ads
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ އެތައް ދައުވާތަކެއް ވަނީ ކުރެވިފައި——
ރެޑް ނޯޓިސް ނެރުނު ކަމަށް ބުނި އަލީގެ ނަން ލިސްޓުގައި އަދިވެސް ނެތް!
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރަން ރެޑް ނޯޓިސް ނެރެފައި ވާކަމަށް ފުލުހުން ބުނި ނަމަވެސް މިހާތަނަށް އޭނާގެ ނަން ލިސްޓުގައި ހިމަނާފައި ނުވާކަން އެނގިއްޖެއެވެ.
Advertisement

އަލީ ވަހީދުގެ މައްސަލައާއި ގުޅިގެން ފުލުހުން އިއްޔެ ބުނީ، އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލާގައި ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން އޭނާ ހައްޔަރު ކޮށްގެން ރާއްޖެ ގެންނަން ރެޑް ނޯޓިސް ނެރެފައި ވާކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްގެން ގެނައުމަށް ނެރުނު ރެޑް ނޯޓިސް އާ ގުޅިގެން ޕީޖީ އޮފީހާ އެކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން ފަށާފައި ވާކަމަށް ފުލުހުން ބުންޏެވެ. 

އެހެން ނަމަވެސް ރެޑް ނޯޓިސް ނެރެފައިވާ މީހުންގެ ނަންތައް ހިމެނޭ އިންޓަޕޯލްގެ ރަސްމީ ވެބްސައިޓުގައި އަދިވެސް އަލީ ވަހީދުގެ ނަން ހިމެނިފައި ނުވެއެވެ. އެހެން ކަމުން އަލީ ވަހީދު ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ނެރެފައިވާކަން ވަނީ ކަށަވަރު ނުވެފައެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ގުޅުމުން މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެމައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ. 

ފުލުހުން އިއްޔެ ބުނި ގޮތަށް އަލީ ވަހީދު ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ނެރުނު ނަމަ ވަގުތުން އިންޓަޕޯލްގެ ލިސްޓުގައި އޭނާގެ ނަން ހިމަނާނައެވެ. އެހެން ނަމަވެސް މިއަދު މެންދުރު 01:00 އާއި ހަމައަށްވެސް އޭނާގެ ނަން އެލިސްޓުގައި ނެތެވެ. 

ދިވެހި ރާއްޖެއިން ހޯދަން ބޭނުން ވެގެން އާއްމުކޮށްފައިވާ ރެޑް ނޯޓިސް ލިސްޓުގައި މިވަގުތާއި ހަމައަށް ތިބީ ނުވަ މީހެކެވެ. 

your imageއިންޓަޕޯލްގެ ރެޑް ނޯޓިސް މިވަގުތާއި ހަމައަށް ނެރެފައިވާ ނުވަ ދިވެހިން

އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އޭނާ ރާއްޖޭން ބޭރަށް ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. ނަމަވެސް ހުއްދަ ދިން ހަތަރު މަހުގެ މުއްދަތު ފަހަނައެޅި ފަހުން ވެސް އަހަރެއްވީއެވެ.

މިހާތަނަށް މިމައްސާލާގައި ކަން ހިނގާފައިވާ ގޮތް

އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގައި ބައިވެރިވާން ރާއްޖެ އައުމަށް ސްޕްރީމް ކޯޓުން ޗިޓް ފޮނުވުމުންވެސް ރާއްޖެ ނައިސް ކޯޓުގެ އަމުރަށް ގޮންޖެހައި، ރާއްޖެ ވަޑައިގެންފައިނުވާތީ އަލީ ވަހީދުގެ މައްޗަށް ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން ކުރި 2 މަހާއި 12 ދުވަހުގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ހާޒިރު ކުރަން ކަރެކްޝަނަށް ކޯޓުން އޮތީ މިދިޔަ އަހަރުގެ އޮގަސްޓު 11 ގައި އަމުރު ކޮށްފައެވެ. އެ ހުކުމް ކުރިތާ މިހާރު ފަސް މަސްވެފައިވާއިރު، އަލީ އެއްވެސް ބަޔަކަށް ރާއްޖެ ގެނެވިފައެއް ނުވެއެވެ.

އެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންގެ އެހީއަށް އެދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން އޭރު ބުނެފައިވަނިކޮށް ފުލުހުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ބުނީ އޭނާ ގެނެއުމުގެ މަސައްކަތް ކުރަމުންދަނީ އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުުލުހުން އޭރުވެސް ބުނެފައިވެއެވެ. 

ނަމަވެސް އޭގެފަހުން ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އަލީ ވަހީދު ރާއްޖެ ގެނައުމަށް ކޯޓުން އަމުރު ކޮށްފައިވާތީ ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާއިރު މިހާތަނަށް އޭނާ ހޯދައިގެން ރާއްޖެ ގެނެސް ކަރެކްޝަނާއި ހަވާލުކުރުމަށް ކުރެވުނީ ކޮން މަސައްކަތެއްތޯ އަދި އިންޓަޕޯލް ރެޑް ނޯޓިސް ނެރެން ކުރީ ކޮން މަސައްކަތެއްތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރިގެން އަލީ ވަހީދު ހޯދުމަށް އެ އިދާރާއިން އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް އެއްބަސްވެފައެވެ. 

އެކަމަށް އަމާޒުވި ފާޑުކިޔުންތަކަށްފަހު މިދިޔަ ޖެނުއަރީ ތެރޭގައި ފުލުހުން ބުނީ އެކަން އޭރު ނުކުރީ އެކަމަށް ބޭނުންވާ އިގިރޭސި އަމުރެއް ނުލިބިގެން ކަމަށެވެ. އެއަމުރު ފަހުން ލިބިގެން އަލީ ގެނެއުމުގެ މަސައްކަތް އަލުން ފުލުހުން މިހާރު ފަށާފައިވާއިރު އަލީއަށް އިއްވި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމުގެ މުއްދަތުވެސް މިހާރު އޮތީ ފަހަނައަޅާފައެވެ.

އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.

  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް