ads
އައްޑޫ ސިޓީ ސްކެއާ --
އައްޑޫ ސިޓީ ރައްޔިތުންގެ ދުލުން: ހަގީގީ މަންޒަރު ދެކެން އާދައިގެ ދުވަހެއްގައި ވަޑައިގަނޭ!
އައްްޑޫ ސިޓީއަށް އިއްޔެ އަކީ ބޮޑު ދުވަހެކެވެ. މި ސަރުކާރާއި އެމްޑީޕީ ސަރުކާރުން ހަވާލުވުމުގެ ކުރިންނާއި، ހަވާލުވުމަށްފަހު ރައީސުލްޖުމްހުރިއްޔާގެ ހައިސިއްޔަތުން އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެން ބައެއް ވައުދުތައް ފުއްދަވާދެއްވާ ހަވާލުކޮށްދެއްވާ ޕދުވަހެެވެ. އަނެއްބައި ކަންކަން ފައްޓަވާދެއްވާނެވެ. އިތުރު އާ ވައުދުކެއް ވެވަޑައިގަންނަވާނެ އެވެ. ނުުފުދި ހުރި ވައުދުތަކަށް އާ ތާރީހުތަކެއް ދެއްވާނެއެވެ.
Advertisement

ރައީސްގެ ރަސްމީ މި ދަތުރުފުޅަށްޓަކައި މުޅި އައްޑޫ ސިޓީ ވަނީ ޒީނަތްތެރިކޮށްފައެވެ. ނަމަވެސް ރައްޔިތުންގެ ނަޒަރުން ރައްޔިތުންގެ އަސްލު އިހުސާސްތަކުގެ ވާހަކަ މިއީ ނުދައްކާ ވާހަކާގައި ހިމެނޭ ވާހަކަތަކެކެވެ. މި އާޓިކަލުގައި އަނެއްކާވެސް ރައީސުލްޖުމްހުރިއްޔާ ވަޑައިގެން ވާ އިތުރު މިލިއަން ވައުދުތަކުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. 

ބަދަލުގައި ރައްޔިތުމީހާގެ އިހުސާސްތަކާއި ބެހޭގޮތުން އެ ސިޓީގެ ދެތިން ރައްޔިތަކާއި ސުވާލުކޮށްލީމެވެ. އެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އައްޑޫ ސިޓީއަކީ މި ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ތަރައްގީ ކުރަމުން އަންނަ ސިޓީއަކަށްވާއިރު، ރައީސް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ރަށުގެ ހަގީގީ ހާލަތު ފޮރުވައި "ވަގުތީ މަރާމާތުކޮށް، މޫނުމަތި ރީތިކޮށް، އެމަނިކުފާނަށް ހަގީގީ މަންޒަރު އޮޅުވާލާ” އޮޅުވާލުމާއި މެދުއެވެ.

އައްޑޫ ސިޓީގައި ދިރިއުޅެމުންދާ ޒުވާނަކު "ސީއެންއެމް" އާއި ވާހަކަދައްކަމުން ބުނިގޮތުން، މި ސަރުކާރަށް ހަތަރު އަހަރު ފުރެމުންދާއިރު އެ ސިޓީ ތަރައްގީވަމުންދާ ދުވެލި ބާރެއް ނޫނެވެ. އަނބުރާ އެ ސިޓީ އެ ދަނީ އެތައް އަހަރެއް ފަހަތަށެވެ. 

އައްޑޫ ސިޓީގައި ދިރިއުޅެމުން އަންނަ އިތުރު ޒުވާނަކު ބުނިގޮތުން، އެ ރަށުގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދިފައި ނެތެވެ. ސްކޫލްތައްވެސް ހުރީ ރަނގަޅު ފެންވަރެއްގައި ނޫނެވެ.

