ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި ހަތް ދިވެހިން އެއާ އިންޑިއާގެ ހާއްސަ ފްލައިޓް ގައި މިއަދު އިންޑިއާއަށް ގެނެވިއްޖެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިފްލައިޓަކީ ވޫހާންގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން އިވެކުއޭޓް ކުރުމަށް އިންޑިއާ ސަރުކާރުން ހަމަޖެއްސި ފްލައިޓެއް ކަމަށެވެ. އެ ހަތް ދިވެހިން ރާއްޖެ އަންނާނީ ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކުގައި ކަނޑައެޅިފައިވާ ފަދައިން، އިންޑިއާގެ ކަރަންޓީން ފެސިލިޓީއެއް ގައި ބައިތިއްބައިގެން މޮނީޓަރކުރުމަށްފަހުއެވެ. މި ހަތް ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ވަނީ މި ހަތް ދިވެހިން ވޫހާންއިން ބޭރަށް ގެންދިޔުމުގައި އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ޝުކުރުވެރިކަމާއި އެކު ފާހަގަ ކުރާ ކަމަށެވެ. އަދި މިފުރުސަތުގައި ޗައިނާ ސަރުކާރާއި، ހޫބޭ ޕްރޮވިންސް އަދި ވޫހާން ސިޓީއިން ދިން އެއްބާރުލުމަށާއި ވެދިން އެހީތެރިކަންވެސް ޝުކުރުވެރި ކަމާއި އެކު ފާހަގަ ކުރާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ޗައިނާގެ އެހެން ސިޓީތަކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފޮރިން މިނިސްޓްރީން ދަނީ ޗައިނާ ސަރުކާރާއި މަޝްވަރާކުރަމުންނެވެ. އަދި ޗައިނާ ސަރުކާރުންވަނީ ޗައިނާ ގައި ތިބި ހުރިހާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައެވެ.
ފޮރިން މިނިސްޓްރީން ވަނީ ޗައިނާގެ އެކި ހިސާބުތަކަށް ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި، ޗައިނާގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިން، އެފަރާތްތަކާއި ގުޅޭނެ މައުލޫމާތު ފޮރިން މިނިސްޓްރީން ނުވަތަ ބެއިޖިންގްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފައެވެ.
އޭގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް މިވައިރަސް ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމެއްގައި ނުވަތަ އެގައުމަކާ އެންމެ ކައިރި ހިސާބެއްގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންއެއްގައި ރަޖިސްޓްރީކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.







