
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި, އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފުވައްމުލައް ސިޓީއާއި, އައްޑޫ ސިޓީއަށް ފުރާވަޑައިގަތީ މި މަހުގެ 25 ގައެވެ. މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް ރައީސްގެ ދެކަނބަލުންގެ ފަރާތުން ވަނީ މާހެފުމެއް ދެއްވާފައެވެ. ހަމައެހެންމެ އެ ދެ މާހެފުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދެ ސިޓީގެ ތަރައްގީއަށް ރޭވިފައި ހުރި އަދި މިހާރު ކުރިއަށްދާ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން އެ ދެ ސިޓީގެ ސިޓީ ކައުންސިލާއި, އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި, ބައްދަލުކުރައްވައި, އެ ދެ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާއި އަދި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ދަތުރުފުޅުގައި ހިނގި މުހިންމު ބައެއް ކަންކަން:
އިންޑިޔާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ތަރައްގީ ކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވި.
އައްޑޫސިޓީ މަރަދޫ ބަނދަރާއި މަރަދޫފޭދޫ ބަނދަރުގެ އިތުރުން މީދޫ ބަނދަރު ރަސްމީ ގޮތުން ހުޅުވައިދެއްވި.
އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވި.
އައްޑޫ ސިޓީއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި.
ރައީސް ސޯލިހު ކުރެއްވި ހަތަރު ދުވަހުގެ މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ.