ads
ފުލުހުންގެ ދުވަހު ދިދަ ނެގުން -- ފޮޓޯ؛ ޕޮލިސް
ކޮންމެ ސަރުކާރެއްގައިވެސް ފުލުހުން ހަދަނީ "ޕަޕެޓުންނަށް"!
ފުލުހުންނަކީ އަދުލު އިންސާފު ގާއިމް ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރާ އެއްބައެވެ. ހިނގާ ނުރަނގަޅު ކަންކަން ފާހަގަކޮށް ރާއްޖޭގައި އިންސާފު ގާއިމް ކޮށްދޭން ތިބޭ މީހުންނަކީ އެއީއެވެ. އެމީހުންނަކީ ގާބިލު ބަޔަކަށް ހެދުމަށް ކޮންމެ ސަރުކާރަކުންވެސް ވާހަކަ ދައްކައެވެ.

ރޭ ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރެވުނު އިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފާހަގަ ކުރެއްވި އެންމެ މުހިއްމު އެއް ނުކުތާއަކީ ފުލުހުންގެ ހިދްމަތް ފުޅާ ކުރެއްވުމުގެ ވާހަކައެވެ. ރާއްޖޭގެ ހުރިހާ ރަށަކަށެވެ. މި އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދްމަތް ދެވޭނެ ވާހަކައެވެ. 

މުހިއްމު ކަމެކެވެ. އެހެންނަމަވެސް ފުލުހުންގެ ހިދުމަތް ފުޅާ ކުރުމާ އެއްވަރަށް ފުލުހުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކުރުން މުހިއްމު ނޫންހެޔެވެ؟ ރާއްޖޭގެ އެހެން މުއައްސަސާ ތަކެކޭ އެއްފަދައިން ފުލުހުންވެސް ފެންނަނީ އޭރަކު އޮންނަ ސަރުކާރެއް ދިފާއު ކުރުމުގެ މަސައްކަތް ކުރާ ތަނެވެ. ސަރުކާރެއް ވެއްޓުމުން އެސަރުކާރެއް ގާއިމް ކުރި ޕާޓީން ފުލުހުންގެ ބޭއިންސާފުގެ ވާހަކަ ދައްކައެވެ. ފުލުހުންނަކީ އަންޕްރޮޕެޝަނަލް ބައެއް ކަމުގެ ލަގަބު އަރުވައެވެ. 

your imageނޭވާހޮޅި ހަރަކާތް ހުއްޓުވުމަށް ފުލުހުން  ޕީޕީއެމް އޮފީސް ސަރަހައްދު ބަންދުކޮށްފައި -- ފޮޓޯ: ޓުވިޓާ 

ރާއްޖޭގައި ސިޔާސީ ހަރަކާތްތައް 2004 ވަނައަހަރުން ފެށިގެން އައީ އޭގެ ކުރިން އޮތްވަރަށްވުރެ ވަރަށް ބޮޑަށް ފުޅާ ވަމުންނެވެ. ސިޔާސީ ޕާޓީތައް ހެދުމުގެ ވިސްނުން ރައްޔިތުންގެ މަޖިލީހުގައި ހިނގަންފެށިއެވެ. އޭގެ އަހަރެއްހާ ދުވަސްފަހުން ޕާޓީތައް އުފެދި ހިނގަން ފެށިއެވެ. އެއާއެކު ފުލުހުންނަށްވެސް އިތުރު ތަމްރީންތައް ދެވެމުން ދިޔައެވެ. އެހެންނަމަވެސް ފުލުހުންގެ މުއައްސަސާގައި އޮތް ވިސްނުން ބަދަލުވިތަނެއް ނުފެނެއެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ވަބާ ކަމަށްވާ ޑްރަގްގެ މައްސަލައިގައި އުޅޭ މީހުންނަށް ވުރެ ސީރިއަސްކޮށް ބަލަމުން އައީ ސިޔާސީ މީހުންގެ މައްސަލައެވެ. އާދައިގެ ކަންކަމުގައިވެސް އުފުލެމުން ދިޔަތަން ފެނުނީ ޓެރަރިޒަމްގެ ދައުވާއެވެ. އަދި ގޮޅިތަކުގައި ހައްޔަރުކޮށް އަދަބު ދެވެމުން ދިޔައެވެ.

މިކަންކަމާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދެއްކީ އޭރުގެ އިދިކޮޅުގައި އޮތް އެމްޑީޕީއެވެ. ފުލުހުންގެ މުއައްސަސާއަށް ބަދަލު ގެންނަންޖެހޭ ކަމަށް ވަކާލާތު ކުރިއެވެ. އެތައް ބަޔަކަށް ލިބުނު އަނިޔާތަކާވެސް އެކުއެވެ. މަގުތަކުގައި އިހްތިޖާޖް ކުރުމުން ފުލުހުން ހައްޔަރު ކުރާ މައްސަލައާއި، ސިޔާސީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ ކަންކަމުގެ ވާހަކަ ހުއްޓުމެއް ނެތި ދައްކާތަން ފެނުނެވެ. 

އެހެންނަމަވެސް އެމްޑީޕީގެ ކޯލިޝަން ވެރިކަމެއް 2008 ވަނަ އަހަރު ފެށި، ސިޔާސީ މަސްރަހު އަނެއް ކޮޅަށް ބަދަލު ވުމުންވެސް ފުލުހުންގެ މުއައްސަސާ އަށް އައި ބަދަލު ތަކެއް ނުފެނުނެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ފުރޮޅާލުމުގައި ފުލުހުންގެ ދައުރުވެސް ހިމެނިފައި އޮތުމެވެ. ފުލުހުންގެ ދައުރު އޭގައި ހިމެނިފައި އޮތީ އޭރުގެ އިދިކޮޅުގެ ނުފޫޒާއެކުއެވެ. 

your imageރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ތައާރަފުކުރުން -- ފޮޓޯ: ޕޮލިސް

ރާއްޖޭގެ ސިޔާސީ ކަންކަމަށް އައި ބަދަލާއެކުވެސް ފެންނަމުންދާ މަންޒަރަކީ ފުލުހުންގެ ހިދްމަތް ރާއްޖޭގެ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ބައްޓަން ވެގެން ނުދާ ތަނެވެ. ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ހަރަދު ތަކެއް ކުރި ނަމަވެސް އޭގެ ފޮނި ނަތީޖާ ފެންނަމުން ނުދާތަނެވެ. 

ފުލުހުންގެ ތެރޭގައި ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ ގާނޫނުތަކާއެއްގޮތަށް ފުލުހުން މަސައްކަތް ކުރާއިރު ރައްޔިތުން ބޭނުންވާ ނަތީޖާ ހާސިލް ވަމުން ނުދަނީ ފުލުހުންނަށް ވަރަށް ގިނަ ގޮން ޖެހުންތައް ހުރުމުން ކަމަށެވެ. 

"ގޮން ޖެހުން ތަކެއް އެބަހުރި ވަރަށް ބޮޑަށް ފުލުހުންނަށް. ކޮންމެ ސަރުކާރެއްގައިވެސް އެކަން އޮތީ އެހެން. ފުލުހުންގެ މުއައްސަސާ އަކީ އިތުބާރު އޮތް ތަނަކަށް ހެދުމަށް ފުލުހުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވެން ޖެހޭ" ކުރިން ފުލުހުންގެ ތެރޭ މަސައްކަތް ކުރެއްވި އިސް ބޭފުޅަކު ވިދާޅުވިއެވެ.

ކޮންމެ ސަރުކާރެއް ބަަދަލު ވުމުން ސަރުކާރާ ހަވާލުވަނީ ޕާޓީ އަކުންނެވެ. ފުލުހުންގެ އިސް ފަންތިއަށް ވެސް މީހުން އިސް ކުރަނީ އެ ޕާޓީއެއް ނުވަތަ ވެރިކަމަށް އިސްވާ މީހާ ރުހޭ މީހުންނެވެ. އެހެންކަމުން އެހެން މުއައްސަސާ ތަކެކޭ އެއްގޮތަށް ފުލުހުންވެސް އޭރުގައި އޮންނަ ސަރުކާރެއްގެ ފިކުރާ އެއްގޮތަށް ގިނަ ކަންކަން ކުރަން މަޖުބޫރު ވެއެވެ. ލިޔެފައި އޮންނަ އެއްޗަކަށް ވުރެ ބޮޑަށް ބުރަވެވެނީ އޭރަކު އޮންނަ ސަރުކާރެއް ބުނާ ގޮތް ހެދުމަށެވެ. 

އެހެންނަމަވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވަނީ ފުލުހުންގެ ތެރޭގައި ގަސްތުގައި ގޯސް ހަދާ ފުލުހުން ނެތް ކަމަށެވެ. މިނިސްޓަރު އިމްރާނަކީ ޑރ އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލާގައި އެންމެބޮޑަށް ފުލުހުންގެ މުއައްސަސާއަށް ފާޑުވިދާޅުވި އެއްފަރާތެވެ. އެހެންނަމަވެސް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވާ ވިދާޅުވުމަށް މިހާރު ހައްދަވަނީ ދެކޮޅެވެ. ރިފްއަތު ވިދާޅުވަނީ ފުލުހުންގެ ތެރޭގައި ގަސްތުގައި ގޯސް ހަދާ ފުލުހުން ތިބި ކަމަށެވެ. އިމްރާން، ފުލުހުންގެ ތެރޭގައި ގަސްތުގައި ގޯސް ހަދާ މީހުން ނެތޭ ވިދާޅުވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ދޮގު ހަދަނީ ކޮން މިނިސްޓަރެއްތޯ ބެލުމަށް މައްސަލަ މަޖިލީހަށް ވެއްދި ނަމަވެސް އެ މައްސަލަ ކޮމިޓީއަށް ފޮނުވަން މެމްބަރުން ބޭނުން ނުވިއެވެ. 

your imageފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން --

ރާއްޖޭގައި ހުރި ގިނަ މައްސަލަތަކަށް މަސައްކަތް ކުރަން ތިބި މީހުންނަކީ ފުލުހުންނެވެ. ފުލުހުންގެ އަހަރީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވި ފައިދައިން އެމައްސަލަތައް ބަލައި ހޯދުމުގެ ސަބަބުން ގިނަ މީހުންގެ ނަފްރަތު ފުލުހުންނަށް އަމާޒު ވާނެއެވެ. އެހެންނަމަވެސް ފުލުހުންނަށް އެބައި މީހުން ބޭނުންވާ ގޮތަށް މަސައްކަތް ކުރެވޭނެ މާހައުލެއް އުފައްދައިދޭން ޖެހެއެވެ. މިނިވަންކަމާއެކުއެވެ. 

މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭ ކަމުގެ ހެއްކަކީ އިއްޔެ ވެރިކަމުގައި ތިބި މީހުން މިއަދު ފުލުުހުން ބަދުނާމު ކުރުމެވެ. ފުލުހުންގެ މުއައްސަސާ އަށް ފާޑު ކިއުމެވެ. 2004 ވަނައަހަރު ފެށުނު ސިޔާސީ ހަރަކާތްތައް ފެށުނު ފަހުން ކޮންމެ ވެރިކަމެއް ވެއްޓުމުން ފުލުހުންނަށް އިދިކޮޅުން ރައްދުވަނީ ބަދު ބަހެވެ. ގާނޫނާ ހިލާފުވާ ވާހަކައެވެ. އެކަން ހުއްޓެން ޖެހެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް