސްޓުގައި ނެތެވެ.
އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.
މިހާތަނަށް މިމައްސާލާގައި ކަން ހިނގާފައިވާ ގޮތް
އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގައި ބައިވެރިވާން ރާއްޖެ އައުމަށް ސްޕްރީމް ކޯޓުން ޗިޓް ފޮނުވުމުންވެސް ރާއްޖެ ނައިސް ކޯޓުގެ އަމުރަށް ގޮންޖެހައި، ރާއްޖެ ވަޑައިގެންފައިނުވާތީ އަލީ ވަހީދުގެ މައްޗަށް ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން ކުރި 2 މަހާއި 12 ދުވަހުގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ހާޒިރު ކުރަން ކަރެކްޝަނަށް ކޯޓުން އޮތީ މިދިޔަ އަހަރުގެ އޮގަސްޓު 11 ގައި އަމުރު ކޮށްފައެވެ.