"ރައީސް ވަޑައިގަންނަވާތީ މޫނުމަތި ރީތި ކުރުމަށް ސްކޫލްތަކުގައި ހަލާކުވެފައި ހުރި ތަންތަން ފޮރުވުމަށް ކުލަ ލައި އަވަސް ހައްލުތަކެއް ގެނެސްފައިވާއިރު، އެ ސްކޫލްތަކުގައި ކުދިން ކިޔަވަން ރަނގަޅު ޖާގައެއް ނެތް. ބައެއް މަގުތަކަށް ކުދި މަރާތު ގެނެސް ވަގުތީ ހައްލު ހޯދައި، މިއަދަށް ހާއްސަކޮށް މަގުތައް ވަނީ ރީތިކޮށްފައި. އަޅުގަނޑުމެން ހިމާޔަތްކުރަން އެކަށީގެންވާ ވަރަށް ފުލުހުންނާއި، ސިފައިން ނެތް އިރު ދުރާލައި ރައީސް ވަޑައިގަންނަވާތީ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ފުލުހުންވެސް ގެނައީ. ރައީސްއަށް މިއަދު ތި ފެންނަނީ ދައްކުވައިދޭ މަންޒަރެއް. އެއީ ހަގީގަތެއް ނޫން" އޭނާ ބުންޏެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނުލިބުން!

ސީންއެމްއާއި ވާހަކަދެއްކި އިތުރު ޒުވާނަކުވެސް ބުނިގޮތުގައި، ކިޔަވައިގެން ތިބި ހުނަރުވެރި ގިނަ ޒުވާނުންތަކެއް އައްޑޫ ސިޓީގައި ތިބި ނަމަވެސް، އެ ޒުވާނުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށުން ވަޒީފާ ލިބުން ދަތިވުމެވެ. 

އޭނާ ކިޔައިދިން ގޮތުން ވަޒީފާ ނުލިބުމުގެ ސަބަބުން ގިނަ ޒުވާނުން މަގު އޮޅި، މަސްތުވާތަކެތި ބޭނުންކޮށް، ދަނީ ވައްކަން ވެސް ކުރަމުންނެވެ. ނަތީޖާއަކަށް ވަނީ އެކަމުގެ ހިތާމަ ނިކަމެތި އައްޑޫ އާއިލާތައް ތަހަންމަލު ކުރަން ޖެހުމެވެ. އަދި ޒުވާން ޖީލު ހަލާކުގެ ތެރެއަށް ވެއްޓި، އައިލާތަކުގެ ތެރޭގައިވެސް މައްސަލަތައް ދިމާވަމުން އައުން ފެށެނީވެސް އެހިސާބުން ކަމަށް އޭނާ ބުންޏެވެ. 

"އައްޑޫގައި އެބައުޅޭ ވަންނާނެ ތަނެއް ނެތިގެން އާއިލާތަކާއެކު އުޅޭ މީހުންވެސް. އެމީހުންގެ އަމިއްލަ ބިންތައް ހުރި ނަމަވެސް، އެ ބިން ހެދަން ފައިސާ ނެތް މީހުންވެސް މަދެއް ނޫން. ބައެއް އާއިލާތައް އެކުގައި އުޅެން ބޭނުންނުވާއިރު، އެއްކޮށް އުޅުން ވަނީ މަޖުބޫރުވެފައި" އައްޑޫގައި ދިރިއުޅެމުން އަންނަ އެ ޒުވާނާ ބުންޏެވެ.

އޭނާގެ މިވާހަކަތައް އިވުމުން ހަނދާނަށް އައީ ހަމަ ދާދި މިދާކަަށް ދުވަހަކު އައްޑޫގައި ފިހާރަކަށް މޫނު ނިވާކޮށްގެން ހުރި މީހަކު ވަދެ ވަޅިން ބިރުދައްކައި ފޭރުނު ހާދިސާއެވެ. އޭނާގެ އަމަލުތައް ހުރިގޮތުން އޭނާ އެތަނަށް ވަނީ މީހަކަށް އަނިޔާކުރުމުގެ ނިޔަތުގައި ނޫންކަން ސާފުވެއެވެ. އޭނާ ބޭނުންވީ ހަމައެކަނި އެ ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާތަކެވެ.

ކޮވިޑާއި ގުޅިގެން މިފަދަ މަންޒަރުތައް ވަރަށް ގިނައިން މާލެ ސަރަހައްދުންވެސް ފެނުނެވެ. ޒުވާނުން ކުނި ކޮތަޅުތައް ހާވާ ކައި އުޅޭތަން އަދިވެސް މަގުމަތިން އެބަފެނެއެވެ. ވައްކަން ކުރާނެ ގޮތެއް ނުފެނިއްޖެނަމަ އެ ކޮތަޅުތަކުގައި ހުންނަ އެއްޗެހި ނަގައިގެން ވިއްކާ މީހުންވެސް އެބައުޅެއެވެ.

