ads
އޭޑީކޭ ހޮސްޕިޓަލް--
އޭޑީކޭ ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތް މިއަދު މެދުކަނޑާލަނީ!
މިއަދު ހަވިރު 16:00 އިން ފެށިގެން އޭޑީކޭ ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތް ދިނުން މެދުކަނޑާލަން ނިންމާފައި ވާކަމަށް އެ ހޮސްޕިޓަލުން ބުނެފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ފުލް ސްކޭލް އެމަޖެންސީ އެކްސަޒައިޒް ގައި އެ ހޮސްޕިޓަލުންވެސް ބައިވެރިވުމަށް ހަމަޖެހިފައިވާތީ މިއަދު ހަވީރު 16:00 އިން ފެށިގެން އެ ހޮސްޕިޓަލުން ދެމުން އަންނަ އޯޕީޑީގެ ހިދުމަތް ހުއްޓާލަން ހަމަޖެހިފައި ވާކަމަށެވެ. 

މި ކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަފާލް އަހުމަދު ވިދާޅުވީ، މިއަދު ކުރިއަށްދާ ހަރަކާތުގައި އެ ހޮސްޕިޓަލުންވެސް ބައިވެރުވުމަށް ހަމަޖެހިފައި ވާތީ، ހަވީރު 16:00 އިން ފެށިގެން އޯޕީޑީގެ ހިދުމަތް މެދުކެނޑުނަސް ހޮސްޕިޓަލުން ދެމުން އަންނަ އެހެން ހިދުމަތްތައް ދެމުން ގެންދާނެ ކަމަށެވެ. 

އަދި މިއަދު ކުރިއަށްގެންދާ ހަރަކާތުގައި އޭޑީކޭގެ 100 އަށްވުރެ ގިނަ ސްޓާފުން ބައިވެރި ވާނެ ކަމަށާއި، މި ހަރަކާތް ނިމުނުހާ އަވަހަށް ހޮސްޕިޓަލުގެ އޯޕީޑީއިން އަލުން ހިދުމަތް ދޭން ފަށާނެ ކަމަށްވެސް އަފާލް ވިދާޅުވިއެވެ. 

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއާއި ގުޅިގެން ކުރިއަށްގެންދާ، ރާއްޖޭގެ އެވިއޭޝަން ދާއިރާގައި ބާއްވޭ އެންމެ ބޮޑު މި ހަރަކާތުގައި އެކިދާއިރާތަކުން 400 އަށް ވުރެގިނަ ފަރާތުން ބައިވެރިވާނެއެވެ. ކޮންމެ ދެ އަހަރަކުން އެއްފަހަރު ކުރިއަށް ގެންދާ މިހަރަކާތަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމް.ސީ.އޭ.އޭ) އާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) އިން ލާޒިމު ކުރާ ހަރަކާތެކެވެ. 

އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޮޕަރޭޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް)އިން އޭރޮޑްރޯމްގައި އެއާކްރާފްޓް އޮޕަރޭޓް ކުރުމުގައި އެމް.ސީ.އޭ.އޭ އަދި އައިކާއޯގެ މިންގަނޑުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރިކަން ކަށަވަރުކޮށް ދެނެގަތުން ލާޒިމުކުރެއެވެ. 

އެއާޕޯޓް ފުލްސްކޭލް އެމާޖެންސީ އެކްސަސައިޒްގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެމާޖެންސީ ޕްލޭން އަދި ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާސް އާއި، މިހަރަކާތުގައި ބައިވެރިވާ އެއަރލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓްކުރުމެވެ. 

މި ހަރަކާތާއި ގުޅިގެން ސިނަމާލޭ ބުރިޖުގެ ޓްރެފިކް ފްލޯއަށްވެސް ބަދަލު ގެނައުމަށް ފުލުހުން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް