ads
މަންމަ ބުނީ ގެންދާށޭ! ދޮންދީގެ ލޯ ބޯލީ ފުރޭތަ؟
މަންމަ ބުނީ ގެންދާށޭ! ދޮންދީގެ ލޯ ބޯލީ ފުރޭތަ؟
މަންމައެއް އަންހެން ކުއްޖަކު ފުރޭތައަށް ދިން ވާހަކައަކީ ހުވަދޫ އަށް މަޝްހޫރު، އަދި ރާއްޖޭގެ ބައެއް ހިސާބު ތަކުގައި ވެސް އާންމު ވާހަކަ އެކެވެ. މިއީ ތުންތުން މަތިން ދެކެވޭ ވާހަކައެކެވެ. އޭރުގެ ދުވަސްވީ މީހުންގެ ފުށުން އައިސްފައިވާ ވާހަކައެކެވެ. އަޑުއަނހާލާށެވެ!
Advertisement

މިއީ އެވެލާ ޒަމާނުގައި ހުވަދު އަތޮޅުގައި ހިނގާފައިވާ ހަގީގީ ހާދިސާއެއް ކަމަށް ބުނެ ދެކެވޭ ވާހަކައެކެވެ. ތުންތުން މަތިން އަޑު އިވޭ އެ ވާހަކަ މިޖީލާ ހަމަޔަށް އައިސްފައި ވަނީ ފުރޭތަ އެ އަތޮޅުގެ ހުރިހާ ރަށަކަށް އަރާ ކިޔާ ފައި އޮތް ދިގު ބަންޖެއްގެ ސިފައިގައެވެ. 

ހާދިސާ ހިގައިދިޔަގޮތް:

ހަދީޖާ (އަސްލުނަމެއް ނޫން ) އޭނާގެ އަންހެންދަރި (އަސްލު ނަން ކަމަށް ބުނެއުޅޭ ނަން) ދޮންދީދީގެ އުމުރުން ގާތްގަޑަކަށް ވާނީ އެންމެ 10 އަހަރެވެ. ދޮންދީދީ އަކީ ވަރަށް ލާނެތް ކުއްޖެކެވެ. ހަދީޖާގެ އެހެން ކުދިންނާއި ދޮންދީދީ އާއި ހާސް ތަފާތެވެ. 

ކޮންމެ ރެޔަކުވެސް ހަދީޖާ އޭނާގެ ކުދިންނަށް އިރުއޮއްސުމާއެކު، މަޣްރިބް ނަމާދަށްފަހު ގުރުއާން ކިޔަވައި ދެއެވެ. ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް ހުވަދުތައޮޅުގެ ރަށްރަށުގައިވެސް އޭރު އެގަޑީގައި ގުރުއާން ކިޔަވައިދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް މައިންބަފައިން ދެއެވެ. އެހެން ކުދިންނާ ތަފާތު ދޮންދީދީ ކޮންމެ ރެއަކުވެސް އެގަޑީގައި ގުރުއާން ނުކިޔަވަން ބޮޑާ ހާކައެވެ. ހަދީޖާ އަންނަ ރުޅީގައި ދޮންދީދީ އަށް އަދަބުދީ ހަދާ ކަމަށްވެސް ވެއެވެ. އެހެން ނަމަވެސް ދޮންދީދީގެ އުޅުމަކަށް މާބޮޑު ބަދަލެއް ނާދެއެވެ.

އެއްރޭ އެގޮތަށް ކިޔަވަން ކުދިން ބޭތިއްބިއެވެ. އޭގެތެރޭގައި ދޮންދީދީ ވެސް ހިމެނެއެވެ. ހަދީޖާގެ އެހެން ކުދިން ކިޔަވާ ނިންމާލާ ފައި ނިދަން އެދަށް އެރިއެވެ. އެހެން ނަމަވެސް ދޮންދީދީ އެހެން ރެއެކޭވެސް އެއްގޮތަށް ނުކިޔަވާ އިނީ ކުޅޭށެވެ. ހަދީޖާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހަދިޖާގާތަށް އައި ރުޅީގައި، ދޮންދީދީ ދަމާ ގެއިން ބޭރަށް ލިއެވެ. 

"ފުރޭތާ! ފުރޭތާ! މިކުއްޖާ ނުކިޔަވާ! ކަލޭ އޭނާ ގެންދޭ. އަހަރެން ބޭނުމެއް ނޫން ނުކިޔަވާ ކުއްޖެއް" ހަދީޖާ ހަޅޭއްލަވައިގަތެވެ.

  

ހަދީޖާ އެހެން ބުނުމަށް ފަހު، ރޮއި ހޭރަމުން ދިޔަ ދޮންދީދީ ގެއިން ނެރެ ބޭރަށްލައި ދޮރު ލެއްޕިއެވެ. މި ކުއްޖާ ނުކިޔަވާ ކަމަށާއި، ފުރޭތަ އޭނަ ގެންދިއުމަށް އަޑުގެ ކޮޅަށް ހަޅޭއް ލަވަމުން ދިޔަކަމަށް ވެއެވެ. އޭގެ ބައިގަޑި އިރު ފަހެވެ. ހަދީޖާ އަށް ދޮންދީދީގެ އަޑު ކެޑުނު ކަމަށް ވެއެވެ.

ދެން ކަން ވެގެން ދިޔަގޮތް:

ހަދީޖާ އޭނާގެ ދަރިފުޅުގެ އަޑު ކެނޑުމުން ބޭރަށް ނުކުމެ ދަރިފުޅަށްވީ ކީއްތޯ ބެލިއެވެ. ދޮންދީދީ ފެންނާކަށް ނެތެވެ. ގޯތިވަށާ ހޯދިއެވެ. ދަރިފުޅެއް ނުފެނުނެވެ. ހަދީޖާ މުދިންބެ ހޯދަން ދިޔައެވެ. މުދިންބެ އަށް ކަން ހިގައި ދިޔަގޮތް ކިޔައި ދިނުމުން ހަދީޖާގެ ދަރިއަށްވީ ގޮތް ވަގުތުން މުދިންބެ ދެނެގަތެވެ.

މުދިންބެ ސަންގުން ރައްޔިތުންނަށް ގޮވާ އެއްކުރިއެވެ. ދޮންދީދީ ހޯދުމަށް ރަށުގެ ވަލުތެރެ އާއި އަތިރި މައްޗާއި އެކި ސަރަހައްދު ތަކަށް މީހުން ބެހިއެވެ. ބޮޑެތި ބިގަރު ތަކާއި ފާނޫޒުތައް ހިފައިގެން މީހުން ހަދީޖާގެ ދަރިފުޅު ހޯދުމަށް އަވަސް ވެގަތެވެ.

އެރޭ ހަތަރު ދަމު އެރަށުގެ އާންމު ރައްޔިތުން ނުކުމެ ކުއްޖާ ހޯދަމުން ދަނިކޮށް ފަތިސް ވެގެން ދިޔަކަމަށް ވެއެވެ. އެކި ގުރޫޕްތަށް އެކި ދިމާލަށް ބަހާލާފައި ތިބި އިރު، ރަށުގެ އުތުރު ކޮޅާވީ ފަރާތުގައި ހުރި ކަށިކެޔޮ ގަހެއްގެ ދެ ގޮފިގަނޑު ދޭތެރޭ އެ އަންހެން ކުއްޖާ ފެނުނު ކަމަށް އެ ސަރަހައްދަށް ފޮނުވި މީހުން ބުނި ކަމަށް ތުންތުންމަތިން އަޑު އިވިފައިވެއެވެ. އަދި ބައެއް މީހުން ބުނާ ގޮތުން އެ ކުއްޖާ ފެނުނީ އެ އަތޮޅު ފަޅު ރަށެއް ކަމަށްވާ ކޮނޮއްޓާ އިންނެވެ.

ކުއްޖާ ފެނުމާއި، ފުރޭތަ ބަނދި ނުވަތަ ހުވަދޫ ބަދި:

ހަދީޖާގެ ދަރިފުޅު ދޮންދީދީ ފެނުނު އިރު ދޮންދީދީގެ އެއްލޯ ނެތެވެ. މުދިންބެ ސުވާލު ކުރަމުން ދިޔައެވެ. "ކިހިނެއް؟ ކާކު މި ގަހުގެ ގޮފި ގަނޑު މައްޗަށް ދޮންދީދީ އެރުވީ؟"

ކުއްޖާ ބުނި ކަމަށް އެތަނުގެ ތިބި ބަައެއް މީހުންނާއި ހަވާލާދީ ތުންތުން މަތިން އައިސްފައިވެއެވެ. "ފުރޭތަ އަހަރެން ގެންދިޔައީ އޭނަގެ ކޮނޑަށް ލައިގެން. ބުނި މިރޭ މުޅި އަތޮޅު ވަށާ ބުރެއް ޖަހާނަމޭ. އެހެން ބުނެ ވަކި ވަކިން ކޮންމެ ރަށަކަށް އަރާ ކިޔަމުން ދިޔައީ އެރަށެއްގެ ހާލަތު." ފުރަތަަމަ ފެށީ ވާދޫ އިން ކަމަށް ދޮންދީދީ ބުނި ކަމަށް މީހުން ބުނެއެވެ. 

ހުވަދުއަތޮޅަކީ ވައްކޮށް އޮންނަ އަތޮޅެކެވެ. މީހުން އުޅޭ މަދުރަށެއް ފިޔަވައި ގިނަ ރަށްތައް ހުންނަނީ ވަށްބުރަކަށް ވާ ގޮތަކަށެވެ. އެއްރަށް އަނެއްރަށާ މާކަ ދުރުދުރުގައެއް ނޫނެވެ. 

ފުރޭތަ އެ ކުއްޖާ ގެންދިޔައީ އޭނަގެ ކޮނޑަށް ލާއިގެން ކަމަށާއި، އެރޭ މުޅި އަތޮޅު ވަށާ ބުރެއް ޖަހާނޭ ކަމަށް ވެސް ބުނި ކަމަށް ވެއެވެ. އަދި ވަކި ވަކިން ކޮންމެ ރަށަކަށް އަރާ ކިޔަމުން ދިޔައީ އެރަށެއްގެ ހާލަތާ، މީހުން އުޅޭ ގޮތާއި، އެފަދަ ކަންކަން ކަމަށެވެ. 

އޭރުއްސުރެ މީހުން ކިޔައިދޭ ގޮތަށް ތިރީގައި ލިޔެފައި ވަނީ ދޮންދީދީ ކޮނޑަށް ލައިގެން ފުރޭތަ ކޮންމެ ރަށަކަށް އަރާ ކިޔަމުން ދިޔަ ބަންޖޭޥެ.

