ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ 19 މާރުކޭޓް ގޮޅި ހިޔާ ފުލެޓް ލިބިފައިވާ ފަރާތްތަކަށް ކުއްޔަށް ދިނުމަށް ނިންމާ އެކަން އެޗްޑީސީއިން އިއުލާން ކުރީ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ.
އެޗްޑީސީއިން ދޫކުރުމާ މި މާރުކޭޓް ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި މަހު ކުލީގެ ގޮތުގައި މަހަކު 2000 ރުފިޔާ މި ގޮޅިތަކުން ނަގާއިރު، ގޮޅިތައް ލިބޭ ފަރާތްތައް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭޏެ ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.
މިއަދު ހެނދުނު 09:00 އިން ފެށިގެން 11:00 އާއި ހަމައަށް ހުރަވީ ސުކޫލްގެ ހޯލުގައި ފޯމު ބަލައިގަތުން އެ ކޯޕަރޭޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
"ސީއެންއެމް" އަށް މައުލޫމާތު ދިން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، މިއަދު ހެނދުނު 09:00 އިން ފެށިގެން ފޯމު ބަލައިގަތުން ކުރިއަށް ދިޔަ ކަމަށާއި، ފޯމުތައް ބަލައި ގަންނަމުން ދިޔައީ ފޯމަކަށް ޓޯކަން ނަންބަރެއް ދޫކުރާ އުސޫލުން ކަމަށެވެ. އަދި ގިނަ ބަޔަކު ފޯމުތައް ހުށައަޅާފައި ވާކަމަށްވެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، މި 19 ގޮޅިއަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި ނަގާ ގުރު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން ކަމަށާއި، 19 ފަރާތެއްގެ އިތުރުން ވެއިޓް ލިސްޓުގެ ގޮތުގައި ފަސް ފަރާތެއް ގުރުއަތުން ނަގާނެ ކަމަށެވެ.
އަދި ގުރުއަތުނެގުން ކުރިއަށްގެންދާ ވަގުތު ގުރުއަތުން ހޮވޭ ފަރާތްތަކުގެ ނަންތައް އިއުލާން ކޮށް ނިމުމުން ހޯލުގައި ފައިސާ ބަލައިގަތުން ކުރިއަށް ގެންދާނެ ކަމަށާއި، ހަމަޖެހިފައިވާ ގޮތަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ނަގާ 1500 ރުފިޔާ ވަގުތުން ދައްކަން ޖެހޭނެ ކަމަށެވެ. އަދު ގުރުއަތުނެގުމަށްފަހު ދެ ދުވަސްތެރޭ ގުރުއަތުން ހޮވުނު ފަރާތްތަކާއި އެކު އެޗްޑީސީއިން އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވީ، އެއްބަސްވުމުގައި ސޮއި ކުރާތާ ހަތް ދުވަސްތެރޭ ގޮޅިތަކުން ހިދުމަތްދޭން ފަށަން ޖެހޭނެ ކަމަށާއި، ހަތް ދުވަސްތެރޭ ހިދުމަތް ދޭން ނުފަށައިފިނަމަ އެއްބަސްވުން ބާތިލް ކުރެވޭނެ ކަމަށެވެ.