މިދިޔަ އަހަރުގެ ޖޫން މަހުގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހުމުކުޑަ ގޮތަކަށް މަރާލުމަށްފަހު ފޮށްޓަކަށްލާފައި ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ދިމާ މޫދަށް އެއްލައިލައިފައި އޮއްވާ ފެނުނު މައްސަލައިގައި ދައުވާ ލިބޭ ކުއްޖާ ގޭބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.
ދައުލަތުން އެ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ކުއްޖާގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު ގޭބަންދުކުރަން އެންގުމުގެ ބާރު ފަނޑިޔާރަށް އޮތް ނަމަވެސް އެއީ އެއްވެސް ގައިދެއްނެތި އޮންނަ ބާރެއް ނޫން ކަމަށެވެ. ހަމައެހެންމެ ކުއްޖާ ބަންދުކުރާނެ ތަނެއް ކަނޑައަޅަންވާނީ ވަށައިގެންވާ ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށްފަހުކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.
ކުއްޖާ ގޭބަންދަށް ބަދަލުކުރުން ރަނގަޅުކަމަށް ފެބްރުއަރީ 24 ވަނަ ދުވަހު ހައިކޯޓުން ނިންމި އެއް ސަބަބަކީ ދައުވާ ލިބޭ ކުއްޖާއަކީ ކޯހެއްގައި ބައިވެރިވެގެން ކިޔަވާ ކުއްޖަކަށްވާތީއާއި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓްގެ މަސައްކަތްތަކަށް އެއްބާރުންލުން ދިނުމެވެ. ހައިކޯޓުން ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުދިން ބަންދުކުރެވޭ ކަމަށާއި, ގޭބަންދަކީ އެ ގާނުނުގެ ދަށުން ބަލައިގަނެވޭނެ ބަންދެއް ކަމަށެވެ. އަދި 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުރެވެނީ މީހެއްގެ މަރުގެ ތުހުމަތެއްވިޔަސް, އެ ކުއްޖާގެ ފަރާތުން މުޖުތަމައުއަށް ނުރައްކާވުމުގެ ފުރުސަތު އޮތަސް, ކުއްޖާގެ ހާލަތަށް ބެލުމަށްފަހު ގޭބަންދަށް ބަދަލުކުރުމަކަށް ގާނޫނު ހުރަހެއް ނާޅާ ކަމަށެވެ.
ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ ކުއްޖާ ގެއަށް ބަދަލުކުރަން ނިންމި ނިންމުން ރަނގަޅުކަމަށް ހައިކޯޓުން ނިންމީ އެފަދަ މައްސަލަތަކުގައި ބަލަންޖެހޭ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްނުކޮށް ކަމަށެވެ. އެހެންވެ އެ ނިންމުން ބާތިލްކުރާ ކަމަށާއި, ކުއްޖާ ގޭބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނެރުނު އަމުރުގެ މުއްދަތު މިހާރު ހަމަވެފައި އަދި ކުއްޖާ ގޭބަންދުކުރުމުގެ އިތުރު އަމުރުތަކެއް ނެރެފައިވާތީ ޖުވެނައިލް ކޯޓުގެ އަމުރު މިހާރު ބާތިލް ކުރެވެން ނެތް ކަމަށެވެ.
ކުއްޖާގެ މަރުގެ މައްސަލައިގައި 17 އަހަރުގެ ކުއްޖާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުުފުލާފައެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި, މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއާއި, ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ, ނ.ލަންދޫ/ބަގީޗާގޭ އުމުރުން 27 އަހަރުގެ އިބްރާހީމް ޒިހާނުގެ މައްޗަށެވެ. އޭނާގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާ އުފުލާފައިވެއެވެ.