"ވާދޫން ފުރާ ފަންޏާ، ކަނޑަހަލަގަލަ ނުބަލަންޏާ، ފުއްޓަރު ބޭރުން ލަންޏާ. ކެރެދި ކަނޑާ ރެހާ ދޮގޭ. ފެންފިލައޭ މަގުއްދުއޭ. މަސްފަޅުވާ ޖަޒީރޭ. ގަން ވަލަ ވަދެ އަލަ ކޮނަކާ ވަގުތަކުނޭ. ގައްދޫ ކުދިން ކުޅޭ ކުޅިއާ ވާކުޅިއާ އަނބި ފިރިޔާ. މަސް ނުމަރާ ރޮދަ ބައެކޭ މާވައްދޫ އެތެރަ ހެވޭ ބޭރެ ނުބޭ. ކަޅަހަމަދު ދެކޮޅު ދެ ނާއިބުން ތިބޭ ގޮޅާއްލަކީ ގޮޅާލި ކަމަނާގެ ރަށޭ. މެންތަންދޫ ދެރައް ބާލާ ނެރައްދޮގޭ. ކޮޑާނަހުށީ ހޯހަޅި ތަޅާ ރަށޭ. ހުޅުވާރަލު ތަހިލީލާ. ފަރަހުޅަދޫ ފަރަ ނަމަކަށް ކިޔުނު ރަށޭ. މާވަރުލު މިނިމެރިއާ. ހުޅަދޫގޭ ދޮރެއް ނެތޭ އެންމެ މުޅައްގަޑެއް ހުއްޓޭ އެ މުޅަންގަނޑާ އެރުޅި ގަތޭ ފެރުޅި ގަތޭ ލަސްނުކުރޭ ބާއި ލަޅޭ. ދެންގޮސް މައެރީ މާފެހެލާން މާފެހެލާން އިލެ ކަނޑެގެން މައްތުރެހެން މައުވޭގެން. މާފުއްޓަށް އަރާ ތަނާ ކަނބުލެގަތާ އެއްވެގަތޭ ލެއްވެގެތޭ. ކުބުރު ދޮގޭ ހަންޑި ތިބޭ ނުބޯ ދޮގޭ ފެން މީރޭ. ކުކުޅު ބިސްނާޅާ ބިސް ރެހެއޭ. ވަސް މިދުވާ މަސް މިކަނީ ގެމަނަފުށީ މާނުހިނގާ ނުކުތުރަށޭ. ކަށިކޭވައް މެދަ ހުއްޓޭ ކަރު މަޅި ޖެހި ދިޔަދޫ އަނޭ. ކޮނޑޭ މަލާ ރީތި މަލާ ބައްދަމަލާ ފަތް ގިނަޔޯ އިހަލަކު ދެކުރުބާ ގިނަޔޯ ރޯމަސް ދަންޑަށް ގިނަޔޯ. ކޮނޑޭ މަތީ ލާބަދުވޭ ފަންޖަހަޅޭ. ހަރުކުނަދޫ. ބާވޮނަދޫ. ބޮޑު ކުރުބާ ދިގަނދު އަނޭ. ހިއްމާތޭ ފުނަދޫ އަނޭ ބޭރު ރެހާ ވިލިގިއްޔޭ ބޭރު ތެލާ މަހައްދުވޭ ކަހިންފަޅޭ ވޮޑަމުލޭ. ދާންދޫ ކަނބާ ތަކުނޭ. ނެލަންދޫ ސޫފި ތަކުނޭ. ދިގުވާ ދިގު ރަށޭ. ހުޅެމެންދޫ އަލިފާނޭ. ކަދަ މެރި މާމެންދޫ ބޮޑުން ތިބޭ. ކޫއްޑޫ އެއްވަޅަކުން ދެވަޅު ކޮނޭ އަމާން ނުވި ބިންގަނޑެކޭ. ހަލަ މިރަށުން ބާއި ލަޅޭ. ވިލިގިއްޔޭ އޮޅުކިލަލޭ މަނދިރި ކައޭ ނުމެކު ނިދޭ. ފަޅު ރީތި ރާވެއްރެހާ މާމުޓެހޭ ތާމުޓެހޭ ފަރަހެލަންނަށް އަރޭ ވައްގަބުޅު ކަންނަން ހޭ. މާފުއްޓަށް އަރާތަނާ ކަނބުލަގަތާ އެއްވެގެތޭ ލެއްވެގެތޭ. ބައުޅަގަލަ ހޯހަރި އަރާ މިނިމެންސޭ. ތެނަކުދިން ހެއްސިގަތާ ލެއްވިގަތާ އަފުން ނުލާ ކަފުން ދޮގޭ އަދި މީގެ ތެރެއިން ކޮނަށި ދޮގޭ"

މިހުރިހާ ވާހަކަ އެއް ދެއްކުމަށް ފަހު، ފުރޭތަ ބުނީ މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ކިޔައި ނުދިނުމަށާއި، ކިޔައިދީފި ކަމުގައި ވާނަމަ ދޮންދިދީ މަރާލާނެ ކަމަށް ފުރޭތަ ބުނި ކަމަށް ދޮންދީދީ ބުނި ކަމަށާއި ވާހަކަ ދައްކާ ނިމުތަނާ ދޮންދީދީ މަރުވީ ކަމަށް އޭރު އެމަންޒަރު ދުއްކަމަށް އެ ވާހަކަ ދެއްކި މީހުންނާއި ހަވާލާދީ ތުުންތުން މަތިން އެވާހަކަ އެއްޖީލުން އަނެއްޖީލަށް އައިސްފައި ވެއެވެ.

35%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް