
ބުޅަލުގެ ފުށުން އިންސާނުންނަށް ބަލި ޖެހެން މެދުވެރި ވަނީ ބުޅަލުގެ ނަޖިހުގައި އެކުލެވޭ ޖަރާސީމުތަކުގެ ސަބަބުންނެވެ. އެގޮތުން ޖެހޭ ބަލިތަކުގެ ތެރެއިން ވެސް އިންސާނުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކެއް މެދުވެރި ކުރުވަނީ އެންމެ ދެ ބަލީގެ ސަބަބުންނެވެ. އެއީ ރޭބީޒް އަދި ޓޮކްސޯޕްލާޒްމޯސިސް އެވެ. ބުޅަލުގެ ނަޖިހަކީ ވަރަށް ގިނަ ގައިންގަޔަށް އަރާ ބަލިތަކުގެ މަސްދަރަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
ބުޅަލުގެ ސަބަބުން ޖެހޭ ބައެއް ބަލިތައް:
ދަދު:
ދަދަކީ ފަންގަސް ގެ ސަބަބުން ޖެހޭ ހަމުގެ ބައްޔެ ކެވެ. ހަމުގައި ނަގާ ދަދު އާންމުކޮށް ހުންނަނީ ވަށްބުރުގެ ބައްޓަމަށެވެ. ބުޅާ ފަދަ ޖަނަވާރުގެ ގައިގައި އަތްލައި ހެދުމުން އެފަދަ ޖަނަވާރުގެ ގައިން، އިންސާނުންގެ ގަޔަށް ދަދު ވާސީލުވުމަކީ ވެދާނެގޮތެކެވެ.
ކެމްޕައިލަބެކްޓީރިއޯސިސް:
ކެމްޕައިލަބެކްޓީރިއޯސިސް އަކީ ބޭރަށް ހިންގުމުގެ ވައްތަރެކެވެ. ބަލި ޖެހިފައިވާ ޖަނަވާރު ބުޅާގެ ބޮޑުކަމުދާ ނަޖިހުގައި ބީހި، އަތްލައި ހެދުމަކީ ކެމްޕައިލަބެކްޓީރިއޯސިސް ބަލި ޖެހިދާނެ ކަމެކެވެ. ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުން، މޭނުބައި ކުރުން، ހޮނޑުލުން، ބަނޑުގައި ރިހުން، އަދި ހުންއައުން ފަދަ ކަންތައްތައް ހިމެނެ އެވެ.
ސަލްމަނެލޯސިސް:
ސަލްމެނެލޯސިސް އަކީ ބުޅަލުގެ ސަބަބުން ފެތުރިދާނެ، ބެކްޓީރިޔާއެއްގެ ސަބަބުން ޖެހޭ ބައްޔެ ކެވެ. ބުޅަލާއި، މީދަލާއި، ހިކަނދި ފަދަ ދިރޭ ތަކެތީގެ ހަށިގަނޑުގައި ސެލްމަނެލޯސިސް ޖައްސާ ޖަރާސީމު ހުރެ އެވެ. އެގޮތުން ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމު ކާބޯތަކެއްޗާއި ތަޣައްޔަރުވެގެން ވެސް ސެލްމަނެލޯސިސް ޖެހިދާނެ އެވެ.
ޓޮކްސޯޕްލާޒްމޯސިސް:
ޓޮކްސޯޕްލާޒްމޯސިސް އަކީ ބުޅާ ފަދަ ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ޖަރާސީމަކުން (ޕެރަސައިޓް) ޖެހޭ ބައްޔެ ކެވެ. މިއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމަކަށް ވާތީ، މިޖަރާސީމް ބުޅަލުގެ ނަޖިހުގެ ޒަރީޢާއިން އިންސާނުންނަށާއި، އެހެނިހެން ޖަނަވާރުންނަށް ވާސިލްވާގޮތް މެދުވެރިވެ އެވެ.
ރޭބީޒް:
ރޭބީޒް އަކީ އާންމު ގޮތެއްގައި ވަލުކުއްތާ ފަދަ ޖަނަވާރުތައް ދަތް އެޅުމުން ޖެހޭ ނުރައްކާތެރި ބައްޔެ ކެވެ. ނަމަވެސް ރޭބީޒް ވައިރަސް ހުރި ބުޅަލެއް ދަތްއަޅައިފިނަމަ ބުޅާ ދަތްއަޅައިގެން ވެސް ރޭބީޒް ޖެހިދާނެ އެވެ. ރާއްޖޭގައި އާންމުކޮށް ކުއްތާ ނުގެންގުޅޭތީ، ރާއްޖެއިން މިބަލި ފެނިފައެއް ނުވެ އެވެ. އަދި މިއީ ވެކްސިން ދީގެން ދިފާއުވެވޭނެ ބައްޔެކެވެ.
ކެޓް ސްކްރެޗް ޑިޒީޒް:
ކެޓް ސްކްރެޗް ޑިޒީޒް އަކީ ބުޅަ ދަތްއަޅާ ނޫނީ ވަކިއަޅާ ތަނުގައި އުފެދޭ ބައްޔެ ކެވެ. މިއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ބުޅާ ދަތް އަޅާ ތަނުގައި ރަތްކުލައިގެ ފޮޅެއް ކަހަލަ އެއްޗެއް ނަގާނެ އެވެ. އޭގެ އިތުރުން ހުންއައުން، ބޮލުގައި ރިހުން، އަދި ގޮށްލުން ފަދަ އަލާމާތްތައް ފެނިދާނެ އެވެ.
ގިއާރޑިއޭސިސް އަދި ކްރިޕްޓޯސްޕޮރީޑިއޭސިސް:
ގިއާރޑިއާ، އަދި ކްރިޕްޓޯސްޕޮރީޑިއަމް ޖަރާސީމު ބުޅަލުގެ ހަށިގަނޑުގައި ހުންނާތީ، ބުޅަލުގައި އަތްލާ ހެދުމަކީ މިދެބަލި ވެސް ޖެހިދާނެ ކަމެކެވެ. އާންމު ގޮތެއްގައި މިބަލި ޖެހިގެނީ ވެސް ބުޅާ ފަދަ ޖަރާސީމު އުފުލާ ޖަނަވާރުތަކުގައި އެއްވެސް ކަހަލަ ހުރަހެއް ނެތި ބީހި އަތްލައި ހެދުމުން ނެވެ. ބޭރަށްހިންގުމާއި، ބަނޑުގައި ރިއްސުމަކީ އެންމެ އާންމުކޮށް މިބަލިތަކުގައި ފެންނާނެ އަލާމާތްތަކެވެ.