އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުން ހުޅުވި އެ ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި، މިއަދު މެންދުރު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ބިލްޑިންގައި ބޭއްވި އެ ރަސްމިއްޔާތުގައި، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން އަދި އެ ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.
މި ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާ ފުޅި ރީފިލްކުރުމާއި ފުޅިތަކުގެ ހައިޑްރޯސްޓެޓިކް ޕްރެޝަރު ޓެސްޓް ކުރުމާއި ލީކޭޖް އިންސްޕެކްޝަން ހެދުން ހިމެނެ އެވެ. މި ސެންޓަރުން ޑްރައި ކެމިކަލް ޕައުޑަރ (ޑީސީޕީ) ކާބޮންޑައިއޮކްސައިޑް (ސީއޯޓު)، ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމާއި ސާވިސް ކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.
އެމްޕީއެލްއިން އަލިފާން ނިވާފުޅި ރީފިލްކުރުމުގެ ޚާއްސަ ސެންޓަރެއް ގާއިމުކުރުން - ފޮޓޯ: އެމްޕީއެލް
އަލިފާން ނިވާ ފުޅި ރީފިލް ކުރުމުގެ އިތުރުން، މި ސެންޓަރުން ސާވިސް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދާނެ އެވެ. އެގޮތުން ފުޅިތަކަށް ކުލަ ޖެހުމާއި، ލޭބަލް ކުރުމާއި، އީ ޓެގް ކުރުމާއި، ސޭފްޓީ ޕިން ހަރުކުރުމާއި، މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ފުޅިތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނައްތާލުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދާނެ އެވެ.
އަދި ސެލްފް ކޮންޓެއިންޑް ބްރީދިންގް އެޕަރޭޓަސް (އެސްސީބީއޭ) ގައި ބޭނުންކުރާ އެއާ ސިލިންޑަރުތައް ރިފިލިން ކުރުމާއި ޕްރެޝަރު ޓެސްޓުހެދުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން އިތުރަށް ބުނީ އެ ސެންޓަރުގެ މަސައްކަތް ކުރިއަށްގެންދާނީ ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގައި މި ވަގުތު ވެސް އަލިފާން ނިއްވުމުގެ ތަމްރީނު ލިބިފައިވާ ގާބިލް މުވައްޒަފުންތަކެއް އެބަތިއްބެވެ. އެ މުވައްޒަފުން ބޭނުންކޮށްގެން އެމްޕީއެލްއިން އަލިފާން ނިއްވުމުގެ ތަމްރީނުތައް ކުންފުނީ މުވައްޒަފުންނަށް އަދި އަމިއްލަ ފަރާތްތަކަށް ވެސް މިހާރު ކުރިއަށް ގެންދެ އެވެ.