
އެހެން ނަމަވެސް ދުފުމުގެ ސަބަބުން ތިމާގެ ސިއްހަތަށް ގެއްލުން ލިބެމުން އަންނަ ކަން އެއްފަހަރުވެސް ވިސްނާލިންތޯއެވެ؟ މިއީ އަނގަޔަށް މީރު ކޮށްލުމަށް ކުރާ ކަމަކަށް ވިނަމަވެސް މިކަމުގެ ސަބަބުން ތިމާގެ އަނގަޔަށް ލިބެމުން އަންނަނީ އިއާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުން ތަކެވެ.
ދިވެހި ރާއްޖޭގައި މީގެ ކުރިން ހެދި ދިރާސާއަކުން ދައްކާ ގޮތުން ރާއްޖޭގައި އެންމެ ގިނަ ކެންސަރުގެ ބާވަތަކީ އަނގަޔަށް ޖެހޭ ކެންސަރުގެ ބާވަތެވެ. މިއީ ދުފުމާއި، ދުފާއިރު އޭގެ ތެރެއަށް ދުންފަތް ލާގެން ދުފާ މީހުން ރާއްޖޭގައި ގިނަވުމުގެ އަލިގަދަ ހެއްކެކެވެ. ދުފުމުގެ ސަބަބުން އަނގައިގެ ހަންގަނޑު ބޯވެގެން ގޮސް އޭގެ މައްޗަށް ކުނި ޖެހި އެ ތަން ތަން ފާރުގަނޑަކަށް ބަދަލުވެގެން ދެއެވެ. އިސާހިތަކު މި ފާރުގަނޑުތައް ކެންސަރަށް ބަދަލުވެގެން ދަނީ ތިމާއަށް ކުރެވުނު ވިޔާ ނުދާ ކަމެއްގެ ސަބަބުންނެވެ.
އަނގައިގެ ކެންސަރުގެ ތެރޭގައި ހިމެނެނީ ތުންފަތާއި، ދުލާއި، ކޮލާއި، މަތީ ތައްޔާއި، ތިރީ ތައްޔާއި، އަދި ކަރުގެތެރޭގައި އުފެދޭ ކެންސަރުތަކެވެ. އަނގައިގެ ކެންސަރުތަކަކީ ކުރީކޮޅު ބަލި ނުހޯދި ދިގުލައިފިނަމަ ފުރާނައަށް ނުރައްކާވެދާނެ ބަޔެކެވެ.
ހުރިހާ އުމުރެއްގެ މީހުން ބޭނުން ކުރަމުން އަންނަ ފޯކަކީ ކުޑަ ވަގުތު ކޮޅެއްގެ ފައިދާއެއް ލިބޭ އެއްޗެއް ކަމަށްވީ ނަމަވެސް އެ ބޭނުންކުރާ ފަރާތްތަކަށް ފަހުން އެއިން ވާ ގެއްލުންތައް ބޮޑެވެ. ފޯއް ދުފާ ގިނަ މީހުންނަކީ “އޯރަލް” ކެންސަރުގެ ޝިކާރައަކަށްވާ މީހުންނެވެ.
ދުފުމުގެ ސަބަބުން ލިބޭ ގެއްލުންތައް ދިރާސާ ކުރުމަށް އިންޑިއާގައި 2017 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުން، ދުފުމުގެ ސަބަބުން އަނގައިގެ ތެރޭގައިވާ ޓިޝޫތަކުގެ ކުލަ ބަދަލުވެ އަނގައިގެ އެތެރެއާއި ތުންފަތް ބޯވެ، އަނގަ ތެރެ ދުޅަވެ، ގަނޑުލާގޮތް ވާކަން ވަނީ އެނގިފައެވެ. އަދި ކާ އެއްޗެހި ހެފުމާއި ދިރުވުމަށް އުދަގޫވުން އަދި ތުންފަތް ބޯވެ ކުރަކިވެ ހަލާކުވުމަށް ދުފުން މަގު ފަހިކޮށްދޭ ކަމަށްވަނީ އެނގިފައެވެ.
މީގެ އިތުރުން ދުފުމުގެ ސަބަބުން ތިމާގެ ގޮހޮރަށްވެސް އޭގެ ނުރައްކާ ކުރާކަމަށް ކަމާއި ގުޅޭ މާހިރުން ވަނީ ބުނެފައެވެ. ސަބަބަކީ ބައެއް ފަހަރު ދުފުމަށްފަހު އެ ހުރިހާ އެއްޗެއް ދިރުވާލުމުގެ އެތަކެތި ގޮހޮރުގައި ހަރުލާގޮތްވެ އޭގެ ސަބަބުން ގޮހޮރުގައި ފާރު އުފެދެން ފަށައެވެ. މީގެ އިތުރުން ދުފާއިރު ބޭނުން ކުރާ ހުންޏަކީ، ތޫނު އެއްޗެއް ކަމުން ތިމާގެ ކާނާ ހޮޅި ހަލާކު ވުމާއި، އަނގަތެރެ ފާރުވެ ގޮހޮރަށްވެސް އޭގެ އަސަރު ކުރެއެވެ.
އެހެން ކަމުން އަނގަޔަށް މީރު ކޮށްލަން ކުރާ ކަމަކުން ތިމާގެ މުޅި ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މިއީ އަދުގެ ދިވެހިންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ. މިއަދު ނުވި ރައްކަލެއް މާދަމައަކު ނުވެވޭނެއެވެ.