ޒަމާނުންސުރެ ދިވެހިންގެ މެދުގައި އިނގުރު ބޭނުންކޮށް އުޅުނީ ކާބޯތަކެތި ތައްޔާރުކޮށް ބޭސްފަރުވާއަށް ނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި އިނގުރުން ލިބޭ ފައިދާތައް ވަރަށް ގިނަ އެވެ. ސިއްހަތަށް އިނގުރަކީ ބޮޑު ފަރުވާ އެކެވެ.
ލޭ ދައުރުކުރާ ނިޒާމަށް އިނގުރު
އިނގުރު ބޭނުން ކުރުމުން ހަށިގަނޑުގެ ލޭ ހިނގުން ރަނގަޅު ކޮށްދެ އެވެ. ލޭ އޮލަވިޔަ ނުދީ ހިފަހައްޓަ އެވެ. ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެ އެވެ. ލޭ ސާފު ކުރުމާއި ގަނޑުވުމުން ރައްކާތެރި ކުރުމަށް އެހީތެރިވެދެ އެވެ. ލޭމައްޗަށް ދާ މީހުންގެ ލޭގެ ޕްރެޝަރު ހަމައަކަށް އެޅުވުމަށް އެހީތެރިވެދެ އެވެ.
ބަރުދަން ލުއިކުރުމަށް
ބަރުދަން ލުއި ކުރުމަށް ބޭނުން ކަމަށް ވަނީ ނަމަ ލުނބޯ ޖޫސް ތައްޓެއްގެ ތެރެއަށް، ގާނާފައި ހުރި އިނގުރު އަދި ލޮނުކޮޅެއް އެއްކޮށް ލުމަށް ފަހު ކެއުމުގެ ކުރިން މި ޖޫސް ބުއިމަށް އާދަ ކުރުމުން ހައިރާން ކުރުވަނިވިހާ އަވަހަށް ހަށިގަނޑުގެ ބަރުދަން ލުއިވެގެން ދާތަން ފެންނާނެ އެވެ.
ޕީރިއަޑް ދުވަސްވަރު
ޕިރިއަޑް ދުވަސްވަރާ ގުޅިގެން އަކުނިވަޔަށް ދެމުމާއި ތަދުވުން އަދި ހުން އައުން ފަދަ ކަންތައްތައް ގިނަ ފަހަރު ދިމާވަނީ ޕްރޮސްޓަ ގްލޭންޑިން އޭ ކިޔުނު ހޯމޯން އަކުންނެވެ. ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި ޕީރިއަޑް ދުވަސްވަރު އަކުނިވަޔަށް ދެމުން އިތުރުވުމަށް ޕްރޮސްޓަ ގްލޭންޑިން މުހިއްމު ރޯލެއް ކުޅެއެވެ.
ހަޖަމް ކުރުމުގެ ނިޒާމް ރަނގަޅުކޮށްދޭ
އިނގުރު ބޭނުން ކުރުމުން ގޮހޮރު ސާފުކޮށްދީ ވައިގެ އުނދަގުލުން ސަލާމަތްކޮށްދެ އެވެ. ހަޖަމް ކުރުމުގައި ދިމާވާ އުނދަގޫތައް ދުރުކޮށް މޭނުބައި ކުރުމާއި ހޮޑުލުމުން ދުރުކޮށްދެ އެވެ. މީގެ އިތުރަށް ހަޖަމު ކުރުމަށްޓަކައި އުފައްދާ ޑައިޖެސްޓިވް ޖޫސް އުފެއްދުމުގައި އެހީތެރިވެދެ އެވެ.
އަރިދަފުސް ރޯގާއަށް ހައްލެއް
އަރިދަފުސް ރޯގާއިން ސަލާމަތް ވުމަށް ވެސް އިނގުރަކީ މުހިއްމު އެއްޗެކެވެ. އެގޮތުން އިނގުރު ސަޔަކީ އެންމެންނަށް ކަމު ހިނގައިދާނެ އެއްޗަކަށް ނުވެދާނެ އެވެ. އިނގުރު ސައި ކަމުނުދާ ކަމުގައިވަނީ ނަމަ ކުޑަ އިނގުރުކޮލެއް (އިންޗިއެއް ވަރު ފޮއްޗެއް) އަނގަޔަށް ލައިގެން މަޑުމަޑުން ހެފުލުން ނިކުންނަ “ޖޫސް ފޮދު” ބޯލާށެވެ. އިސާހިތަކު ކަރަށް ލުއި ލިބޭނެ ކަމަށާއި އަރިދަފުސް ރޯގާއަށް މިއީ ރަނގަޅު ހައްލެއް ކަމުގައި މިކަން ތަޖުރިބާ ކޮށްފައިވާ މީހުން ބުނެ އެވެ.