ads
ކޮފީ
ކޮފީގެ އަގު 100 އިންސައްތަ ބޮޑުވެއްޖެ
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލާއި ގުޅިގެން ރާއްޖޭގައި ވިއްކާ ކޮފީގެ ބާވައްތަކުގެ އަގު 100 އިންސައްތަ އަށް އުފުލިއްޖެއެވެ.
Advertisement

މިއަދު މާލޭގެ ކެފޭތަކުގައި ކަޅު ކޮފީއެއް ލިބެން ހުރީ އެވްރެޖް ކޮށް 10 ރުފިޔާ އަށެވެ. އިއްޔެ އާއި ހަމައަށް ކޮފީ ތައްޓެއް ކެފޭ ތަކުން ފަސް ރުފިޔާއަށް ލިބުނު ނަމަވެސް މިއަދު އެންމެ އާދައިގެ ކެފޭ ތަކުން ވެސް ކޮފީ ތައްޓެއް ލިބެން ހުރީ 10 ރުފިޔާއަށެވެ.

މިކަމާއި ގުޅިގެން "ސީއެންއެމް" އިން ވާހަކަ ދެއްކި ކެފޭތަކުގެ ވެރިން ބުނީ، މިހާރު މާލެއަށް ކޮފީ އެތެރެ ކުރާ ފަރާތްތަކުން ކޮފީގެ އަގު ބޮޑު ކޮށްފައި ވުމުން ކެފޭ ތަަކުން ވިއްކާ ކޮފީގެ ބާވަތްތަކުގެ އަގު ބޮޑު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިއަށް އަސަރު ކުރާނެ ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

މީގެ އިތުރުން އެ ފަރާތްތަކުން ބުނީ، ހަމައެކަނި އަގު އުފުލުނީ ކޮފީ އިން ނޫން ކަމަށާއި، ރާއްޖެއިން ބޭރުން ގެންނަ ހުރިހާ އެއްޗަކުން އަގު ބޮޑުތަނުން އުފުލިފައި ވާކަމަށެވެ. 

"ކުރިން 1400 ރުފިޔާއަށް ގަންނަން ލިބޭ ކޭސް މިހާރު މިހިރީ 3000 ރުފިޔާ އާ ހަމައަށް ބޮޑު ވެފައި. މިއީ ވިޔަފާރިތައް އިނދަޖެހިދާނެ ކަމެއް. މިކަމުގެ ގެއްލުން ހުރިހާ ފަރާތްތަކަށްވެސް ކުރާނެ. ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަ ބަދަލާއި ގުޅިގެން ތަކެތީގެ އަގު ބޮޑުތަނުން މިވަނީ އުފުލިފައި." ސީއެންއެމް އަށް މައުލޫމާތު ދިން ކެފޭ އެއްގެ ވެރިޔަކު ބުންޏެވެ.

މިކަމާއި ގުޅިގެން ރާއްޖެއަށް ގިނަ ބާވައްތަކުގެ މުދާ އެތެރެކޮށް ވިއްކާ ބޮޑު ވިޔަފާރި ވެރިޔަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ މުދާ ފޮނުވާ ސަޕްލަޔަރުން މީގެ ދެ ދުވަސް ކުރިން ކޮންޓެއިނަރުގެ އަގު ބޮޑުތަނުން ބޮޑުވެފައި ވާކަމުގެ މައުލޫމާތު ދީފައި ވާކަމަށެވެ. އަދި މިއީ ތެލުގެ އަގަށް އައި ބަދަލުގެ އިތުރުން މިހާރު ކުރަމުން އަންނަ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދިމާވެފައި ވާކަމެއް ކަމަށް ސަޕްލަޔަރުން ބުނެފައި ވާކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގު އިންތިހާއަށް އުފުލޭނެ ކަމަށާއި، މިއީ ރާއްޖޭގެ ވިޔަފާރިވެރިންގެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ ބަޔަކު ހީކުރާނެ މިއީ ރޯދަ މަހާއި ދިމާކޮށް އަޅުގަނޑުމެން ތަކެތީގެ އަގު އުފުލަން ކުރާ ކަމެއް ކަމަށް. އެހެން ނަމަވެސް މިއީ އަޅުގަނޑުމެންގެ ސަޕްލަޔަރުން ކޮންޓެއިނަރުތަކުން ނަގާ އަގު ބޮޑު ކުރުމުން އަގަށް އައި ބަދަލެއް. ވިޔަފާރި ކުރާއިރު ހުރިހާ ކަމެއް ހިމަނަން ޖެހޭނެދޯ. އުއްމީދު ކުރަނީ މިއޮތް މަސް ދުވަސް ތެރޭ ތަކެތީގެ އަގު ހެޔޮކޮށް ގެނެވޭނެ ގޮތެއް ހޯދޭނެ ކަމަށް،" ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ތަކެތި އެތެރެ ކުރާ ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެން ފަށާފައި ވާއިރު، ރޭގެ ވަގުތެއްގައި ރާއްޖޭގައި ވިއްކަމުން އަންނަ ތެލުގެ އަގުތައް ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14.60 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 14.80 ރުފިޔާއަށެވެ. 

މިއީ ޕެޓްރޯލް ލީޓަރަކުން 2.54 ރުފިޔާ އަދި ޑީސަލް ލީޓަރަކުން 2.36 ރުފިޔާގެ ބޮޑުވުމެކެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 12.06 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން އައީ 12.44 ރުފިޔާއަށެވެ.

ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ހިނގަން ފެށި ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 112 ޑޮލަރު (ގާތްގަނޑަކަށް 1،727.04 ރުފިޔާ) އިތުރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް