މި އާޓިކަލުގައި މި ހިމަނާލަނީ ގެވެށި އަނިޔާގެ މަަންޒަރު ފެނި އޭގެން އަސަރު ކޮށްފައިވާ އުމުރުން އެންމެ ފަސް އަހަރުގެ ކުޑަ ކުއްޖެއްގެ ވާހަކައެެވެ. މިއީ ގެވެށި އަނިޔާގެ އަސަރު، ރާއްްޖޭގައި ވަކި ހިއްޕާލާފައިވާ މިންވަރު އަންގައިދޭ ހަގީގީ ހާދިސާއެކެވެ.
ކުއްޖާގެ އުމުރުން ހަތަރު އަހަރުގައި، ކުއްޖާގެ ބައްޕަގެ އަނިޔާ ތަކަށް ކެތް ނުވެގެން، އެ ބައްޕަ އާއި ވަރިވެ ކުއްޖާގެ މަންމަ އިތުރު ދިރިއުޅުމެއް ފަެށިއެވެ. ގެވެށި އަނިޔާ އިން ސަލާމަތް ވެވޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް މި ފަހަރުވެސް ދިމާވީ ހަމަ ކުރީ ދިރިއުޅުމުގައި ދިމާވި މައްސަލައެވެ. ފިރިމީހާގެ ފަރާތުން ފެންނަމުން ދިޔައީ ގެވެށި އަނިޔާގެ މަންޒަރު ތަކެވެ.
ފިރިމީހާ އެނާ ދެކެ އިންތިހާ އަށް ލޯބި ވެއެވެ. ބޭނުންހާ ކޮންމެ އެެއްޗެއް ހޯދައި ދެއެވެ. އެހެން ނަމަވެސް ޖެހޭ ކުޑަ ކުޑަ މައްސަލަ ތަކުގައި އަނބިމީހާގެ ގަޔަށް އަތް އިސް ކުރެއެވެ. ލޯބި ނުވާތީ އެއް ނޫނެވެ. އެއީވެސް ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ލޯބީގެ ވައްތަރެކެވެ. ކޮންމެ ފަހަރަކު ޒުވާބުކޮށް، އަނބިމީހާގެ ގަޔަށް އަތް އިސްކޮށް ހެދުމަށްފަހު، "ސޮރީ" އަކުން ނިންމާލާއިރު، ކައިރީގައި ކުޑަ ކުއްޖަކު ބަލަން ހުންނަ ކަމެއް މި ދެމެފިރިންނަކަށް ނުވިސްނުނެވެ.
އުމުރުން ފަސް އަހަރު ނަމަވެސް ކުއްޖާ ލައްކަ ވިސްނުމެއް ވިސްްނާނެ ތާއެވެ. އިރުއޮއްސަމުން އައި ގަޑިއެވެ. ކުއްޖާ ނިންދަވަން މަންމަ އުޅެމުން ދިޔައެވެ. އެވަގުތު ކުއްޖާ އޭނާގެ ސިކުޑީގައި ހަރުލާފައިވާ ވާހަކައެއް މަންމަ އާއި ހިއްސާ ކުރިއެވެ.
ފަސް އަހަރުގެ މި ކުޑަކުޑަ ދަރިފުޅުގެ މި ބޮޑު ޖުމްލަ އިވުމުން މަންމަ އަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. "ދަރިފުޅާ ތީ ކާކު ބުނި އެއްޗެއްތޯ" އަހާލެވުނީވެސް އެވަރު ކުއްޖަކަށް މީހަކު އެފަދަ ވާހަކައެއް ނުދައްކަނީސް ބުނަން ނޭނގޭނެއޭ، އެފަދަ ގޮތަކަށް ނުވިސްނާނެއޭ ހިތަށް އަރާފައެވެ.
އިތުރަށް ކިޔާނެ އެއްޗެއް ބުނާނެ އެއްޗެއް އެ މަންމަ އަކަށް ނޭގުނެވެ. ކުއްޖާގެ ދުލުން ބުނި ބަސް އެއީ "ހާދަ މަޖާ ވާހަކައެކޭ" މީހަކަށް ހީވެ ދާނެއެވެ. ނަމަވެސް އެއީ އެ މަންމަގެ ދިރި އުޅުމުން ފެންނަމުންދާ ހަގީގަތެެވެ. އެހެންކަމުން އެމަންމަގެ ލޮލުން ވަގުތުން ކަރުނަ ހިލުނެ އެވެ.
