
ރައީސް އޮފީހުން ބުނީ، މިދަތުރުފުޅުގައި، ފުވައްމުލައް ސިޓީއާ އައްޑޫސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމާއި، އެ ދެ ސިޓީގައި ކުރިޔަށްދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ބައްލަވާލެއްވުމުގެ އިތުރުން ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހުގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ މި ދެ ސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި، ރައްޔިތުންނާއި ބައްދަލުކުރެއްވުމާ އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވާފައިވާގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުން ކަމަށެވެ.
ރައީސްގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާއިރު، ނައިބްރައީސް ފައިސަލް ނަސީމް ވަނީ މިއަދު ދެ ދުވަހުގެ ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައެވެ.