ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެމްއޭސީއެލްގެ ހުރިހާ ޑިޕާޓްމަންޓެއް ހިމެނޭގޮތަށް ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.
އެމްއޭސީއެލް އިން ބުނީ، އެ ބައްދަލުވުމުގެ ބޭނުމަކީ ޕީކް ސީޒަންގެ އޮޕަރޭޝަންސްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި ޑިޕާޓްމަންޓްތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެ ކަންކަމަށް ހުށަހަޅާ ހައްލުތަކާއި މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދަން އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ވިންޓާ ނުވަތަ ޑިސެމްބަރުން ފެށިގެން އެޕްރީލްގެ ނިޔަލަށް ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ އަހަރަކު ވެސް ޒިޔާރަތްކުރެ އެވެ. މި ދުވަސްވަރަކީ ޓޫރިޒަމްގެ ޕީކް ސީޒަނެވެ.
އެމްއޭސީއެލްގެ ސީސީއޯ މުހައްމަދު މިހާދު ވިދާޅުވީ ހިދުމަތްތައް ރަނގަޅުކުރަން އެ ކުންފުނިން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ފިނި މޫސުމާއި އާ އަހަރުގެ ފެށުން ދިމާވާ ދުވަސްވަރަކީ އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ. އެގޮތުން މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް 7,558 ފްލައިޓް އޮޕަރޭޓް ކުރިއެވެ.
އެހެންކަމުން ކޮންމެ އަހަރެއްގެވެސް ޕީކް ސީޒަނަށް އެއާޕޯޓުގެ ހިދުމަތްތައް ދިނުމުގައި އަވަސް ކުރުމަށް އެމްއޭސީއެލް އިން ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.