ވިސްނުނީ ދަރިފުޅައްޓަކާ ދިރި އުޅުމަށް ހެޔޮ ބަދަލު ގެނައުން ނޫން ގޮތެއް އެ މަންމަ އަށް ނެތް ކަމެވެ. ވާނީ ވެސް އެހެންތާ އެވެ. ކުއްޖާ އުފަންވީންސުރެ ކަންކަން އެގެން ފެށީންސުރެވެސް ކުއްޖާއަށް ފެނުނީ އެ މަންޒަރެވެ. އިވުނީ އެ އަޑުތަކެވެ. މަންމަ ގޯސް ވާހަކައެވެ. އަންހެނުންގެ ގޯސްވާހަކައެވެ. ގޯސްވީމައި މަންމަ އަށް އަދަބު ދެނީ ބައްޕައެވެ. ކުއްޖާއަށް ގަބޫލުކުރެވުނީ އެއީ ފިރިހެނަކަށް ވީމައި އޮންނަ ބާރެއް ކަމެވެ. ކޮންމެ ފިރިހެނަކުވެސް އަންހެންމީހާއަށް އަނިޔާ ކުރާނެ ކަމެވެ. އަދަބު ދޭނެ ކަމެވެ. ތަޅާނެ ކަމެވެ. އެހެންވީމާ ކުއްޖާ ބޮޑުވަމުން އައީ ހުރިހާ ފިރިހެނުންނަކީ ގޯސް ބައެއް ކަމުގެ އިހުސާސް ކުރެވިގެންނެވެ.
ފިރިހެނަކާއި އިދެއްޖެނަމަ އޭނާއަށްވެސް އެހެން ހަދާނެ ކަމަށް ކުއްޖާއަށް އޮތް ބިރާއި ހެދި އެހާ ގޯސް ބަޔަކާއި އިންނާކަށް އަންހެން ކުއްޖާ ބޭނުން ނުވީއެވެ. ދެން ކުއްޖާ ބޮޑުވެގެން ކައިވެންޏަކާއި މެދު ވިސްނާއިރު އޭނާ ފިރިހެނަކާއި އިންނަން ބޭނުންވެދާނެތޯއެެވެ؟ އެހެން ނުވެއްޖެނަމަ ދެން ކުއްޖާ ދާނެ ދިމާލަކީ ކޮބައިކަމާއި މެދުވެސް ވިސްނާލަން ޖެހެއެވެ. އެކަމަކު އޭރުން އެއީ ކުއްޖާގެ ކުށަކަށް ވާނީ ކިހިނެތްތޯއެވެ.
މިއީ ހަމަ އެކަނި އެންމެ އާއިލާއެއްގެ ވާހަކައެވެ. ނަމަވެސް މިފަދަ އެތައްް އާއިލާ އެއް ރާއްޖޭގައި ތިބޭނެކަން ގައިމެވެ. ކުއްޖާ ބޮޑުވެގެން އަންނަ މާހައުލަކީ ކުއްޖާ އެންމެ ގިނަ ކަންތައްތައް ދަސްކުރާ މާހައުލެވެ. އެ ކުއްޖާ މުޖުތަމައު ތެރެއަށް ނިކުމެ ދިރިއުމުގެ ވައްޓަފާޅި އަޅާނީ އެކަންކަމުގެ މައްޗަށެވެ.
އެއްކަލަ ކުައްޖާ ނިކުމެ ބުލީ ކޮށްފާނެއެވެ. އަންހެން ކުއްޖަކަށް އަނިޔާކޮށްފާނެއެވެ. ނޫނީ ފިރިހެނުން ދެކެ ފޫހިވެ، އެމީހުން ދިރިއުޅުމުގެ ހިއްސާއަކަށް ހަދަން ބޭނުން ނުވެ ދާނެއެވެ. ނޫނީ ނަފްސާނީ ގޮތުން ލިބިފައިވާ އަނިޔާތަކަށް ތަސައްލީއެއް ހޯދުމަށް ނުބައި މަގެއްވެސް އިހުތިޔާރުކޮށްފާނެއެވެ.
ދެން މުޖުތަމައު ބުލީ ކުރަނީ އެ ކުއްޖާ އެވެ. ގޯސް ކުރަނީވެސް އެކުއްޖާއެވެ. ނަމަވެސް އެއީ އެކުއްޖާ ބޮޑުވުމުން އައި ގޮތެެވެ. ދަސްވެފައި ހުރި ގޮތެވެ. ވީއިރު އެކަމުގައި ކުއްޖާގެ ކުށަކީ ކޮބައިހެއްޔެވެ؟
މިކަން ކަން ވިސްނައިގަންނަންވީ އެއްކަލަ ފުރާ ފުރިހަމަ ވެފައިވާ ބުއްދީގެ ނިއުމަތް މާތްﷲ ދެއްވާފައިވާ ދުނިޔޭގެ އާޖު ފާޖު، އެނގޭ މަންމައާއި ބައްޕައެވެ. އެއްވެސް މީހަކު ނިކަމެތި ކޮށްލުމުގެ ވިސްނުން އެއިންވެސް މީހެއްގެ ގައިގާ ހުރެގެން ނުވާނެެެއެވެ.
ދެމަފިރިންގެ ދެމެދުގައި ހިނގާ ހިތްހަމަ ނުޖެހުންތަކާއި ޒުވާބުތަކުގައި ދަރިފުޅު ބައިވެރި ނުކުރާށެވެ. އެތަން ފެނުނަ ނުދޭ ށެވެ. ކިތަންމެ ރުޅިއަޔަސް ކުއްޖާގެ ކުރިމަތީގައިވެސް އަދި ބަންދު ކޮޓަރީގައި ވިޔަސް އެކަކު އަނެކަކު އަތް އިސް ކުރުމަކީ އޮތް ހައްގެއްވެސް ނޫނެވެ.