ރަަށުގައި އުޅެން ބޭނުން ނުވަނީ އެއް ނޫނެވެ. އެ ފުރުސަތު ނެތީއެވެ!

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި މާލީ ދަތިތަކާއިއެކު އަމިއްލަ ރަށަށް ދިރިއުޅެން ބަދަލުކުރުމުގެ ގަސްތުގައި، އެ ތަނަށް ގޮސް މާޔޫސްކަމާއިއެކު ކަރު އެލުވާލައިގެން އައި ޒުވާނަކާއިވެސް ހަމަ މިމައުލޫގައި ވާހަކަ ދައްކާލީމެވެ. 

މިހާރު މާލޭގައި ދިރިއުޅެމުން އަންނަ މި ޒުވާނާ ބުނީ، ކޮވިޑުގައި ރަށަށް ގޮސް ވަޒީފާއެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުނުވުމުން އަމިއްލަ މަސައްކަތެއް ކުރުމަށްވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަންވެސް ކާމިޔާބެއް ނުވި އެވެ. 

"ރަށުގައި ދިރިއުޅެން ދިޔައީ އަމިއްލަ ވަޒަން ކަމަށްވުމުން ވަރަށް އުންމީދާއެކު. ނަމަވެސް އާމްދަނީއެއް ހޯދޭނެ އެއްވެސް މަގެއް ނެތި. އެންމެފަހުން ގޭތެރޭގައި މައްސަލަތައް ދިމާވާން ފެށީ. އެއާއެކު ހިތާ ދެކޮޅަށް މާލެއިން ވަޒީފާ ހޯދައިގެން އަނބުރާ އަންނަން މި ޖެހުނީ" ސީއެންއެމްއަށް މައުލޫމާތު ދިން ޒުވާނަކު ބުނިއެވެ.

މިފަދަ ކިތަންމެ ޒުވާނަކާއިވެސް، ކިތަންމެ ރައްޔިތަކާއިވެސް މިމައުލޫގައި ވާހަކަދެއްކިދާނެވެ. ނަމަވެސް ނިކުންނާނީ ހަމަ އެއް ޖަވާބެކެވެ. ތަކުރާރު ކުރާނީ އެއް ޝަކުވާ އެކެެވެ.

މީހުން ބުނާތީ އަހަމެވެ. "ކަލޭ ހަމަ ރަށުގައި އުޅެން ބޭނުންނުވަނީއެވެ. ބޭނުންވަނީ މާލޭގައި އުޅޭށެވެ. އެއްޗެއް އަތުގައި ނެތަސް އެހެންވެއް ނޫންހެއްޔެވެ. ލިބޭ ހުރިހާ އެއްޗެއް ކުއްޔަށް ދީގެން ވިޔަސް، ކިތަންމެ ދަތިވިޔަސް އުޅެން ބޭނުންވަނީ މާލޭގަ ވިއްޔާއެވެ." 

ނަމަވެސް ހަމަ އެބުނާ ހެން ހެއްޔެވެ. ވަރަށް ގިނަ ރަށްރަށުގެ މީހުންނާއި ބައްދަލުވެ، ވާހަކަ ދެއްކެ ވެއެވެ. ނަމަވެސް ހަމަ ކޮންމެ މީހަކުވެސް ބުނަނީ އިތުރު ގޮތެއް ނެތީ ކަމަށެވެ. އެކަށީގެންވާ ވަރަށް ބައިވަރު ސަބަބުތައް ވެސް ދައްކައެވެ. 

ހަގީގަތުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ގިނަ ރައްޔިތުން ވެސް އެ ސިޓީން ވަޒީފާ ލިބުމުގެ ދަތިކަމުން ވަޒީފާ އަދަކުރަމުން އަންނަނީ މާލެ ސިޓީގެ އިތުރުން ރިސޯޓުތަކުގައެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ބޭނުންވަނީ ރަށުން ވަޒީފާ ހޯދައިގެން ނުވަތަ ރަށުގައި ވިޔަފާރިކޮށްގެން ދިރިއުޅެން ބޭނުންވާ މީހުންކަންވެސް ފާހަގަކުރެވެއެވެ.

އައްޑޫ ސިޓީގެ މޭޔަރު ނިޒާރުގެ ބަސް: ވަޒީފާތައް ހުންނާނެ!

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫގައި ވަޒީފާގެ ފުރުސަތު ކުރިޔާ ހިލާފަށް މިހާރު ލިބެން ހުންނާނެ ކަމަށެވެ. ނަމަވެސް އެ ވަޒީފާތަކަށް މީހުން ނުލިބެނީ ކަމަށެވެ. މިސާލެެއްގެ ގޮތުގައި ނެންގެވީ، ދާދި ފަހުން ފެނަކައިންވެސް ވަޒީފާތަކަށް އިއުލާންކުރުމުން އެ ވަޒީފާތަކަށް ބޭނުންވާ ވަރަށް މީހުން ނުލިބުމެވެ. 

ނަމަވެސް ހަމަ އެ ނޭވާގައި އިތުރު ވާހަކަފުޅެއްވެސް ވިދާޅުވިއެވެ. އެއީ އައްޑޫގައި ހުންނަ އޮފީސްތަކުން ވަޒީފާތަކަށް ހުޅުވާލުމާއެކު ވަރަށް ބާރުބޮޑުކޮށްދާ ވާހަކައެވެ. އެ ސިޓީގެ ދެ ރިސޯޓެއް ބަންދުކޮށްފައި ހުރުމުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވަޒީފާ ގެއްލުނު ނަމަވެސް އެ ރިސޯޓުތައް ހުޅުވުމާއެކު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"ކުރިޔާ ހިލާފަށް އައްޑޫގައި މިހާރު ވަޒީފާތައް ވަނީ އިތުރުކުރެވިފައި. ޑިވެލޮޕްމަންޓަށް ހިންގާ ޕްރޮޖެކްތަކާއެކު ގިނަ ވަޒީފާތައް ކުރިޔަށް އޮތް ތަނުގައި ދާނީވެސް އިތުރުވަމުން" އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވިއެވެ.

މިދައްކާ ވާހަކައެއް އެބަ ދިމާވޭ ހެއްޔެވެ. މާނައަކީ ރަށްރަށުގައި އެ އުޅޭ މެޖޯރަޓީ ރައްޔިތުން އެ ހަދަނީ ދޮގޭ ހެއްޔެވެ؟. ވާހަކަތައް ބާއްވާށެވެ. ފެންނަ މަންޒަރަށް ބަލަން ހިގާށެވެ. 

މި އާޓިކަލަށް ވާހަކަ ދެއްކި ގިނަ ރައްޔިތުން ބުނިހެން ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ބަލައިލިޔަސް ފެންނަނީ އެއް މަންޒަރެެކެވެ. އާދައިގެ ދުވަހެއްގައި އެއިން ރަށަކަށް ދާ ކޮންމެ އާއްމު ރައްޔިތަކަށް ފެންނަނީ، ވަރަށް އާދައިގެ ދިރިއުޅުމެއްގައި އުޅޭ މަންޒަރެވެ. ބައެއް މީހުން ވަރަށް ފުދިގެންނެވެ. އަނެއްބައި މީހުން ވަރަށް ނިކަމެތި ކޮށެވެ. ރަށަށް އަރާއިރު ބަނދަރެއް އޮންނަ ރަށްރަށާއި، ނޯންނަ ރަށްރަށެެވެ. ބަނދަރެއް އޮތިއްޔާ ވަރަށް ފަސޭހައެވެ. ނެތް ރަށްރަށަށް އަރަންޔާ އުޅެންޖެހެނީ ވަރަށް ހާލުގައެވެ.

ރަށަށް އަރާއިގެން ހިނގާފައި ދާއިރު ތާރު އަޅާފައި އޮންނަ ރަށްރަށާއި، ނާރާ ރަށްރަށް ފެނެއެެވެ. ތާރުތައް ގިނަ ދުވަސްވެގެން ހަލާކުވެފައި ހުންނަ މަންޒަރުވެސް ދެކެމެވެ. ތާރު ނެތިއްޔާ ވެލި މަގުތަކުގެ އަޑިގުޑަން ނެތް ރަށެއް ހަމަ ވަރަށް މަދުވާނެއެވެ. 

ނަމަވެސް މި އާޓިކަލަށް ވާހަކަދެއްކި ރައްޔިތުން ބުނިހެން ރައީސް ވަޑައިގަންނަވާއިރު، މި ހަޑި، އުނދަގޫ މަންޒަރު ގިނަ ރަށްރަށުން ފެނަން އޮވޭ ބާއެވެ؟ 

ރައީސްގެ ލޯންޗުކޮޅަށް މަރުހަބާ ކިޔަނީ ރަތްދޫލައިންނެވެ. އެހެންކަމުން އެއްކަލަ ފާލަމުގައި ނޫނީ ބަނދަރުގައި ހުރި ހަޑިކަން، ހަލާކުވެފައި ހުންނަ ބާގަނޑުތައް އޮންނަނީ ދޫލައިގެ ދަށުގައެވެ. އެހެންކަމުން ރައީސްގެ ލޮލަށް ފެނިވަޑައި ނުގަނެދާނެ އެވެ. 

ރައްޔިތުން ކޮންމެ ދުވަަހަކު ދަތުރުކޮށް ހިނގާބިގާވެ އުޅޭ އަޑިގުޑަންތައް ބޮޑު މަގުތައް ރައީސް އަށްޓަކައި އެދުވަހު އޮންނަނީ އާ ފަސް އަޅާ އެއްވަރުކޮށްލާފައެވެ. އެހެންކަމުން ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާ ރައީސްއަށް އަޑިގުޑަން ބޮޑު މަގުމަތީގެ އުނދަގޫ އިހުސާސް ނުުކުރެވިދާނެ އެވެ. 

ރަށުގައި ހުރި ސްކޫލުތަކާއި އޮފީސް އިދާރާތަކަށް ދާންދެން ކުލަލާ ޒީނަތްތެރިކޮށްލައެވެ. "ޕާފެކްޓް ސްކޫލް، ޕާފެކް ވިއު ނުވަތަ ޕްރެޒިޑެންޓް ވޯތީ" ކޮށްލުމަށެވެ.

ވައްކަމާއި ފޭރުން އާއްމުކަމުން ގަސްބުޑެއް ހާއި ހިސާބުވެސް ގޭ ކައިރީ ނުވަތަ ވަށާ ފޫޓު އެތެރޭވެސް ބައިންދާ ނުލެވޭ ރަށް ރަށަށް، ރައީސް ވަޑައިގަންނަވާ ދުވަހު ކޮންމެ މަގެއްގައި ނުވަތަ ރައީސްގެ ދެކޮޅުން ފުލުހުންނާއި، ސިފައިން ތިބެނީ ގާޑުކޮށްގެންނެވެ. އެ ރަށުގައި ކުށް އޮތް މިންވަރު ރައީސްގެ ލޮލަށް ފެނިވަޑައިގަންނަވާނީ ކިހިނެތްތޯ އެވެ؟

ރައީސްގެ ފަސް ދުވަހުގެ ނުވަތަ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަށްޓަކައި ރަށުގެ މޫނުމަތީ އަޅާލަނީ ރަތް ދޫލައެކެވެ. އެހެންކަމުން ހަގީގީ މަންޒަރެއް ރައީސް އަކަށް ހަގީގަތުގައި ނުފެނެއެވެ. 

ނަމަވެސް އިއްޔެ އައްޑޫ އަށް ރައީސް ވަޑައިގެންނެވިއިރު، އެ ސިޓީގެ ރައްޔިތުން އެެދެނީ އެ މަންޒަރު ރައީސް އަށް ފެނުމަށެވެ. އެ ރައްޔިތުން އެދެނީ އަހަރަކުން އެއް ފަހަރު ރަސްމީ ދަތުރުފުޅެއްގައި އެރަށަށް ރައީސް ވަޑައިގަތުމަކަށް ނޫނެވެ. 

އެ ރައްޔިތުން ދައުވަތު އަރުވަނީ "އާދައިގެ ދުވަހެއްގައި، އާދައިގެ ރައްޔިތެއް އުޅޭ ދިރިއުޅުން ބަލައިލާން" ރައީސް ވަޑައިގަތުމަށެވެ.
57%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް